މޭޔަރު އާޒިމަށް ދިން ހަމަލާއަކީ ސަރުކާރުން ރޭވި ކަމެއް ކަމަށް ބުނުމަކީ ކަނޑައެޅިގެން ދޮގެއް: މުންދު
މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމަށް ބަޔަކު ހަމަލާދިނީ ސަރުކާރުން ރާވައިގެން ކަމަށް އޭނާ ކުރެއްވި ތުހުމަތުތަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށާއި، އެއީ ވަރަށް ދަށުދަރަޖައިގެ ވާހަކަތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން މާލޭގައި މިހާރު ބާއްވަމުންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން ރޭ ބޭއްވި މުޒާހަރާގައި ބޮޑުރަސްގެފާނު މަގުން ގަލޮޅު ސަހަރާ ކައިރިން އާޒިމް ވަޑައިގަންނަވަނިކޮށް ދެ މީހަކު ވަނީ މުޒާހަރާގެ ތެރެއަށް ވަދެގަނެ އާޒިމަށް ހަމަލާދޭން އުޅެފަ އެވެ. މުޒާހަރާ ނިންމާލުމަށްފަހު މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި މޭޔަރު އާޒިމް ވިދާޅުވީ، މުޒާހަރާގެ ތެރެއިން ގުރޫޕަކުން އައިސް އޭނާގެ މޭމަތީގައި ޖަހާފައިވާ ކަމަށެވެ. އަދި އެ ހަމަލާއަކީ ސަރުކާރުން ރާވައިގެން ދިން ހަމަލާއެއް ކަމަށް އާޒިމް ވަނީ ތުހުމަތު ކުރައްވާފަ އެވެ.
ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވީ، ރައްޔިތުންގެ ހިދުމަތުގައި ތިބޭ ބޭފުޅުންނަށް އަމާޒުކޮށް ދޭ މިފަދަ ހަމަލާތަކަކީ ސަރުކާރުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ. އަދި މޭޔަރު އެދިވަޑައިގެންފި ނަމަ ފުލުހުންގެ ހިމާޔަތް ލިބިވަޑައިގަންނަވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ނަމަވެސް، މި ހާދިސާއާ ގުޅިގެން އެމްޑީޕީން ނުވަތަ މާލެ ސިޓީ ކައުންސިލުން ވެސް، އަދި އާޒިމް އަމިއްލަފުޅު ހައިސިއްޔަތުން ވެސް މިހާތަނަށް ފުލުހަށް މައްސަލަ ހުށަހަޅާފައި ނުވާތީ ތަރުޖަމާނު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. "މިއީ ޒިންމާދާރު ގޮތެއް ނޫން. ކަމެއް ދިމާވެއްޖެ ނަމަ ފުލުހުންނަށް ރިޕޯޓުކުރަން ވާނެ،" މުންދު ވިދާޅުވި އެވެ.
ސަރުކާރުގެ ބައިވެރިވުން އޮތް ކަމަށް އާޒިމް ކުރެއްވި ތުހުމަތަށް ރައްދު ދެއްވަމުން ތަރުޖަމާނު ވިދާޅުވީ، އެއީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި ޒިންމާދާރު މަގާމެއްގައި ހުންނަވައިގެން، ސާބިތު ނުކޮށްދެވޭ ފަދަ ދޮގު ވާހަކަތައް ދެއްކެވުމަކީ ދަށުދަރަޖައިގެ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ. މި މައްސަލަ ފުލުހުން މިހާރު ތަހުގީގު ކުރަމުންދާ ކަމަށްވެސް ރައީސް އޮފީހުގެ ތަރުޖަމާނު ވިދާޅުވި އެވެ.
ރިއެކްޝަންސް

