
ނޮޓިންގްހަމް ފޮރެސްޓް ބަލިކޮށް މެންޗެސްޓަރ ސިޓީ ޖެހިޖެހިގެން ތިންވަނަ އެފްއޭ ކަޕް ފައިނަލަށް
އެފް އޭ ކަޕްގެ ސެމީފައިނަލްގައި 2-0 ން ނޮޓިންގްހަމަ ފޮރެސްޓް ބަލިކޮށް މެންޗެސްޓަރ ސިޓީން ޖެހިޖެހިގެން ތިންވަނަ ފަހަރު އެޕް އޭ ކަޕް ފައިނަލަށް ދަތުރުކޮށްފިއެވެ. މިއީ މޮޅު ސީޒަންތަކަށްފަހު އާދަޔާޚިލާފް ދަށް ސީޒަނެއް ހޭދަކުރަމުންދާ ސިޓީ, ތައްޓަކާއެކު ސީޒަން ނިންމާލަށް ލިބޭ ހަމައެކަނި ފުރުޞަތެވެ.
ވެމްބްލީ ސްޓޭޑިއަމްގައި އާދިއްތަ ދުވަހު ކުޅުނު މެޗުގައި ސީޓިން ލީޑު ނެގީ އެންމެ ދެވަނަ މިނިޓްގެ ތެރޭގައެވެ. މަޓެއޯ ކޮވަސިކް ތަނަވަސްކޮށްދިން ފުރުޞަތުގައި ލިބުނު ބޯޅަ ގޯލްގެ ރިތީ ކަނަށް ފޮނުވާލައިގެން ސިޓީގެ ފުރަތަމަ ގޯލް ކާމިޔާބުކުރީ ރިކޯ ލެވިސްއެވެ.
ސިޓީން އެހާ އަވަސް ގޯލެއް ޖަހާނެކަމަށް އުއްމީދު ނުކޮށްތިބި ފޮރެސްޓަށް މިއީ އެމީހުންގެ ގޭމްޕްލޭންގައިވެސް އޮތްގޮތެއްނޫނެވެ. ފުރަތަމަ ހާފުގައި ދަށް ކުޅުމެއް ފެނިގެންދިޔަ ފޮރެސްޓުން ގޯލާ އަމާޒުކޮށް އެންމެ ޝޮޓެއްވެސް ހެދިފައި ނުވާއިރު, ސިޓީއަށް ވެސް އޭގެ ފައިދާ ނެގިފައެއްވެސް ނުވެއެވެ.
މެޗުގެ ދެވަނަ ހާފު ފެށުނުތަނާހެން ފޮރެސްޓަށް ނަތީޖާ އެއްވަރު ކުރާނެ ރަނގަޅު ފުރުޞަތެއް ވަނީ ލިބިފައެވެ. ނަމަވެސް ކައްލުމް ހަޑްސަން-އޮޑޯއީ ގެ ރީތި ހުރަސް ގޯލަކަށް ބަދަލުކޮށްލަށް އެންތަނީ އެލަންގާއަށް ލިބުނު ފުރުޞަތު ގެއްލުނީ ހަނިގޮތަކަށެވެ.
އޭގެ ފަސް މިނިޓް ފަހުން ސީޓިން ވަނީ ދެވަނަ ގޯލް ކާމިޔާބުކޮށް ލީޑު ފުޅާކޮށްފައެވެ. އޮމަރް މަރްމޯޝްގެ ނަގައިދިން ކޯނަރު ގޯލަށް ފޮނުވާލައިގެން ސިޓީގެ ދެވަނަ ގޯލް ކާމިޔާކުރީ ހޮސްކޯ ގުވާޑިއޯލްއެވެ.
މި ނަތީޖާއާއެކު 1991 ން ފެށިގެން އެފް އޭ ކަޕްގެ ފައިނަލަށް ދިއުމަށް ނޮޓިންގްހަމަ އިން ކުރަމުން އައި އުއްމީދު އަނެއްކާވެސް މިވަނީ މަޑުޖައްސާލަން ޖެހިފައެވެ.
އެފް އޭ ކަޕްގެ ފައިނަލްގައި މެއި 17 ވަނަ ދުވަހު ސިޓީން ބައްދަލުކުރާނީ ހޮނިހިރު ދުވަހު 3-0 ން އެސްޓަންވިލާ ބަލިކޮށް ފައިނަލަށް ދަތުރުކުރި ކްރިސްޓަލް ޕެލަސްއާއެވެ.
ރިއެކްޝަންސް






