ޗައިނާގެ އެހީގައި މާލޭގައި 500 ހައުސިން ޔުނިޓު އެޅުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

ޗައިނާގެ އެހީގައި މާލޭގައި 500 ހައުސިން ޔުނިޓު އެޅުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

2 hours ago - 16:08
Advertisement
Advertisement

ޗައިނާ ސަރުކާރުގެ އެހީތެރިކަމާއެކު މާލެ ސިޓީގައި 500 ސޯޝަލް ހައުސިން ޔުނިޓު ތަރައްގީކުރުމަށް ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާ ދެމެދު މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.


މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިމަހުގެ 21 އިން 22 އަށް ޗައިނާގެ ވެރިރަށް ބެއިޖިންގައި ކުރިއަށްދިޔަ "ހައި ލެވެލް ކޮންފަރެންސް އޮން ގްލޯބަލް އެކްޝަން ފޯރ ޝެއަރޑް ޑިވެލޮޕްމަންޓް" ކޮންފަރެންސްގެ ހަވާސާގައެވެ. ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން މައުލޫމާތު ދޭ ގޮތުގައި، މި މަޝްރޫއަކީ މާލެ ސިޓީގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.


މި މަޝްރޫއު ކުރިއަށްގެންދިޔުމަށް ދެގައުމުގެ ދެމެދުގައި އެއްބަސްވެވުނު ކަންތައްތަކުގެ "މިނިޓްސް އޮފް ދަ މީޓިން" ގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އިބްރާހީމް ޠޮއާމް މުޙައްމަދެވެ. ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އޭޖެންސީ (CIDCA) ގެ ޗެއަރމަން ލިޔު ޖުންފެން އެވެ.


މި މަޝްރޫއުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، މިއީ ޗައިނާ ސަރުކާރުން ދޫކުރާ އިންޓަރެސްޓް ނުހިމެނޭ (އިންޓަރެސްޓް ފްރީ) ފެސިލިޓީއެއްގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫއެއް ކަމަށް ވުޒާރާއިން ބުނެފައިވުމެވެ.
މީގެ އިތުރުން، މި ދަތުރުފުޅުގެ ތެރެއިން ބޭއްވުނު އެކި ބައްދަލުވުންތަކުގައި ޗައިނާގެ ހިލޭ އެހީގެ ދަށުން ރާއްޖޭގައި ކުރިއަށްގެންދާ އެހެނިހެން މަޝްރޫއުތަކާ ގުޅޭގޮތުންވެސް ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮތް ތަރައްގީގެ ގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހިކުރުމާ ގުޅޭގޮތުންވެސް ވަނީ ވާހަކަދެކެވިފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގެންގުޅުއްވާ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، ބޭރުގެ ގައުމުތަކުގެ އެހީތެރިކަމާއެކު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ޗައިނާއަކީ ރާއްޖޭގެ އުމްރާނީ ތަރައްގީގައި ވަރަށް މުހިންމު ބައިވެރިއެއްކަން ފާހަގަކޮށްލެވެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement