ދައުލަތަށް ޚިޔާނާތްތެރިވާ މީހުންނަށް މަޤާމުތަކަށް ކުރިމަތިނުލެވޭނެ  ގޮތް ހަދަނީ

ދައުލަތަށް ޚިޔާނާތްތެރިވާ މީހުންނަށް މަޤާމުތަކަށް ކުރިމަތިނުލެވޭނެ ގޮތް ހަދަނީ

59 minutes ago - 23:56

ދިވެހި ދައުލަތަށް ޚިޔާނާތްތެރިވުމަކީ ޖިނާޔަތުގެ 1 ވަނަ ދަރަޖައިގެ ކުށެއްގެ ގޮތުގައި ކަނޑައަޅައި، އެފަދަ ކުށެއް ސާބިތުވާ މީހުން ދައުލަތުގެ އެއްވެސް މަޤާމަކަށް ޢައްޔަން ނުކުރެވޭ ގޮތަށް ޤާނޫނުލްޢުޤޫބާތަށް އިޞްލާޙު ގެނައުމުގެ ބިލެއް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. މި ބިލު މަޖިލީހަށް ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ރިފާޢުއެވެ.


މެންބަރު ރިފާޢު މި ބިލު ހުށަހެޅުއްވުމުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ޤަތުލުޢާންމުގެ ކުށް ހުއްޓުވުމާއި އަދަބު ދިނުމާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާއާ އެއްގޮތަށް ޤަތުލުޢާންމު ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅައި އަދަބު ބަޔާންކުރުން ހިމެނެއެވެ. މީގެއިތުރުން، ދައުލަތަށް ޚިޔާނާތްތެރިވުމާއި އިޤްތިޞާދީ ރައްކާތެރިކަމަށް ގެއްލުންހުރި ޢަމަލުކުރުމަކީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށާއި، އިސްލާމްދީނާ އިދިކޮޅު ޢަމަލުތަކަށް ކަނޑައަޅާފައިވާ އަދަބުތައް ބޮޑުކުރުން ވެސް މި އިޞްލާޙުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.


ޤާނޫނުލްޢުޤޫބާތަށް ގެންނަން ހުށަހަޅާފައިވާ މި އިޞްލާޙުގެ ދަށުން، ޤާނޫނުގެ 720 ވަނަ ބާބުގެ ފަހަތަށް 730 ވަނަ ބާބުގެ ގޮތުގައި "ދިވެހި ދައުލަތަށް ޚިޔާނާތްތެރިވުން" އިތުރުކުރަން ހިމަނާފައިވެއެވެ. އެ ބާބުގެ 730 ވަނަ މާއްދާގައިވާ ގޮތުން، އެއްވެސް ދިވެހި ރައްޔިތަކު ޤަޞްދުގައި ދިވެހިރާއްޖެއާ ދެކޮޅަށް ހަނގުރާމަކުރުން ނުވަތަ ހަނގުރާމަކުރާ ފަރާތަކާ ބައިވެރިވުން ނުވަތަ ދިވެހިރާއްޖޭގެ ދުޝްމަނަކާ އެއްބައިވެ އެފަދަ ފަރާތަކަށް ރާއްޖޭގައި ނުވަތަ ރާއްޖެއިން ބޭރުގައި އެހީތެރިކަން ފޯރުކޮށްދިނުމަކީ ކުށެކެވެ.


ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި "ދުޝްމަން" ކަމަށް ބަލާނީ ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ގެއްލުންވާފަދަ ޢަމަލެއްކުރާ ބިދޭސީންނާއި، އެފަދަ ޢަމަލުތަކުގައި އެމީހުންނާ ބައިވެރިވާ ދިވެހިންނަށެވެ. އަދި "ދުޝްމަނަކަށް އެހީތެރިކަން ފޯރުކޮށްދިނުން" ކަމަށް ބަޔާންކޮށްފައިވަނީ ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ގެއްލުންވާފަދަ ޢަމަލެއް ކުރުމުގައި، އެއްވެސް ސިފައެއްގައި އެހީތެރިވުމުގެ ޢަމަލެއް ހިންގުމަށެވެ.


ދިވެހި ދައުލަތަށް ޚިޔާނާތްތެރިވުމުގެ ކުށަކީ ޖިނާޔަތުގެ 1 ވަނަ ދަރަޖައިގެ ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާއިރު، އެފަދަ ކުށެއް ދިވެހި ރައްޔިތެއްގެ މައްޗަށް ސާބިތުވެއްޖެނަމަ ދެވޭ އަދަބުގެ އިތުރުން، އެމީހަކު ދުވަހަކުވެސް ދިވެހި ދައުލަތުގެ އެއްވެސް ވަޒީފާއަކަށް ނުވަތަ މަޤާމަކަށް ޢައްޔަން ނުކުރެވޭނެ ކަމަށް އިތުރު އަދަބެއްގެ ގޮތުގައި ބިލުގައި ބަޔާންކޮށްފައިވެއެވެ.


ޤާނޫނުލްޢުޤޫބާތުގެ ދަށުން މި ދަރަޖައިގެ ކުށަކަށް ކަނޑައެޅޭ އަސާސީ އަދަބަކީ 10 އަހަރަށް ޖަލަށް ލުމެވެ. އަދި އަދަބު ބޮޑުކުރެވޭ ޙާލަތްތަކުގައި އެންމެ ބޮޑު އަދަބެއްގެ ގޮތުގައި 25 އަހަރަށް ޖަލަށް ލެވޭއިރު، އަދަބު ލުއިކުރެވޭ ޙާލަތްތަކުގައި އެންމެ ކުޑަ އަދަބަކީ 6 އަހަރަށް ޖަލަށް ލުމެވެ. މީގެއިތުރުން 2،000،000 (ދެ މިލިއަން) ރުފިޔާއާ ހަމައަށް ޖޫރިމަނާ ވެސް ކުރެވިދާނެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow