މިދިޔަ ހަފުތާގައި އެމްޕީއެލް އިން 44,000 އަށްވުރެ ގިނަ ފްރެއިޓް ޓަނުގެ މުދާ ކްލިއާކޮށްފި

މިދިޔަ ހަފުތާގައި އެމްޕީއެލް އިން 44,000 އަށްވުރެ ގިނަ ފްރެއިޓް ޓަނުގެ މުދާ ކްލިއާކޮށްފި

1 hour ago - 08:27

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ވޭތުވެދިޔަ ހަފުތާގެ ތެރޭގައި 44,000 އަށް ވުރެ ގިނަ ފްރެއިޓް ޓަނުގެ މުދާ ކްލިއާކޮށް، ބަނދަރުގެ އޮޕަރޭޝަންތަކުގައި ބޮޑު ކުރިއެރުމެއް ހޯދައިފިއެވެ.


އެމްޕީއެލް އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ޖުލައި 19 އިން 25 ގެ ނިޔަލަށް ޖުމްލަ 44,170.81 ފްރެއިޓް ޓަނުގެ މުދާ ވަނީ ކްލިއާކޮށްފައެވެ. މިއީ ފާއިތުވި މަސްދުވަހަށް ބަލާއިރު ރެކޯޑް އަދަދެކެވެ. މީގެ ތެރޭގައި ހިމެނެނީ ކޮންޓެއިނަރު ބޯޓުފަހަރުން ކްލިއާކުރި 41,929.04 ފްރެއިޓް ޓަނުގެ މުދަލާއި، ޖެނެރަލް ކާގޯ ބޯޓުފަހަރުން ކްލިއާކުރި 2,241.77 ފްރެއިޓް ޓަނުގެ މުދަލެވެ.


މި މުއްދަތުގައި މުދާ ކްލިއާކުރުމުގެ މަސައްކަތް ވަރަށް ހަލުވިކަމާއެކު ކުރިއަށް ގޮސްފައިވާކަން ފާހަގަކުރެވެއެވެ. އެގޮތުން ކޮންޓެއިނަރު ބޯޓުފަހަރުން 1,450 ކޮންސައިންމަންޓް އަދި ޖެނެރަލް ކާގޯ ބޯޓުފަހަރުން 418 ކޮންސައިންމަންޓް ވަނީ ކްލިއާކޮށް ނިންމާފައެވެ.


ކޮންޓެއިނަރުތަކުގެ ތަފްސީލަށް ބަލާއިރު، ފާއިތުވި ހަފުތާގައި 1,528 ޓީއީޔޫގެ މުދާ ބާލާފައިވާއިރު، 1,895 ޓީއީޔޫގެ މުދާ ވަނީ ބޯޓުފަހަރަށް އަރުވާފައެވެ. މިއާއެކު ޖުމްލަ ތްރޫޕުޓް ވަނީ 3,423 ޓީއީޔޫއަށް އަރާފައެވެ.


ބަނދަރަށް އައި ބޯޓުފަހަރަށް ބަލާއިރު، މިދިޔަ ހަފުތާގައި ކޮންޓެއިނަރު އުފުލާ 2 ބޯޓު ބަނދަރަށް އައިސް 3 ބޯޓު ވަނީ ފުރާފައެވެ. އަދި ޖެނެރަލް ކާގޯ އުފުލާ 4 ބޯޓު ބަނދަރަށް އައިސްފައިވާއިރު، މުދާ ހުސްކުރުމަށްފަހު 3 ބޯޓު ވަނީ ފުރާފައެވެ.


ވޭތުވެދިޔަ ފަސް ހަފުތާގެ ތަފާސްހިސާބުތަކަށް ނަޒަރު ހިންގާލާއިރު، މިއީ އެންމެ ގިނަ އަދަދަކަށް މުދާ ކްލިއާކުރި ހަފުތާއެވެ. މިގޮތުން ޖޫން މަހުގެ ފަހުކޮޅުން ފެށިގެން ކޮންމެ ހަފުތާއަކު ކްލިއާކުރާ މުދަލުގެ އަދަދު އުޅެނީ 35,000 އާއި 43,000 ފްރެއިޓް ޓަނާ ދެމެދުގައެވެ.


މި ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެމްޕީއެލްގެ މަސައްކަތްތައް ދަނީ އެއްދުވަހުން އަނެއްދުވަހަށް ހަލުވިވެ، ރާއްޖެއަށް އެތެރެކުރާ މުދާ ކްލިއާކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާވަމުންނެވެ. މިއީ ވިޔަފާރިވެރިންނަށް މުދާ ލިބުމުގައި ހުރި ތާށިކަން ކުޑަވެ، ބަނދަރުގެ ހިދުމަތްތައް އަވަސްވަމުންދާކަމުގެ ނިޝާނެކެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow