
ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދިޔަ ދެ ބިދޭސީއަކު ހައްޔަރުކޮށްފި
ގަވާއިދާ ހިލާފަށް ވިޔަފާރިކުރަމުންދިޔަ ދެ ބިދޭސީކު ފުލުހުން ހައްޔަރުކޮށްފިއެވެ. ފުލުހުން ވިދާޅުވީ ހުޅުމާލެއިން ހައްޔަރުކުރީ ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ ދެ ބިދޭސީން ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އެމްޑީ ޝަމިމް މިއާ، ބަންގްލަދޭޝް (37އ) އާއި އަލައުއްދީން، ބަންގްލަދޭޝް (22އ) އެވެ. މި އޮޕަރޭޝަންގެ ތެރެއިން، ހުޅުމާލޭގައި ގަވާއިދާ ހިލާފަށް ބިދޭސީން ދިރިއުޅޭ ތަންތަން ބަލައިފާސްކޮށް، ހުއްދަ ނުނަގައި، ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެބިދޭސީންގެ އަތުން ގިނަ އަދަދެއްގެ ސިނގިރެޓާއި ދުންފަތް ޕެކެޓު ފެނުނު ކަމަށް ފުލުހުން ވިދާޅުވިއެވެ. މީގެ އިތުރުން، ސިނގިރެޓާއި ދުންފަތް ވިއްކައިގެން ހޯދާފައިވާ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ދިވެހި ރުފިޔާއާއި ޑޮލަރުވެސް ފެނުނު ކަމަށް ފުލުހުން ވިދާޅުވިއެވެ.
ތިން ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި އޮޕަރޭޝަން މި މަހު 22 ވަނަ ދުވަހު ފުރަތަމަ ކުރިއަށް ގެންދިޔައީ މާލެ ސަރަހައްދުގައެވެ.
މި އޮޕަރޭޝަނުގައި 13 ފުލުހުންނާއި މޯލްޑިވްސް އިމިގްރޭޝަނުގެ 3 އޮފިސަރަކާއި މޯލްޑިވްސް ކަސްޓަމް ސާވިސްގެ 3 އޮފިސަރަކު ބައިވެރިވިއެވެ.
ރިއެކްޝަންސް






