ތަރައްޤީގެ މަޝްރޫޢުތައް ބާރު ސްޕީޑުގައި ކުރިއަށްގެންދިއުމަށް ކައުންސިލް އިންތިޚާބު ކާމިޔާބުކުރުން މުހިންމު: މެންބަރު އިއްބެ
ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިޚާބު ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ކާމިޔާބުކުރުމުގެ އެންމެ ބޮޑު ބޭނުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފަށްޓަވާފައިވާ ތަރައްޤީގެ މަޝްރޫޢުތައް ބާރު ސްޕީޑުގައި ކުރިއަށްގެންގޮސް ނިންމާލުން ކަމަށް ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ޙުސައިން (އިއްބެ) ވިދާޅުވެއްޖެއެވެ.
މެންބަރު އިއްބެ މިހެން ވިދާޅުވީ، މިއަދު މައްޗަންގޮޅި މެދު ދާއިރާގައި ކޮންގްރެސް ޕާޓީން ކުރިއަށްގެންދިޔަ "ދޮރުން ދޮރަށް" ހަރަކާތުގެ ތެރެއިން އެމްއެމްޓީވީއަށް ދެއްވި ބަސްދީގަތުމެއްގައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހުގައި މި ހަރަކާތުގައި ބައިވެރިވެވަޑައިގެން ހުންނަވައި މެންބަރު ވިދާޅުވީ، މިހާތަނަށް ރާއްޖޭގައި ވެރިކަން ކުރި އެއްވެސް ސަރުކާރަކުން ވެރިކަމުގެ ފުރަތަމަ ދުވަސްކޮޅުގެ ތެރޭގައި ނުފަށާހައި ގިނަ މަސައްކަތްތަކެއް މި ސަރުކާރުން ފަށާފައިވާ ކަމަށެވެ.
އެގޮތުން، ކުރީގެ ސަރުކާރުތަކަށް ނުކުރެވޭހާ ބާރުމިނެއްގައި މި ސަރުކާރުން ބިން ހިއްކުމުގެ ބިޔަ މަޝްރޫޢުތައް ނިންމަވާފައިވާކަން މެންބަރު ފާހަގަކުރެއްވިއެވެ. މިއީ މި ސަރުކާރުގެ މަސައްކަތްތަކުގެ ހަލުވިކަމާއި، ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ގެންގުޅޭ ހަރުދަނާ އުސޫލުތައް ފެންނަން އޮތް ބޮޑު ހަގީގަތެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މެންބަރު އިއްބެ އިތުރަށް ވިދާޅުވީ، ކޮންގްރެސް ޕާޓީގެ އެންމެ ބޮޑު އަމާޒަކީ ރައީސް ޑރ. މުޢިއްޒުގެ މެނިފެސްޓޯ ފުރިހަމައަށް ތަންފީޒުކޮށް، އެމަނިކުފާނު ގެންގުޅުއްވާ ތަރައްޤީގެ ތަސައްވުރު ހަގީގަތަކަށް ހެދުން ކަމަށެވެ.
"ރާއްޖެއަށް ވަށާޖެހޭ ހަގީގީ ތަރައްޤީއެއް ގެނެވޭނީ ރައީސް ޑރ. މުޢިއްޒުގެ ތަސައްވުރު ހަގީގަތަކަށް ހެދިގެން. އެކަން މި ސަރުކާރުން ޔަގީނުންވެސް ކުރައްވާނެ ކަމާމެދު އެއްވެސް ޝައްކެއް ނެތް،" މެންބަރު ވިދާޅުވިއެވެ.
މީގެއިތުރުން، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރު ކޯލިޝަނުގެ ކެންޑިޑޭޓުންނަށް ވޯޓު ދޭންޖެހޭ ސަބަބަކީވެސް، ސަރުކާރުން ކުރިއަށްގެންދާ ތަރައްޤީގެ މަސައްކަތްތަކަށް އެއްބާރުލުންދީ، ރަށު ފެންވަރުގައާއި އަތޮޅު ފެންވަރުގައި އެ މަސައްކަތްތައް ހަލުވިކުރުން ކަމަށްވެސް އިއްބެ ވިދާޅުވިއެވެ.
މިއަދުގެ ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ސަރުކާރުގެ އިސް ބޭފުޅުންނާއި މަޖިލިސް މެންބަރުން ބައިވެރިވެވަޑައިގެންފައިވާކަން ފާހަގަކޮށްލެވެއެވެ.
ރިއެކްޝަންސް



