
އެޗްޑީސީއަށާއި އާރުޑީސީއަށް އާ މެނޭޖިން ޑިރެކްޓަރުން އައްޔަންކޮށްފި
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ މެނޭޖިން ޑިރެކްޓަރުންގެ މަޤާމަށް މިއަދު އާ ބޭފުޅުން އައްޔަންކޮށްފިއެވެ.
އެޗްޑީސީގެ އެމްޑީގެ މަޤާމަށް އައްޔަންކުރެއްވީ ރިޓަޔާޑް ބްރިގޭޑިއާ ޖެނެރަލް އަލީ ޒުހައިރެވެ. އަދި އާރުޑީސީގެ އެމްޑީގެ މަޤާމަށް އައްޔަންކުރެއްވީ އިބްރާހިމް ނަޒީމެވެ. އެޗްޑީސީގެ އެމްޑީގެ މަޤާމު ހުސްވީ، އެ މަޤާމުގައި ކުރިން ހުންނެވި މުޙައްމަދު މައުރޫފް ޖަމީލް މިއަދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ހާމަކުރެއްވި ގޮތުގައި، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް އަލީ ޒުހައިރު އައްޔަންކުރެވުނީ، އާރުޑީސީގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަޤާމުން އެމަނިކުފާނު ވަކިކުރުމަށްފަހުއެވެ.
އާރުޑީސީގެ އެމްޑީގެ މަޤާމަށް އައްޔަންކުރެއްވި އިބްރާހިމް ނަޒީމް ވަނީ މި މަޤާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވާފައެވެ. މީގެ އިތުރުން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި އެމްއާރުޑީސީ ގެ އެމްޑީގެ މަޤާމު ވެސް ނަޒީމް ފުރުއްވާފައިވެއެވެ.
މައުރޫފް ޖަމީލް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަޤާމުން މިއަދު އިސްތިއުފާ ދެއްވިއިރު، އެމަނިކުފާނު މި މަޤާމަށް އައްޔަންކުރެވުނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ. މައުރޫފްގެ އެމްޑީކަމުގައި އެޗްޑީސީން ވަނީ ހުޅުމާލޭގެ މާސްޓާޕްލޭނަށް އުންމީދީ ބަދަލުތަކެއް ގެނެސް، ކުންފުނީގެ ހިންގުމަށް ހަރުދަނާ ބަދަލުތަކެއް ގެނައުމަށް އާ ސްޓްރެޓެޖިކް ޕްލޭނެއް އެކުލަވާލާފައެވެ
ރިއެކްޝަންސް






