މީހުންދިރިއުޅޭ ރަށްރަށުގައި ކްރިސްމަސް ފާހަގަކުރުމަށް ހަރަކާތްތައް ނުހިންގަން އެދިއްޖެ
ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ކްރިސްމަސް ފާހަގަކުރުމަށް ހަރަކާތްތައް ކުރިއަށް ނުގެންދިއުމަށް ފުލުހުން އިލްތިމާސްކޮށްފި
ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ކްރިސްމަސް ފާހަގަކުރުމަށް ހަރަކާތްތައް ކުރިއަށް ނުގެންދިއުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.
ފުލުހުން މީގެ އިރުކޮޅެއް ކުރިން ކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވީ އާއަހަރާ ގުޅިގެން ކްރިސްޓިއަން ދީނުގައި ފާހަގަ ކުރަމުން އަންނަ ދުވަހެއް ކަމަށްވާ ކްރިސްމަސް ފާހަގަ ކުރުމަށްޓަކައި އެއްވެސް ހަރަކާތެއް ރާއްޖޭގައި މީހުން ދިރިއުޅޭ އެއްވެސް ރަށެއްގައި ނުގެންދިއުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.
ފުލުހުން ވިދާޅުވީ އެއީ ރާއްޖޭގެ ގާނޫނުތަކާ ގަވާއިދުތަކުން މަނާކޮށްފައިވާ ކަމެއްކަމަށް ވިދާޅުވެފައެވެ.
ފުލުހުން އިތުރަށް ވިދާޅުވީ ކްރިސްމަސް ފާހަގަކުރުމަށްޓަކައި އެއްވެސް ހަރަކާތެއް ރާއްޖޭގައި މީހުން ދިރިއުޅެ އެއްވެސް ރަށެއްގައި ހިންގައިފިނަމަ އެފަދަ ފަރާތަކާމެދު ގާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.
ކްރިސްމަސް ފާހަގަ ކުރުމުގެ ހަރަކާތްތައް ނުހިންގުމަށް ފުލުހުން އިލްތިމާސް ކޮށްފައި މިވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން ފަތުރުވެރިކަން ފުޅާވެފައިވާ ބައެއް ރަށްރަށުގައި އާއަހަރުގެ ފެށުމުގެ ތައްޔާރީތައް ވަމުން އަންނަ ދަނޑިވަޅެއްގައެވެ.
މިއީ މިފަދަ ގޮތަކަށް ކްރިސްމަސް ފާހަގަ ކުރުމުގެ ހަރަކާތްތައް ހުއްޓުވަން ރާއްޖޭގެ ސަރުކާރަކުން ރަސްމީ ސިފައެއްގައި އެންގި ފުރަތަމަ ފަހަރުކަން ފާހަގަ ކޮށްލެވެއެވެ.
ރިއެކްޝަންސް