ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ "ސަސްޓެއިނަބިލިޓީ ރިޕޯޓް 2025" ނެރެފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން ދެމެހެއްޓެނިވި ތަރައްޤީއަށް ކުރާ މަސައްކަތްތަކާއި، އދ. ގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް (އެސް.ޑީ.ޖީ) ހާސިލުކުރުމަށް ކުރާ ހިއްސާ ހާމަކޮށްދޭ "ސަސްޓެއިނަބިލިޓީ ރިޕޯޓް 2025" ރަސްމީކޮށް ނެރެފިއެވެ. މި ރިޕޯޓު ނެރިފައިވަނީ، ޔުނިވަރސިޓީގެ ދެމެހެއްޓެނިވި ތަރައްޤީއަށް ހުރި ޒިންމާދާރުކަން ހާމަކުރުމުގެ ގޮތުންނެވެ.
މި ރިޕޯޓް ނެރެދެއްވީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. އާއިޝަތު ޝެހެނާޒް އާދަމެވެ. ޔުނިވަރސިޓީގެ ސެނެޓުން ރަސްމީކޮށް ފާސްކޮށްފައިވާ މި ރިޕޯޓް ނެރުމުގެ ރަސްމިއްޔާތުގައި، ޔުނިވަރސިޓީގެ ސެނެޓްގެ މެންބަރުންނާއި، އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
އެމް.އެން.ޔޫއިން ވިދާޅުވި ގޮތުގައި، މި ރިޕޯޓުގައި މިދިޔަ އަހަރުގެ ތެރޭގައި ދެމެހެއްޓެނިވި ތަރައްޤީއަށް އަމާޒުކޮށް ޔުނިވަރސިޓީން ހިންގި ހަރަކާތްތަކާއި، ހާސިލުކުރި ކާމިޔާބީތައް ތަފްސީލީ ގޮތެއްގައި ހިމަނާފައިވެއެވެ. އަދި ޤައުމީ ތަރައްޤީގެ އިސްތިރާޖުތަކާއި ދުނިޔޭގެ ދެމެހެއްޓެނިވި ތަރައްޤީގެ އެޖެންޑާ ކުރިއެރުވުމުގައި މަތީ ތައުލީމުދޭ މަރުކަޒުތަކުގެ ދައުރު މި ރިޕޯޓުން ހާމަކޮށްދޭ ކަމަށެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ހައިސިއްޔަތުން، ދެމެހެއްޓެނިވި އަދި އެންމެން ބައިވެރިވާ، ހަރުދަނާ މުސްތަޤުބަލެއް ބިނާކުރުމަށް އޮތް މަސްއޫލިއްޔަތު މި ރިޕޯޓުގައި ބަޔާންކޮށްފައިވާ ކަމަށްވެސް އެމް.އެން.ޔޫއިން ފާހަގަކުރެއެވެ. މިގޮތުން، ކިޔަވައިދިނުމާއި، ދިރާސާކުރުމާއި، އެކި ފަރާތްތަކާއެކު އޮންނަ ގުޅުންތަކާއި، އިޖުތިމާޢީ ޚިދުމަތްތަކުގެ ތެރެއިން، ރާއްޖޭގެ އިޖުތިމާޢީ، އިޤްތިޞާދީ އަދި ތިމާވެށީގެ ދާއިރާއަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް އެ ޔުނިވަރސިޓީން ދަނީ މެދުނުކެނޑި މަސައްކަތް ކުރަމުންނެވެ.
މި ރިޕޯޓަކީ އދ. ގެ ދެމެހެއްޓެނިވި ތަރައްޤީގެ 17 ލަނޑުދަނޑި ހާސިލުކުރުމަށް އެމް.އެން.ޔޫއިން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އެކުލަވާލެވިފައިވާ ޚުލާސާއެކެވެ. މީގެ ތެރޭގައި ޞިއްޙަތާއި ދުޅަހެޔޮކަން، ފެންވަރު ރަނގަޅު ތަޢުލީމު، މިންތީގެ ހަމަހަމަކަން، އެކަށީގެންވާ މަސައްކަތާއި އިޤްތިޞާދީ ކުރިއެރުން، އީޖާދީ އައު އުފެއްދުންތެރިކަން، ތިމާވެށީގެ ދެމެހެއްޓެނިވިކަން، ހަރުދަނާ މުއައްސަސާތައް ބިނާކުރުން އަދި ދެމެހެއްޓެނިވި ތަރައްޤީއަށްޓަކައި ގުޅުންތައް ބަދަހިކުރުން ފަދަ މުހިންމު ދާއިރާތައް ހިމެނެއެވެ. މީގެ އިތުރުން، މި ލަނޑުދަނޑިތައް ހާސިލުކުރުމުގައި ޔުނިވަރސިޓީގެ ފެކަލްޓީތަކާއި، ޑިޕާޓްމަންޓްތަކާއި، ކެމްޕަސްތަކުގެ އިތުރުން ބައިވެރިވާ އެކި މުއައްސަސާތަކުން އަދާކުރާ ދައުރު މި ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ރިއެކްޝަންސް





