
ކަރަންޓުގެ ޑިމާންޑް 130 މެގަވޯޓަށް އަރާނެކަމަށް ބަލާ، ސްޓެލްކޯ އިން ރަމަޟާން މަހަށް ތައްޔާރުވާން ފަށައިފި
ރަމަޟާން މަހު މާލެ ސަރަހައްދުގައި އިތުރުވާ ކަރަންޓުގެ ޑިމާންޑް 130 މެގަވޯޓަށް އަރާނެކަމަށް ބަލާ، ސްޓެލްކޯ އިން ރަމަޟާން މަހަށް ތައްޔާރުވަމުންދާ ކަމަށް އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ އިބްރާހިމް ނާޝިދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިފަދައިން ވިދާޅުވީ ޤާއުމީ މީޑިއާ ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.
މިއަހަރުގެ ރަމަޟާން މަސް ދިމާވަނީ ހޫނު މޫސުމާއި ސްކޫލް ބަންދު ދުވަސްވަރާ އެވެ. އެހެންކަމުން ކަރަންޓް ބޭނުންކުރާ މިންވަރު ވަރަށް ބޮޑަށް އިތުރުވާނެ ކަމަށް ސްޓެލްކޯއިން ވަނީ އަންދާޒާ ކޮށްފައެވެ. ޑިމާންޑަށް ކޭޓަރ ކުރުމަށް ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް ނާޝިދު ވިދާޅުވިއެވެ.
ރަމަޟާން މަހު ކަރަންޓް ބޭނުންކުރާ މިންވަރު 15 އިންސައްތަ އާއި 20 އިންސައްތަ އާއި ދެމެދު އިތުރުވާ ކަމަށް ނާޝިދު ވިދާޅުވިއެވެ. މިދިޔަ އަހަރުގެ ރަމަޟާން މަހުގެ ޕީކް ޑިމާންޑަކީ 113 މެގަވޯޓް ކަމަށާއި، މިއަހަރު އޭގެ މައްޗަށް އިތުރު 15 މެގަވޯޓް އިތުރުވެ، ޖުމްލަ 130 މެގަވޯޓާ ކައިރިކުރާނެ ކަމަށް އަންދާޒާކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ސްޓެލްކޯއިން ވަނީ އާންމުންނަށް ގޭބީސީތަކުގައި ކަރަންޓް ބޭނުންކުރާއިރު އިޤްތިޞާދުކުރުމަށް އިލްތިމާސްކޮށްފައެވެ. ޚާއްޞަކޮށް އޭސީ، ދޮންނަ މެޝިން، އަވަން އަދި އިސްތިރި ފަދަ ތަކެތި ބޭނުންކުރާއިރު ސަމާލުވެ ކަރަންޓް އިޤްތިޞާދުކުރުމަށް އެދިފައިވެއެވެ.
ކޮންމެ އަހަރެއްގެވެސް ރަމަޟާން މަސް ވެގެންދަނީ އެހެން ހުރިހާ މަސްތަކަކަށް ވުރެ ކަރަންޓްގެ ޑިމާންޑު ބޮޑުވެ ކަރަންޓުގެ މައްސަލަތައް ދިމާވާ މަހަކަށެވެ. އެހެންކަމުން މިކަން ހައްލު ކުރުމަށްޓަކައި ސަރުކާރުން ކަރަންޓް ފޯރުކޮށްދޭ ދެކުންފުނިކަމަށް ވާ ސްޓެލްކޯ އާއި އަދި ފެނަކައިން އަންނަނީ މިކަމަށް ތައްޔާރުވަމުންނެވެ.
މިގޮތުން ފެނަކައިން މިހާރުވެސް އަންނަނީ ރާއްޖޭގެ އަތޮޅުތަކުގައި ހުރި ޖަނަރޭޓަރު ބޭނުންވާ އިންޖީނުގެ ތަކަށް ޖަނަރޭޓަރުތައް ފޮނުވާ އަދި މަރާމާތުކުރަން ޖެހިފައިވާ އިންޖީނުތައް މަރާމާތުކުރަމުންނެވެ.
ރިއެކްޝަންސް






