
ރައީސް މުއިއްޒު އަރަބި ބަހުން މެސެޖެއް ކުރައްވާ ސަޢޫދީ ޢަރަބިއްޔާގެ ތައުސީސީ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަރަބި ބަހުން މެސެޖެއް ކުރައްވައި، ސަޢޫދީ ޢަރަބިއްޔާގެ ތައުސީސީ ދުވަހާ ގުޅިގެން ތަހުނިޔާ ފޮނުއްވައިފިއެވެ.
އެމަނިކުފާނުގެ ރަސްމީ "އެކްސް" އެކައުންޓް މެދުވެރިކުރައްވާ ފޮނުއްވި މި މެސެޖުގައި ސަޢޫދީ ޢަރަބިއްޔާގެ ކުރިއެރުމާއި، ތަނަވަސްކަމާއި، ސަލާމަތާއި ހަމަޖެހުމަށް އެދިވަޑައިގެންފައި ވެއެވެ.
ރައީސް މުޢިއްޒު ތަހުނިޔާ ފޮނުއްވާފައިވަނީ ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލް ސަޢޫދަށާއި، ވަލީޢަހްދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލް ސަޢޫދަށެވެ. އަދި މީގެ އިތުރުން އެ ޤައުމުގެ ރައްޔިތުންނަށްވެސް ތަހުނިޔާ ރައްދުކުރައްވާފައިވެއެވެ.
ސަޢޫދީ ޢަރަބިއްޔާގެ ތައުސީސީ ދުވަހަކީ އެ ޤައުމުގެ ފުރަތަމަ ދައުލަތް އުފެދުނު ދުވަހާ ގުޅުވައިގެން ފާހަގަކުރާ ދުވަހެކެވެ. މި ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުއެވެ.
ރައީސް މުއިއްޒު އެކްސް މެދުވެރިކޮށް އަރަބި ބަހުން މެސެޖެއް ކުރައްވާފައިވާ އިރު ސައުދީ ސަރުކާރުގެ ފަރާތުން ދިވެހިރާއްޖޭގައި އަރަބި ބަސްކިޔަވައިދޭ މައުހަދެއް ޤާއިމުގެ މަސައްކަތް ވަނީ ފެށިފައެވެ.
ރިއެކްޝަންސް






