ބާބާ ގާޑިއާގެ ވެރިޔާ ހަސަން އަތީގަށް ހާޓްއެޓޭކެއް ޖެހި، މާލޭގައި ފަރުވާދެން ފަށައިފި
ފުވައްމުލަކުން ފެށިގެން ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ބާބާ ގާޑިއާގެ ވެރިޔާ ހަސަން އަތީގަށް ހާޓްއެޓޭކެއް ޖެހި، މާލެ ގެނެސް ފަރުވާ ދިނުމުގެ މަސައްކަތް ފަށައިފި އެވެ. އޭނާއަށް މިހާރު ފަރުވާ ދެމުން އަންނަނީ އައިޖީއެމްއެޗްގަ އެވެ.
ހަސަން އަތީގުގެ އެކުވެރިއަކު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، އިއްޔެ މެންދުރުފަހު އަތީގުގެ މެޔަށް އާދަޔާ ހިލާފަށް ތަދުވާން ފެށި އެވެ. އޭގެ ސަބަބުން ދާހިއްލަން ފެށުމުން އޭނާ ފުވައްމުލަކު ހޮސްޕިޓަލަށް ދިޔަ އެވެ. ހޮސްޕިޓަލުން ހެދި ޓެސްޓުތަކުން ހާޓްއެޓޭކެއް ޖެހިފައިވާކަން އެނގުމާއެކު، ވަގުތުން ފަރުވާ ފަށާފައިވާ ކަމަށް ވެސް އެ ޕޯސްޓުގައިވެ އެވެ.
ފުވައްމުލަކު ހޮސްޕިޓަލްގައި ފަރުވާ ދިނުމަށްފަހު، މިއަދު ފަތިހު އަތީގު މާލެ ގެނެސްފައިވާއިރު، މިހާރު އޭނާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަ ކަމަށް އޭނާގެ އެކުވެރިޔާގެ ޕޯސްޓުގައިވެ އެވެ.
ފުޑް ޓްރަކެއްގައި ހިންގާ ބާބާ ގާޑިއާގެ ވިޔަފާރި އެންމެ ފުރަތަމަ ފެށީ ފުވައްމުލަކުގަ އެވެ. އޭގެފަހުން އެ ގާޑިއާއަށް ގިނަ ބައެއްގެ މަގުބޫލުކަން ލިބި، މިދިޔަ އަހަރުގެ މޯލްޑިވްސް އެކްސްޕޯއާ ދިމާކޮށް މާލެ ގެނެސް މާލޭގައި ވެސް ވަނީ ވިޔަފާރިކޮށްފަ އެވެ. ޝަވަރުމާއަށް މަޝްހޫރު އެ ގާޑިއާއިން މިދިޔަ އެކްސްޕޯގެ އެންމެ ފަހު ރޭ ވިޔަފާރިކޮށްގެން ލިބުނު ފައިސާއިން 20،000 ރުފިޔާ ވަނީ ފަލަސްތީނަށް ހަދިޔާކޮށްފަ އެވެ.
ރިއެކްޝަންސް





