ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް އުދައަރާނެކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފި
ރާއްޖޭގެ ބޮޑު ސަރަހައްދަކަށް އުދައަރާނެކަމަށް ލަފާކުރެވޭތީ، މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން މިރޭ ހުދު ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، މިރޭ 10:00 އިން ފެށިގެން މެންދަމުން އަލިވެ 2:00 އާ ހަމައަށް ކ. އަތޮޅުން ފެށިގެން އައްޑޫ އަތޮޅާ ދެމެދުގައިވާ ސަރަހައްދުގެ ރަށްރަށަށް އުދައިގެ އަސަރު ކުރުން އެކަށީގެންވެއެވެ. މިކަމަށް ސަމާލުވުމަށް އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.
މި ސަރަހައްދަށް އުދައަރާނެކަމަށް ލަފާކޮށް ސަމާލު ނެރެފައިވާއިރު، މިއަދުގެ ވަގުތެއްގައި މާލޭގެ އެކި ސަރަހައްދުތަކަށް ވަނީ އުދައަރައި ގެއްލުންތަކެއް ވެފައެވެ. އެގޮތުން މާލޭގެ ރާޅުގަނޑު ސަރަހައްދަށް ބޮޑެތި ރާޅުތައް ބިންދާލައި، މަގުމައްޗަށް ގަލާއި ވެލި ވަނީ އަރާފައެވެ.
މީގެ އިތުރުން، ކާނިވާ ސަރަހައްދަށް އުދައެރުމުގެ ސަބަބުން އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި ބައެއް އުޅަނދުތަކަށް އެކި މިންވަރުގެ ގެއްލުންތައް ލިބިފައިވެއެވެ. އަދި އިންޑަސްޓްރިއަލް ވިލެޖު ސަރަހައްދަށް އުދައިގެ އަސަރުކޮށް، އެތަނުގައި ހުރި އުޅަނދުތަކަށްވެސް ވަނީ ގެއްލުންވެފައެވެ.
މާލޭގެ އިރުމަތީ ފަރާތުގެ އިތުރުން، އަލަށް ތަރައްގީކޮށް ފުޅާކުރި ބޮޑުތަކުރުފާނު މަގުގެ އެކި ސަރަހައްދުތަކަށްވެސް މިއަދު ވަނީ އުދައިގެ އަސަރު ވަރަށް ބޮޑަށް ކޮށްފައެވެ. މޫސުމީ މި ބަދަލާއެކު ކަނޑުދަތުރުކުރާ ފަރާތްތަކުންނާއި ގޮނޑުދޮށާ ކައިރި ސަރަހައްދުތަކުގައި ދިރިއުޅޭ ފަރާތްތަކުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކުން ވަނީ ނަސޭހަތްތެރިވެފައެވެ.
ރިއެކްޝަންސް





