ރައީސަށް ލަފާދޭ މަޝްވަރާ މަޖިލީހާއި ގައުމީ މަޖިލީސް އަންނަ ނޮވެމްބަރަށް އެކުލަވާލަނީ
ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭ ޚާއްސަ މަޝްވަރާ މަޖިލީހަކާއި ގައުމީ މަޖިލީހެއް އެކުލަވާލުމުގެ މަސައްކަތް އަންނަ ނޮވެމްބަރު މަހުގެ ކުރިން ނިންމަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރައްވައިފިއެވެ.
މިކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވީ މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ގައުމުގެ ކަންކަން ހަގީގީ މާނައިގައި ހަރުދަނާކުރުމަށް މަސައްކަތް ކުރާއިރު، ރައްޔިތުންގެ ހިޔާލާއި މަޝްވަރާއަކީ ނުހަނު ބޭނުންތެރި އެއްޗެއް ކަމަށެވެ.
މި ޖަލްސާގައި ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި 66 ބޭފުޅަކަށް ޝަރަފުގެ ބެޖާއި، އައްޑަނަ އަދި ހަނދާނީ ލިޔުން އަރުވާފައިވެއެވެ. އެ ބޭފުޅުންނަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ، ގައުމުގެ ކަންކަން ކުރިއަށް ގެންދިއުމުގައި އެފަދަ ތަޖުރިބާކާރު ބޭފުޅުންގެ މަޝްވަރާ ބޭނުންވާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި، އަލަށް އެކުލަވާލާ "ޚާއްސަ މަޝްވަރާ މަޖިލީހަކީ" ދައުލަތުގެ މަތިވެރި އިއްޒަތާއި ޝަރަފު ލިބިވަޑައިގެންފައިވާ، ގައުމީ ޚިދުމަތުގެ ދިގު ތަޖުރިބާ ހުރި އިސް ރަށްވެހިން ހިމެނޭ މަޖިލީހެކެވެ. އަދި "ގައުމީ މަޖިލީހަކީ" އެކި ފަންނުތަކުން ތައުލީމާއި ތަޖުރިބާ ހާސިލުކޮށްފައިވާ މާހިރުން ހިމެނޭ ގޮތަށް އެކުލަވާލާ މަޖިލީހެކެވެ.
"މީގެ ބޭނުމަކީ، ގައުމުގެ ކަންކަން ހަރުދަނާގޮތުގައި ހިންގުމުގައި، ސަރުކާރުގެ ކަންކަން ރަނގަޅުގޮތުގައި ގެންދިޔުމުގައި، ގައުމަށް ދިމާވާ ކަންކަމުގައި މަޝްވަރާ ހުށަހެޅުމުގައި ފުރުސަތު ދިނުން. އިރާދަކުރެއްވިއްޔާ ނޮވެންބަރު މަސް އަންނަންވާއިރު، މި ދެ މަޖިލިސްވެސް ފޯމް ކުރެވިގެންދާނެ،" ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، އިންތިޚާބީ މެންބަރުން ހިމެނޭ "ޒުވާނުންގެ މަޖިލީހެއް" އުފެއްދުމަށް ނިންމާފައިވާކަންވެސް ރައީސް ވަނީ ހާމަކުރައްވާފައެވެ. ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކީ ޒުވާނުންނާއި އަންހެނުން ކަމަށްވާއިރު، ދައުލަތް ހިންގުމުގެ ނިޒާމުގައި އެ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައްޔިތުންގެ އަޑުއަހައިގެން ވެރިކަން ކުރުމަށް ރައީސް ޑރ. މުއިއްޒު ދެއްވާ އިސްކަމުގެ ދަށުން، މިހާތަނަށް އެމަނިކުފާނު ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ 187 ރަށަށާއި ހުރިހާ ސިޓީތަކަށް ޒިޔާރަތްކުރައްވާފައެވެ. މިއީ ރާއްޖޭގެ ތާރީޚުގައި ރައީސަކު މިހާ ކުރު މުއްދަތެއްގެ ތެރޭގައި ހުރިހާ ރަށަކަށް ވަޑައިގަތް ފުރަތަމަ ފަހަރެވެ. އެގޮތުން ބައެއް ރަށްރަށަށް ދެވަނަ ފަހަރަށްވެސް އެމަނިކުފާނު ވަނީ ޒިޔާރަތްކުރައްވާފައެވެ.
ރިއެކްޝަންސް





