
ސްޕްރީމް ކޯޓްގެ އަމުރާ ބަންޑާރަނައިބު ހިލާފްވެފައިވާ ކަމަށް ބުނެ ފިޔަވަޅު އަޅައިދޭން އެދިއްޖެ
ސްޕްރީމް ކޯޓްގެ އަމުރާ ބަންޑާރަނައިބު ހިލާފްވެފައިވާ ކަމަށް ބުނެ ފިޔަވަޅު އަޅައިދޭން ރައްޔިތުންގެ މަޖިލިހކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިން އެދިއްޖެއެވެ. އަލީ ހުސައިން ސްޕްރީމް ކޯޓްގައި މިކަމަށް އެދުނީ އެކޯޓަށް އޭނާ ހުށަހެޅުއްވި މައްސަލައިގައި ދައުލަތުން ޖަވާބުދީފައި ނުވާތީ މައްސަލަ ހުށަހެޅުއްވި ފަރާތުގެ ހައިސިއްޔަތުންނެވެ.
އުއްތަމަ ފަނޑިޔާރަށް އެޑްރެސްކުރައްވާ ފޮނުއްވި ސިޓީގައި އަލީ ހުސައިން ވިދާޅުވެފައި ވަނީ އޭނާ ހުށަހެޅުއްވި މައްސަލައާ ގުޅިގެން ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި މައްސަލަ ކުރިއަށްގެންދިއުމަށް ނިންމަވާ, ޖަވާބުދާރީ ވުމަށް މައްސަލަ ރައްދުވާ ފަރާތް އެޓަރނީ ޖެނެރަލްގެ އޮފީހަށް (ދައުލަތް) 10 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.
އެމުއްދަތު މިދިޔަ ފެބްރުއަރީ މަހުގެ 28 އަށް ހަމަވެފައިވީ ނަމަވެސް ދައުލަތުން މައްސަލައަށް ޖަވާބުދާރީ ވެފައި ނުވާ ކަމާއި, އަދި މުއްދަތު އިތުރުކުރަންވެސް އެދިފައިނުވާކަން ކޯޓުން ދެއްވި މައުލޫމާތުން އެނގޭކަން ފާހަގަކުރައްވާ އަލީ ހުސައިން ވިދާޅުވެފައިވަނީ އެއީ އެއީ އަމުރަށް ނުކިޔަމަންތެރިވުން ކަމަށެވެ. ޝަރީޢަތުގެ މަޖިލިހުގައި ފަނޑިޔާރުން ކުރާ ޢަމުރުތަކަށް ކިޔަމަންވުމަކީ އެއަމުރު ރައްދުވާ ފަރާތުގެ މައްޗަށް ލާޒިމްކަމެއްކަން ފާހހަގަކުރައްވާ, ސިޓީގައި އެދިފައިވަނީ ސްޕްރީމް ކޯޓްގެ އަމުރާ ހިލާފްވެ, އެކޯޓްގެ ހުރުމަތް ކަނޑާފައިވާތީ ބަންޑާރަނައިބުގެ މައްޗަށް ފިޔަވަޅު އަޅުއްވައިދެއްވުމަށެވެ. އަދި މައްސަލައިގެ ޖަވާބު ފޯރމް ހުށަހަޅަން ބަންޑާރަނައިބަށް އަންގަންވެސް އެދިފައިވެއެވެ.
ސްޕްރީމް ކޯޓްގައި ހިނގަމުންދިޔަ މައްސަލަ ހުއްޓިފައިވަނީ އެކޯޓްގެ ތިން ފަނޑިޔާރެއްގެ މައްސަލަ ޖޭއެސްސީން ބަލަން ފަށާ, ތިން ފަނޑިޔާރުން ސަސްޕެންޑް ކުރުމުންނެވެ.
ރިއެކްޝަންސް






