ދަރަނި އަދާކުރުމާއި އިންޓްރެސްޓްގެ ޚަރަދުތައް ނުހިމަނައި، ދައުލަތަށް ލިބުނު އާމްދަނީން އާންމު ޚަރަދުތައް ހަމަޖައްސައިފި

ދަރަނި އަދާކުރުމާއި އިންޓްރެސްޓްގެ ޚަރަދުތައް ނުހިމަނައި، ދައުލަތަށް ލިބުނު އާމްދަނީން އާންމު ޚަރަދުތައް ހަމަޖައްސައިފި

15 hours ago - 10:16
Advertisement
Advertisement

މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ މާލީ ތަފާސްހިސާބުތަކަށް ބަލާއިރު، ދައުލަތަށް ލިބުނު އާމްދަނީ އިތުރުވި ނަމަވެސް، ތަކެތީގެ އަގު ހިފެހެއްޓުމަށް ދޭ ސަބްސިޑީއާއި މުސާރައިގެ ޚަރަދުތައް ބޮޑުވުމުގެ ސަބަބުން ބަޖެޓު ދަރަނިވެފައިވާކަން މާލީ ވުޒާރާގެ ރިޕޯޓުތަކުން ހާމަވެއްޖެއެވެ.


މާލީ ވުޒާރާއިން އާންމުކޮށްފައިވާ "ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް" ރިޕޯޓުގައިވާ ގޮތުން، ޖޫން މަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި 22.4 ބިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 2 ބިލިޔަން ރުފިޔާގެ އިތުރުވުމެކެވެ. ނަމަވެސް، މި މުއްދަތުގެ ތެރޭގައި ދައުލަތުން ކުރި ޚަރަދުތައް ވަނީ 23.3 ބިލިޔަން ރުފިޔާއަށް އަރާފައެވެ. އެހެންކަމުން ޖުމްލަ ބަޖެޓް ވަނީ 975.9 މިލިޔަން ރުފިޔާއިން ދަރަނިވެފައެވެ.


ޚަރަދުތައް ބޮޑުވުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި މާލީ ވުޒާރާއިން ފާހަގަކޮށްފައިވަނީ ސަބްސިޑީއަށް ކުރި ޚަރަދު 92 އިންސައްތަ އިތުރުވުމެވެ. މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލާއި ތަކެތީގެ އަގު އުފުލުމުން، ރާއްޖޭގެ ބާޒާރުގައި އަގުތައް ހިފެހެއްޓުމަށް ސަބްސިޑީގެ ގޮތުގައި 2.8 ބިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މީގެ އިތުރުން، ސަރުކާރުގެ ޕޭ ހަމަނައިޒޭޝަން ސިޔާސަތުގެ ދަށުން މުވައްޒަފުންގެ މުސާރަ އެއްހަމަކުރުމާ ގުޅިގެން، މުސާރައަށް ކުރި ޚަރަދު ވަނީ 7.8 ބިލިޔަން ރުފިޔާއަށް އިތުރުވެފައެވެ.


އާމްދަނީއަށް ބަލާއިރު، ޓެކްސްގެ ގޮތުގައި 17.2 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރަށްވުރެ 2 ބިލިޔަން ރުފިޔާ އިތުރު އަދަދެކެވެ. ޚާއްޞަކޮށް ވިޔަފާރީގެ ހަރަކާތްތައް އިތުރުވުމާއެކު ކޯޕަރޭޓް އިންކަމް ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ 6.2 އިންސައްތަ އިތުރުވެފައެވެ. ހަމައެއާއެކު، ހިލޭ އެހީގެ ގޮތުގައި ބަޖެޓުކުރި ވަރަށްވުރެ އިތުރަށް، ޖުމްލަ 434.2 މިލިޔަން ޑޮލަރު މި މުއްދަތުގައި ހޯދާފައިވާކަން ފާހަގަކުރެވެއެވެ.


ބަޖެޓު ދަރަނިވީ ނަމަވެސް، ދައުލަތުގެ ޕްރައިމަރީ ސާޕްލަސްގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ހުރިކަމަށް މާލީ ވުޒާރާއިން ވިދާޅުވިއެވެ. މިއީ ދަރަނި އަދާކުރުމާއި އިންޓްރެސްޓް ނުހިމަނައި، ދައުލަތަށް ލިބޭ އާމްދަނީން އާންމު ޚަރަދުތައް ހަމަޖެއްސޭނެކަން ކަށަވަރުކޮށްދޭ މިންގަނޑެކެވެ. މާލީ ވުޒާރާއިން ވަނީ ދައުލަތަށް ލިބޭ އާމްދަނީން އާންމު ޚަރަދުތައް ހަމަޖެއްސޭނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement