ހުޅުމާލޭގައި 1،000 ހައުސިންގ ޔުނިޓު ތަރައްޤީކުރުމަށް ދިވެހި 5 ކުންފުންޏަކާ ހަވާލުކޮށްފި

ހުޅުމާލޭގައި 1،000 ހައުސިންގ ޔުނިޓު ތަރައްޤީކުރުމަށް ދިވެހި 5 ކުންފުންޏަކާ ހަވާލުކޮށްފި

15 hours ago - 10:11
Advertisement
Advertisement

ސަރުކާރުގެ "އެފޯޑަބަލް ހޯމް އޯނާޝިޕް" ސްކީމުގެ ދަށުން، ޕަބްލިކް-ޕްރައިވެޓް ޕާޓްނާޝިޕް އުސޫލުން ހުޅުމާލޭގައި 1،000 ހައުސިންގ ޔުނިޓު ތަރައްޤީކުރުމުގެ މަޝްރޫޢު ދިވެހި ފަސް ކުންފުންޏަކާ މިއަދު ހަވާލުކޮށްފިއެވެ.


ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، މި މަޝްރޫޢުގެ އެއްބަސްވުންތަކުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ. މި މަޝްރޫޢު ހަވާލުކުރި ކުންފުނިތަކަކީ:

އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް
ޖޭވީ ޕާޓްނާޝިޕް – ވަން ރިއަލިޓީ ޕްރައިވެޓް ލިމިޓެޑް އަދި މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
އަމިން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް
ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް
ޖޭވީ ޕާޓްނާޝިޕް - ފްލެކްސިންކް، އޮކްސްރޯ، ސޮލެކްސް އަދި ބީވާ ބިލްޑާސް

ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، ހުޅުމާލެ 3 ވަނަ ފިޔަވަހީގައި ކުރިއަށްގެންދާ މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން، މެދުފަންތީގެ އާމްދަނީ ލިބޭ އާއިލާތަކަށް އަތްފޯރާ ފަށުގައި ގެދޮރުވެރިކަން ފޯރުކޮށްދިނުމަށް ފެށި ފުރަތަމަ މަޝްރޫޢެވެ. މި މަޝްރޫޢު ނިންމުމަށް ކުންފުނިތަކަށް ދީފައިވަނީ 2 އަހަރާއި ބައިގެ މުއްދަތެކެވެ.


މި މަޝްރޫޢުގެ ދަށުން ކޮންމެ ކުންފުންޏަކުން 200 ހައުސިންގ ޔުނިޓު ތަރައްޤީކުރާނެއެވެ. މީގެ ތެރޭގައި ހިމެނެނީ 60 ޔުނިޓުގެ 2 ކޮޓަރީގެ އެޕާޓްމަންޓާއި (700 އަކަފޫޓު)، 140 ޔުނިޓުގެ 3 ކޮޓަރީގެ އެޕާޓްމަންޓެވެ (950 އަކަފޫޓަށްވުރެ ބޮޑު). ސަރުކާރުން ކަނޑައަޅާފައިވާ ގޮތުގައި 2 ކޮޓަރީގެ ފްލެޓެއް ވިއްކޭނެ އެންމެ މަތީ އަގަކީ 1.8 މިލިއަން ރުފިޔާއެވެ. އަދި 3 ކޮޓަރީގެ ފްލެޓެއްގެ އެންމެ މަތީ އަގަކީ 2.3 މިލިއަން ރުފިޔާއެވެ.


މި ފްލެޓްތައް ވިއްކުމަށް ހަމަޖެހިފައިވަނީ ސަރުކާރުގެ "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމަށް ފޯމު ހުށަހަޅައި ޝަރުތު ހަމަވާ ފަރާތްތަކަށެވެ. މީގެ އިތުރުން، މާލެ ސަރަޙައްދުގެ އެކި ސަރަޙައްދުތަކުގައި ދިވެހި އަދި ބޭރުގެ ކުންފުނިތަކާ ހަވާލުކޮށްގެން ޖުމުލަ 3,260 އަށްވުރެ ގިނަ ހައުސިންގ ޔުނިޓުގެ މަސައްކަތް މިހާރުވެސް ދަނީ ކުރިއަށެވެ. އެގޮތުން ބީއެމްއެލް އެފޯޑަބަލް ހައުސިންގ މަޝްރޫޢުގެ ދަށުން އިތުރު 540 ޔުނިޓު އެޅުމަށްވެސް ވަނީ ނިންމާފައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement