މީދޫ ކައުންސިލް އިންތިޚާބާ ގުޅޭގޮތުން ހުށަހެޅިފައިވާ މައްސަލަ ބަލައިގަތުމަށް ހައިކޯޓުން ނިންމައިފި

މީދޫ ކައުންސިލް އިންތިޚާބާ ގުޅޭގޮތުން ހުށަހެޅިފައިވާ މައްސަލަ ބަލައިގަތުމަށް ހައިކޯޓުން ނިންމައިފި

2 days ago - 12:38

ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ނެގި ވޯޓާ ގުޅޭގޮތުން ހުށަހެޅި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބަލައިގަނެ، އެ މައްސަލައިގެ އަޑުއެހުންތައް ފެށުމަށް ތައްޔާރުވެއްޖެ އެވެ.


މި މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި އިންތިޚާބުގެ މައްސަލަ ހައިކޯޓަށް ހުށަހެޅުއްވީ ވެރިކަން ކުރާ ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހީމް އެވެ. ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 172 ވަނަ މާއްދާގެ (ހ) ގެ ދަށުން، އިންތިޚާބަކާ ގުޅޭގޮތުން ނުވަތަ އިންތިޚާބެއްގެ ނަތީޖާއަކާ ގުޅޭގޮތުން ޝަކުވާއެއް އޮތްނަމަ، އެ މައްސަލައެއް ކޯޓަށް ހުށަހެޅުމުގެ ފުރުޞަތު ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ. އަދި އިންތިޚާބީ މައްސަލަތައް ބެލުމުގެ ފުރަތަމަ މަރްޙަލާގެ އިޚްތިޞާޞް، އިންތިޚާބުތަކާބެހޭ ޢާއްމު ގާނޫނުގެ 64 ވަނަ މާއްދާގެ ދަށުން ލިބިގެންވަނީ ހައިކޯޓަށެވެ.


މި މައްސަލަ އުފެދުނީ އިންތިޚާބަށްފަހު އިލެކްޝަންސް ކޮމިޝަނުން (އީސީ) ފުރަތަމަ އާންމުކުރި ވަގުތީ ނަތީޖާއާ ގުޅިގެންނެވެ. ވަގުތީ ނަތީޖާ ދެއްކި ގޮތުގައި ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހީމަށް 393 ވޯޓު ލިބުނުއިރު، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ކެންޑިޑޭޓް މުޙައްމަދު ޝާހިދަށް ލިބުނީ 392 ވޯޓެވެ.


ނަމަވެސް، ލ. ފޮނަދޫގައި ބެހެއްޓި ވޯޓު ފޮށްޓަކަށް ވޯޓުލުމުގެ ހައްގު ނެތް ފަރާތަކުން ވޯޓުލާފައިވާ މައްސަލައެއް ފާހަގަވެ، އެ ފޮށި އަލުން ގުނައިދިނުމަށް ދެ ކެންޑިޑޭޓުންވެސް އެދިވަޑައިގަތެވެ. އީސީގެ ކޮމްޕްލެއިންޓްސް ބިއުރޯއިން ނިންމީ އެ ވޯޓަކީ ސައްހަ ނޫން ވޯޓެއް ކަމަށާއި، ނަތީޖާއިން އެ ވޯޓު އުނިކުރުމަށެވެ. އަލުން ވޯޓު ގުނުމަށްފަހު އިއުލާންކުރި ރަސްމީ ނަތީޖާގައި ސުހާއަށް ލިބުނީ 391 ވޯޓެވެ. ޝާހިދަށް 392 ވޯޓު ލިބުމާއެކު، އެއް ވޯޓުގެ ތަފާތުން ގޮނޑި ކާމިޔާބު ކުރެއްވީ އެމްޑީއޭގެ ކެންޑިޑޭޓެވެ.
ގާނޫނު ބުނާގޮތުން އިންތިޚާބީ މައްސަލައެއް ފާހަގަވެފައިވާނަމަ، ރަސްމީ ނަތީޖާ އިޢުލާންކުރާ ތާރީޚުން ފެށިގެން ގިނަވެގެން 14 ދުވަހުގެ ތެރޭގައި އެ މައްސަލައެއް ކޯޓަށް ހުށަހަޅަން ޖެހެއެވެ. ހައިކޯޓުން މި މައްސަލަ ރަޖިސްޓްރީކޮށްފައިވާއިރު، ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތުވެސް އޮންނާނެ އެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow