އޭދަފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ 54 އިންސައްތަ މަސައްކަތް ނިމިއްޖެ
ބ. އޭދަފުށީ ބަނދަރު ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ 54 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެމްޓީސީސީން މައުލޫމާތު ދިން ގޮތުގައި، މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ބަނދަރުގެ ކެޕިންގ ކޮންކްރީޓް އެޅުމުގެ މަސައްކަތްތަކެވެ. މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އޭދަފުށީގެ ބަނދަރަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް އިސްކަންދީގެން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި 28,304 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ފަޅު ފުންކުރުމާއި، 3,354 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުން ހިމެނެއެވެ. މީގެ އިތުރުން 402 މީޓަރުގެ އެއްގަމުތޮށި ލުމާއި، 170 މީޓަރުގެ ބޭރުތޮށި ޖެހުމުގެ އިތުރުން 383 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމަށް ވަނީ ހަމަޖެހިފައެވެ.
މި މަސައްކަތުގެ ތެރެއިން ބަނދަރުގެ ބޭނުންކުރާ ފަރާތްތަކަށް ފަސޭހަކޮށްދިނުމުގެ ގޮތުން 1,814 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމާއި، 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއްގެ އިތުރުން 18 މީޓަރު ފުޅާ ފާލަމެއް އެޅުމަށް ވެސް ވަނީ ނިންމާފައެވެ. އަދި ބަނދަރު ބައްތި ހަރުކުރުމާއި މޫރިންގ ނިޒާމެއް ޤާއިމުކުރުން ވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ.
ސަރުކާރުން ޖުމްލަ 64.67 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ އޭދަފުއްޓަކީ އަތޮޅުގެ ވިޔަފާރީގެ މައި ހަބަށް ވެފައި، އަތޮޅުގެ ގިނަ ރަށްތަކަކުން އުޅަނދުފަހަރު ވަދެނިކުމެވާ ބަނދަރަކަށް ވާތީ، ބަނދަރުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ފެށި މަޝްރޫޢެކެވެ.
މި މަޝްރޫޢު ނިމުމުން އޭދަފުށީގެ ރައްޔިތުންނަށާއި، އެ ރަށުގެ ބަނދަރު ބޭނުންކުރާ އެހެން ރަށްރަށުގެ އުޅަނދުފަހަރަށް ބޮޑު ލުޔެއް ލިބި، އިޤްތިޞާދީ ގޮތުން ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.
ރިއެކްޝަންސް





