ގަތުލުއާންމު ހިންގުން ޖިނާއީ ކުށަކަށް ހަދައި، އިސް މަޤާމުތަކުގެ އަދަބު ބޮޑުކުރަނީ: ބަންޑާރަ ނައިބު

ގަތުލުއާންމު ހިންގުން ޖިނާއީ ކުށަކަށް ހަދައި، އިސް މަޤާމުތަކުގެ އަދަބު ބޮޑުކުރަނީ: ބަންޑާރަ ނައިބު

1 hour ago - 23:48
Advertisement
Advertisement

ގަތުލުއާންމު ހިންގުމާއި އެކަމަށް ގޮވާލުމަކީ ޖިނާއީ ކުށަކަށް ހެދުމުގެ އިތުރުން، ދައުލަތުގެ އިސް މަޤާމުތައް ފުރާފައިވާ މީހުންނަށް މިފަދަ ކުށްތަކުގެ އަދަބު ބޮޑުވާނެ ކަމަށް ބަންޑާރަ ނައިބު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.


އުޝާމް މިފަދައިން ވިދާޅުވެފައިވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، 'ގަތުލުއާންމު' އަކީ 'ޖެނޮސައިޑް' ކަމަށާއި، ގަތުލުއާންމުގެ ކުށް ހުއްޓުވުމާއި އަދަބު ދިނުމާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާ (ޖެނޮސައިޑް ކޮންވެންޝަން) ގައި ދިވެހިރާއްޖެއިން ބައިވެރިވެފައިވަނީ 24 އެޕްރީލް 1984 ގައި ކަމަށެވެ. މި މުޢާހަދާގެ 5 ވަނަ މާއްދާގައި، އެ މުޢާހަދާއަށް ޢަމަލުކުރުމަށްޓަކައި ބައިވެރިވެފައިވާ ޤައުމުތަކުން ޤާނޫނުތައް ހަދައި، ޖެނޮސައިޑްއާ ގުޅޭ ކުށްތަކަށް ޤާނޫނުގެ ދަށުން އަދަބު ކަނޑައެޅުން ލާޒިމުކޮށްފައިވެއެވެ. ނަމަވެސް، އޭގެ ފަހުން 42 އަހަރު ވެގެންދިޔައިރުވެސް ދިވެހިރާއްޖެއިން މި ޒިންމާ އަދާކޮށްފައި ނުވާކަން އުޝާމް ފާހަގަކުރެއްވިއެވެ.


ބަންޑާރަ ނައިބު ވިދާޅުވި ގޮތުގައި، މުސްލިމުންނާ ދެކޮޅަށް ގަތުލުއާންމުގެ ކުށްތައް ހިންގާފައިވާ އަދި ހިންގަމުންދާ ޤައުމުތަކާ ދެކޮޅަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގައި ހިނގަމުންދާ މައްސަލަތަކެެއް ކަމުގައިވާ، “ދަ ގެމްބިއާ ވ. މިޔަންމާ” އަދި “ސައުތު އެފްރިކާ ވ. އިޒްރޭލު” މައްސަލަތަކަށް ދިވެހި ސަރުކާރުން ވަނީ ތަދައްޚުލުވެ، ޖެނޮސައިޑްގެ ކުށްތައް ހިންގާ ޤައުމުތައް ޖަވާބުދާރީ ކުރުވައި، ހަރުކަށި ފިޔަވަޅު އެޅުމަށް ވަކާލާތުކޮށްފައެވެ. ނަމަވެސް، އެހެން ޤައުމުތަކުން ޖެނޮސައިޑް ކޮންވެންޝަނަށް ކަމޭހިތުމަށް ދިވެހިރާއްޖެއިން ގޮވާލާއިރު، ދިވެހިރާއްޖެއިން އެ މުޢާހަދާގެ ދަށުން ކުރުން ލާޒިމުކޮށްފައި އޮތް ކަމެއް ކޮށްފައި ނެތުމަކީ، އެކަމުގެ ސަބަބުން ދިވެހިރާއްޖެއިން ހުށަހަޅާފައިވާ ޤާނޫނީ ނުކުތާތަކަށް އަސަރުކުރާ ކަމެއް ކަމަށް އުޝާމް ފާހަގަކުރެއްވިއެވެ.


މިކަމާ ގުޅިގެން، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިޞްލާޙަކީ، ޖެނޮސައިޑް ކޮންވެންޝަންއާ އެއްގޮތްވާ ގޮތުގެމަތިން ގަތުލުއާންމު ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅައި، އެ ކުށުގެ އަދަބު ބަޔާންކުރުމަށްޓަކައި ހުށަހަޅާފައިވާ އިޞްލާޙެއް ކަމަށް އުޝާމް ވިދާޅުވިއެވެ. މިއީ ބައިނަލްއަޤްވާމީ ޤާނޫނުގެ ދަށުން ދިވެހިރާއްޖެއިން ކުރުން ލާޒިމުކޮށްފައިވާ ކަމެކެވެ.


މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ރިފާއު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި މި ބިލުގައި ހިމަނާފައިވަނީ ޤާނޫނުލްޢުޤޫބާތަށް ގަތުލުއާންމުގެ ކުށް އިތުރުކުރުމެވެ. އެގޮތުން ވަކި ޤައުމަކަށް ނުވަތަ ނަސްލަކަށް ނުވަތަ ދަރިފަސްކޮޅަކަށް ނުވަތަ ދީނަކަށް ނިސްބަތްވާ ޖަމާޢަތަކާ ދެކޮޅަށް ތިރީގައި މިވާ ޢަމަލުތައް ހިންގުމަކީ ކުށެކެވެ:

އެފަދަ ޖަމާޢަތަކަށް ނިސްބަތްވާ ބަޔަކު މެރުން.
އެފަދަ ޖަމާޢަތަކަށް ނިސްބަތްވާ ބަޔަކަށް ބޮޑެތި ޖިސްމާނީ ނުވަތަ ނަފްސާނީ އަނިޔާ ދިނުން.
އެފަދަ ޖަމާޢަތަކަށް ނިސްބަތްވާ ބަޔަކަށް އެ ބަޔަކު އެކުގައި ނުވަތަ އޭގެ ތެރެއިން ބޮޑު ބައެއް ޖިސްމާނީ ގޮތުން ޙަލާކުވެދާފަދަ ދިރިއުޅުމުގެ ޙާލަތްތައް އެނގިހުރެ އަދި ޤަޞްދުގައި ކުރިމަތިކުރުވުން.
އެފަދަ ޖަމާޢަތަކަށް ނިސްބަތްވާ ކުޑަކުދިން މަޖުބޫރުން އެހެން ޖަމާޢަތަކަށް ބަދަލުކުރުން.

ބިލުގައިވާ ގޮތުން މިއީ ޖިނާއަތުގެ އެއްވަނަ ދަރަޖައިގެ ކުށެކެވެ. އެއީ ޢަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑުން 10 އަހަރުގެ ޖަލު ޙުކުމެއް ކަނޑައެޅިފައިވާ ކުށެކެވެ. އަދި އެންމެ ބޮޑު ޢަދަބެއްގެ ގޮތުން 25 އަހަރުގެ ޖަލު ޙުކުމެއް އިއްވިދާނެ ކުށެކެވެ. އެ ޢަމަލުތައް ކުރުމުގެ އިތުރުން އެކަންކަން ކުރުމަށް ސީދާ ގޮތުގައި އަދި ފާޅުގައި ގޮވާލުމަކީ ވެސް ކުށެކެވެ.


މި މާއްދާގެ ދަށުން ކުރާ ދަޢުވާއެއްގައި ދަޢުވާ ރައްދުވާ މީހާ ކުށްކުރީ ވެރިއެއްގެ އަމުރަކަށް ތަބާވުމުގެ ގޮތުން ކަމުގައިވުމީ ނުވަތަ ކުށުގެ ޢަމަލު ކުރުމަކީ ޤާނޫނުން ހުއްދަކޮށްފައިވާ ކަމަކަށްވުމީ ދިފާޢެއް ނޫން ކަމަށް ބިލުގައިވެއެވެ. މި ކުށްކުރީ ރައީސުލްޖުމްހޫރިއްޔާކަމުގެ ނުވަތަ ވަޒީރުކަމުގެ ނުވަތަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ނުވަތަ ފަނޑިޔާރުކަމުގެ ނުވަތަ ސަލާމަތީ ޚިދުމަތެއްގެ އަމުރުވެރިކަމުގެ މަޤާމެއްގައި ހުރި މީހަކު ނަމަ، އެއީ ޖިނާއަތުގެ އެއްވަނަ ދަރަޖައިގެ ކުށެކެވެ. އެ ނޫން ޙާލަތުގައި އެއީ ޖިނާއަތުގެ ދެވަނަ ދަރަޖައިގެ ކުށެކެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement