
ސްޕްރީމް ކޯޓްގެ ފަނޑިޔާރުން ސަސްޕެންޑްކުރީ އަސާސެއްނެތް މައްސަލަތަކެއް އުފަންކޮށް, ނުފޫޒު ފޯރުވަން- ޑރ.އަޒްމިރާލްދާ ޒާހިރު
ސްޕްރީމް ކޯޓްގެ ފަނޑިޔާރުން ސަސްޕެންޑްކުރީ އަސާސެއްނެތް މައްސަލަތަކެއް އުފަންކޮށް, ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވަން ކަމަށް, ސަސްޕެންޑްކޮށްފައި ހުންނެވި ފަނޑިޔާރު ޑރ.އަޒްމިރާލްދާ ޒާހިރު ވިދާޅުވެއްޖެއެވެ.
ވަކީލުން މެދުވެރިކުރައްވާ މިއަދު ޢާއްމުކުރެއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން އޭސީސީން ތަހުގީގުކުރާ ޖިނާއީ މައްސަލައަކާ ގުޅިގެން ކަމަށްބުނެ, ފެބްޔުއަރީ 26 ވަނަ ދުވަހު ސަސްޕެންޑްކޮށް, ހަމަ އެދުވަހު ސްކޫލީ މައްސަލަ ބަލަން ނިންމާފައިވާކަން އަންގާފައިވަނީ އަސްލެއް އަސާސެއް ނެތި ކަމަށެވެ. އެއީ ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވުމަށް އުފައްދާފައިވާ ހާލަތެއްކަމަށް ދެކޭ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.
ބަޔާނުގައި ބުނެފައިވަނީ ޖޭއެސްސީން އަޒްމިރާލްދާ ސަސްޕެންޑްކުރަން ނިންމެވި ނިންމެވުމާ ޑރ. އިސްމާއީލް ލަތީފް (އަޒްމިރާލްދާގެ ފިރިކަލުން) ގެ ބަންދާމެދު ގޮތެއް ނިންމުމަށް ބޭއްވި އަޑުއެހުމާ ގުޅިގެން ކްރިމިނަލް ކޯޓްގެ ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރިކަމަށް ބުނެ, ސްލޫކީ މައްސަލައެއް ބެލުމަށް ނިންމާފައިވާކަން ޖޭއެސްސީން އެންގި ކަމަށެވެ. އެކަމަކު ޖިނާއީ ކުށެއްގެ ތުހުމަތުވެސް ނެތީސް ހައްޔަރުކުރި ޑރ.އިސްމާއީލް ލަތީފް ބަންދުން ދޫކުރުވުމަށް ނުފޫޛު ފޯރުވިކަމަށް ކުރާ ތުހުމަތަކީ ކަނޑައެޅިގެން ހަގީގަތާ ހިލާފް ދޮގު ތުހުމަތެއް ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.
ބަޔާނުގައި ބުނެފައިވަނީ އެމައްސަލައާ ގުޅިގެން އެއްވެސް ފަނޑިޔާރަކަށް ގުޅާފައިވެސް ނުވާނެ ކަމަށާއި, އެއްވެސް ބާޔަތެއްގެ ނުފޫޛެއް ފޯރުވާފައިނުވާނެކަން ބަޔާންކޮށް ޖޭއެސްސީއަށް ސިޓީއެއް ފޮނުއްވާފައިވާނެ ކަމަށެވެ.
އޭސީސީން ތަހުޤީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ސަސްޕެންޑްކުރި ކަމަށް ބުނާއިރު, ހަފްތާއެއް ވިއިރުވެސް ފަނޑިޔާރުންގެ މައްސަލައެއް ބަލަމުންދާ ކަމެއް އަދި އެއީ ކޮން މައްސަލައެއްކަމެއްވެސް އޭސީސީން ބުނެފައި ނުވާކަމަށް ބަޔާނުގައި ވެއެވެ.
ބަޔާނުގައި ވަނީ އަސާސެއް އޮތް ތަހުގީގެއް އޭސީސީން ކުރަމުންދާ ކަމާމެދު ސުވާކު އުފައްދަވާފައެވެ.
ރިއެކްޝަންސް






