އެންމެ ޙާޖީއަކު ފިޔަވައި، ދިވެހި އެންމެހާ ޙައްޖުވެރިން މިވަގުތު ތިބީ ޢަރަފާތު ބިމުގައި
މިއަހަރުގެ މުގައްދަސް ޙައްޖުގެ އަޅުކަމުގައި ބައިވެރިވާ ދިވެހި ޙާޖީންގެ ތެރެއިން އެންމެ ޙާޖީއެއް ފިޔަވައި ހުރިހާ އެންމެން މިވަގުތު ޢަރަފާތު ބިމަށް ގޮސްފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
ޙައްޖުވެރިން ޢަރަފާތަށް އައުމަށް މިނާއިން ދަތުރުފެށީ ރާއްޖެ ގަޑިން ރޭ ދިހަގަޑި ބައިގައެވެ. ދިވެހި ޙާޖީން ޢަރަފާތަށް އުފުލުމަށް ޖުމްލަ 22 ބަސް ބޭނުންކޮށްފައިވާއިރު، އެންމެ ފަހު ބަހުގެ ޙާޖީންނަށް ޢަރަފާތަށް އާދެވިފައިވަނީ ރާއްޖެ ގަޑިން މިއަދު ފަތިހު 5:00 ހާއިރުއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ޞައީދު ވިދާޅުވީ، ދިވެހި ހުރިހާ ޙާޖީން މިވަގުތު ޢަރަފާތުގައި ތިބި ނަމަވެސް، އެންމެ ޙާޖީއަކު މިވަގުތު އޮތީ ބަލިވެގެން މިނާގެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ކަމަށެވެ. ނަމަވެސް ޙައްޖު ކޯޕަރޭޝަންގެ އެހީތެރިންނާއެކު އެ ޙާޖީވެސް ވަރަށް އަވަހަށް ޢަރަފާތަށް ގެންދެވޭނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ. ޖުމްލަގޮތެއްގައި ހުރިހާ ޙާޖީންގެ ޙާލުވެސް ރަނގަޅުކަމަށް ވުޒާރާއިން މަޢުލޫމާތުދެއެވެ.
ޙާޖީންނަށް ޢަރަފާތުގައި ތިބުމާއި ކެއިންބުއިމުގެ ހުރިހާ އިންތިޒާމުތަކެއް ވަނީ ވަރަށް ފުރިހަމައަށް ހަމަޖައްސާފައެވެ. ޙައްޖުގެ އެންމެ މާތް ދުވަސް ކަމުގައިވާ ޢަރަފާތު ދުވަހުގެ މަނާސިކުތައް ފެށިގެން ކުރިއަށްދާއިރު، މިއަދު ދިވެހި ޙާޖީންނަށް ޚާއްޞަކޮށްގެން ދޭ ޚުޠުބާ ދެއްވާނީ މިއަހަރުގެ އިސް ޝައިޚު، ޝައިޚް އިލްޔާސް ޙުސައިނެވެ. ޢަރަފާތު ދުވަހުގެ އެންމެ މާތް ވަގުތަކީ މެންދުރު ނަމާދުން ފެށިގެން އިރުއޮއްސުމާ ހަމައަށެވެ.
ޙައްޖުވެރިން މިއަދުގެ އިރުއޮއްސުމާ ހަމައަށް ޢަރަފާތުގައި ދުޢާކުރުމާއި ޒިކުރުކުރުމުގައި މަޑުކުރުމަށްފަހު، މިރޭ އިރުއޮއްސުމުން މުޒްދަލިފާއަށް ދިއުމަށް ދަތުރުފަށާނެއެވެ. އަދި މާދަމާ ހެނދުނު އަލުން މިނާއަށް ގޮސް، ޖަމްރަތުލް ޢަޤަބާއަށް ހިލައުކުމާއި އެހެނިހެން ވާޖިބުތައް ފުރިހަމަކުރުމުން ފުރަތަމަ ތަޙައްލުލުވެ، އިޙްރާމް ކަނޑާނެއެވެ.
ރިއެކްޝަންސް





