ފެނަކައިގެ ކުރީގެ ޕްރޮކިއުމަންޓް ހެޑް މަރިޔަމް ދީނާ ޖަލަށް ލާން ހުކުމްކޮށްފި
ފެނަކަ ކޯޕަރޭޝަންގެ ކުރީގެ ޕްރޮކިއުމަންޓް ހެޑް މަރިޔަމް ދީނާ، މަސައްކަތް ނުނިމެނީސް ބްލޭޒަން އިންކް ކުންފުންޏަށް ފައިސާ ދޫކުރި މައްސަލައެއްގައި، އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން މިއަދު އިއްވައިފިއެވެ.
މި މައްސަލައިގައި ދީނާގެ މައްޗަށް ސާބިތުވެފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ. މި އަދަބު ކަނޑައެޅުމުގެ މަޖިލީސް ކުރިއަށް ދިޔަ ވަގުތު، ދީނާގެ ފަރާތުން ސިއްހީ މައްސަލަތަކެއް ހުރިކަމަށާއި، އެކަނިވެރި މައެއްގެ ގޮތުގައި ތުއްތު ކުދިން ބަލަމުންދާކަން ފާހަގަކޮށް، އަދަބު ލުއިކޮށްދިނުމަށާއި، ޖޫރިމަނާއަކަށް ނުވަތަ ގޭބަންދަކަށް ބަދަލުކޮށްދިނުމަށް އެދިފައިވެއެވެ.
ނަމަވެސް، މައްސަލަ ބެއްލެވި ގާޒީ އާދަމް މުހައްމަދު ނިންމެވީ، އޭނާ ޖަލުގައި ނުބެހެއްޓޭނެ ފަދަ ސިއްހީ ހާލަތެއް އޮތްކަން މެޑިކަލް ލިޔުންތަކުން ސާބިތުނުވާތީއާއި، މިއީ މުޖުތަމައު ފަސާދަވާ ފަދަ ކުށަކަށް ވާތީ ޖަލު އަދަބު ދިނުމަށެވެ. އެގޮތުން، މި ކުށުގެ އަސާސީ އަދަބު ކަމަށްވާ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ.
މި މައްސަލައާ ގުޅިގެން ދައުވާ ލިބުނު ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދުގެ މައްޗަށް މީގެ ކުރިން ވަނީ ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. މީގެ އިތުރުން، ކެއިރެޓްސޫ ކުންފުންޏާ މަސައްކަތްތަކެއް ހަވާލުކުރި މައްސަލައެއްގައި ވެސް ދީނާގެ މައްޗަށް ކޮރަޕްޝަންގެ އެހެން ދައުވާއެއް މިހާރު ވެސް ކޯޓުގައި ކުރިއަށްދެއެވެ.
ރިއެކްޝަންސް





