ޖަޕާނުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން އިތުރުކުރުމަށް ސަފީރު މަހުލޫފް މަޝްވަރާކުރައްވައިފި

ޖަޕާނުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން އިތުރުކުރުމަށް ސަފީރު މަހުލޫފް މަޝްވަރާކުރައްވައިފި

17 hours ago - 10:35

ޖަޕާނުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމާ ގުޅޭގޮތުން، ރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު މަހުލޫފް، ޖަޕާން އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް (ޖޭ.އޭ.ޓީ.އޭ) ގެ ރައީސް ކުނިހަރު އެބީންއާ ބައްދަލުކުރައްވައި މުހިންމު މަޝްވަރާތަކެއް ބާއްވަވައިފިއެވެ.


މި ބައްދަލުވުމަށްފަހު ސަފީރު މަހުލޫފް ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ، ޖޭ.އޭ.ޓީ.އޭގެ ރައީސްއާއެކު ބޭއްވުނު މި ބައްދަލުވުމުގައި ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދު އޮތް ފަތުރުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި ވާހަކަދެކެވުނު ކަމަށެވެ. ޚާއްޞަކޮށް ޖަޕާނުގެ މާކެޓުގައި ރާއްޖެ އިޝްތިހާރުކުރުމުގެ ހަރަކާތްތައް ފުޅާކުރުމަށް ޖޭ.އޭ.ޓީ.އޭގެ އެހީތެރިކަން ހޯދުމާ ގުޅޭގޮތުން މަޝްވަރާކުރެވުނުކަން ސަފީރު ފާހަގަކުރެއްވިއެވެ.


މީގެ އިތުރުން، ދެ ގައުމުގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ޓްރެވަލް އޭޖެންޓުންގެ މެދުގައި އޮންނަ ގުޅުން މިހާރަށްވުރެ ބަދަހިކޮށް، އެކި ހަރަކާތްތައް ގުޅިގެން ކުރިއަށް ގެންދިއުމަށްވެސް މި ބައްދަލުވުމުގައި ވަނީ އެއްބަސްވެފައެވެ. ސަފީރު މަހުލޫފް ވިދާޅުވީ މި މަސައްކަތްތަކުގެ ސަބަބުން ދެ ގައުމުގެ ފަތުރުވެރިކަމުގެ ގުޅުން އައު ހަރުފަތަކަށް ގެންދެވި، ޖަޕާނުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.


ރާއްޖޭގެ ފަތުރުވެރިކަމުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ކާމިޔާބު އަހަރެކެވެ. ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަސް ނިމުނުއިރު 1,067,543 (އެއް މިލިއަން ފަސްދޮޅަސް ހަތް ހާސް ފަސްސަތޭކަ ސާޅީސް ތިނެއް) ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.


ވަކިވަކި މަސްތަކަށް ބަލާއިރު، ނިމިދިޔަ ޖޫން މަހު އެކަނިވެސް 123,000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. ސަރުކާރުގެ އަމާޒަކީ ބައިނަލްއަގުވާމީ މާކެޓުތަކުގައި ރާއްޖެ އިތުރަށް އިޝްތިހާރުކޮށް، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow