މި ސަރުކާރުން މިހާތަނަށް 590 މަޝްރޫއު ނިންމައިފި: ރައީސް
މި ސަރުކާރުން މިހާތަނަށް ގިނަ އަދަދެއްގެ ތަރައްގީގެ މަޝްރޫއުތައް ނިންމާފައިވާ ކަމަށާއި، މިއީ ފާއިތުވި ދެ ސަރުކާރުގެ މި މުއްދަތާ އަޅާބަލާއިރު ބޮޑު ކުރިއެރުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، މި ސަރުކާރުގެ ވޭތުވެދިޔަ ދެ އަހަރާއި އަށް މަސްދުވަހުގެ ތެރޭގައި އެކި ދާއިރާތަކުން ޖުމްލަ 590 މަޝްރޫއެއްގެ މަސައްކަތް ނިންމާލާފައިވާ ކަމަށެވެ. މި ތަފާސްހިސާބުތައް ހާމަކުރައްވަމުން ރައީސް ވަނީ ކުރީގެ ދެ ސަރުކާރުން އެ މުއްދަތުގައި ނިންމާފައިވާ މަޝްރޫއުތަކުގެ އަދަދުތަކާ އަޅާކިޔުއްވާފައެވެ. އެގޮތުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ނިންމުނީ 285 މަޝްރޫއު ކަމަށާއި، ރައީސް ޔާމީންގެ ސަރުކާރުގައި ނިންމުނީ 321 މަޝްރޫއުކަން ރައީސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 1635 މަޝްރޫއެއްގެ މަސައްކަތް ހިނގަމުންދާކަން ރައީސް ހާމަކުރެއްވިއެވެ. މިއީ ރައީސް ސޯލިހުގެ ސަރުކާރުގައި ހިނގަމުންދިޔަ 414 މަޝްރޫއާއި، ރައީސް ޔާމީންގެ ސަރުކާރުގައި ހިނގަމުންދިޔަ 355 މަޝްރޫއާ އަޅާބަލާއިރު ބޮޑު އިތުރުވުމެކެވެ.
ރައީސް މުއިއްޒު ވަނީ 2028 ވަނަ އަހަރުގެ މިނިވަން ދުވަސް އަންނަންވާއިރަށް އެމަނިކުފާނު ގެންގުޅުއްވާ އުއްމީދީ ތަސައްވުރުތައްވެސް ހިއްސާކުރައްވާފައެވެ. އެގޮތުން:
- ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކޮށް ނިންމުން.
- ވޭސްޓް މެނޭޖްމަންޓް ސެންޓަރުތަކާއި، ކުޑަކުދިންގެ ޕާކުތަކާއި، އައުޓްޑޯ ޖިމްތައް އަދި އޭޓީއެމްގެ ހިދުމަތް ހުރިހާ ރަށެއްގައި ގާއިމުކުރުން.
- ކޮންމެ އަތޮޅެއްގައި އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ ޝެޑްތައް ހެދުން.
- ކޮންމެ އަތޮޅެއްގައި 30 މިނެޓުން ދެވޭ ހިސާބުގައި އެއާޕޯޓެއް އޮތުން.
- ސިއްހީ ނިޒާމު ހަރުދަނާކޮށް، ކޮންމެ އަތޮޅަކުން ސީޓީ ސްކޭންގެ ހިދުމަތް ލިބޭނެ ގޮތް ހެދުން.
- ގައުމީ ޔުނިވާސިޓީއާއި އިސްލާމިކް ޔުނިވާސިޓީގެ ކެމްޕަސްތައް ކޮންމެ އަތޮޅެއްގައި ގާއިމުކުރުން.
ރައީސް ވިދާޅުވީ މި ހުރިހާ މަޝްރޫއުތަކަކީވެސް ދިވެހި ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި، ނަތީޖާ ނެރެދިނުމުގެ އަޒުމުގައި ކުރިއަށްގެންދާ މަސައްކަތްތަކެއް ކަމަށެވެ. މި ރަސްމިއްޔާތުގައި ދައުލަތުގެ އިސްވެރިންނާއި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެފައިވެއެވެ.
ރިއެކްޝަންސް

