ރަސްމާލެއަށް 20 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ގެނެވޭނެ ކަމަށް މީގެކުރިން ސިޔާސީ އެއްވެސް ބޭފުޅަކު ހުވަފެނުންވެސް ނުދެކޭ: މެންބަރު އިއްބެ

ރަސްމާލެއަށް 20 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ގެނެވޭނެ ކަމަށް މީގެކުރިން ސިޔާސީ އެއްވެސް ބޭފުޅަކު ހުވަފެނުންވެސް ނުދެކޭ: މެންބަރު އިއްބެ

1 hour ago - 08:04

ރަސްމާލެ ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫއަށް 20 ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓެއް ދިވެހިރާއްޖެއަށް ގެނެވިދާނެ ކަމާމެދު މީގެކުރިން ސިޔާސީ އެއްވެސް ބޭފުޅަކު ހުވަފެނުންވެސް ދެކިވަޑައިގެންފައި ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލައް ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ހުސައިން (އިއްބެ) ވިދާޅުވެއްޖެއެވެ.

އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މެންބަރު އިއްބެ މިހެން ވިދާޅުވީ، ރަސްމާލެ މަޝްރޫއާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ތަފާތު އެކި ވާހަކަތައް ދައްކައި، އެ މަޝްރޫއު ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ ފާޑުކިޔުންތައް އަމާޒުކުރަމުންދާ ދަނޑިވަޅެއްގައެވެ.

އިދިކޮޅުގެ މި ވާހަކަތަކަށް ރައްދު ދެއްވަމުން މެންބަރު އިއްބެ ވިދާޅުވީ، ރަސްމާލެ ޕްރޮޖެކްޓާއެކު ރާއްޖެ ވެގެންދާނީ ފުދުންތެރި ގައުމަކަށް ކަމަށެވެ. އަދި އިގްތިސާދީ ގޮތުން ރައްޔިތުން ބާރުވެރިކުރުވައި، ތަނަވަސް ބަޔަކަށް ހެދުމަށް ސަރުކާރުން ކުރާ މަސައްކަތްތައް އިދިކޮޅު ފަރާތްތަކަށް ބަލައިގަންނަން ދަތިވެފައިވާ ކަމަށް މެންބަރު އިއްބެ ފާހަގަކުރެއްވިއެވެ.

މެންބަރު އިއްބެ ވިދާޅުވީ، މީގެ ކުރިން ރައްޔިތުން އެދޭ ގޮތަށް ގައުމު ތަރައްގީވެގެން ދިޔަ މަންޒަރު ފެނިފައި ނުވާ ކަމަށެވެ. ނަމަވެސް މިއަދު ފެންނަމުންދަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރައްޔިތުން އެދޭ ފަދަ ވެރިކަމެއް ކުރައްވައި، ރާއްޖޭގެ ޖީޑީޕީ ތިން ގުނައަށް އިތުރުކޮށް، ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރަން މަސައްކަތް ކުރައްވާ މަންޒަރު ކަމަށެވެ.

"20 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް މި ގައުމަށް ގެނެވޭނެ ކަމާމެދު މީގެކުރިން ސިޔާސީ އެއްވެސް ބޭފުޅަކު ހުވަފެނުންވެސް ނުދެކޭ. މިފަދަ އިންވެސްޓްމަންޓެއް ދިވެހިރާއްޖެއަށް ގެނެސް ރައްޔިތުންނަށް ތަނަވަސްކަން ލިބިގެންދާނެ ދުވަހެއް އެބޭފުޅުންނަކަށް މިހާތަނަށް ފެނިފައެއް ނުފެނޭ،" މެންބަރު އިއްބެ ވިދާޅުވިއެވެ.

މީގެއިތުރުން މެނަބަރު އިއްބެ ފާހަގަކުރެއްވި ގޮތުގައި ރަސްމާލެ ވެގެންދާނީ ރާއްޖޭގައި މިހާތަނަށް ތަރައްގީކުރެވޭ އެންމެ ބޮޑު އެއް ސިޓީއަށެވެ. މީގެކުރިން އެއީ ހަމައެކަނި ކަނޑު އޮތް ތަނެއް ކަމަށް ބުނެ މިދިޔަ ސަރުކާރުން ވީޑިއޯ ދެއްކި ނަމަވެސް، މިއަދު އެ މަންޒަރު ބަދަލުވެފައިވާ ކަމަށާއި، މިހާރު އިދިކޮޅުން އެ މަޝްރޫއަކީ ބޭނުންތެރި ކަމެއް ނޫން ކަމަށާއި އެއީ ވިއްކާލާފައިވާ ތަނެއް ކަމަށް ބުނެ ރައްޔިތުންނަށް ލިބެން އޮތް މަންފާއަށް ހުރަސްއަޅަން މަސައްކަތް ކުރަމުންދާ ކަމަށްވެސް މެންބަރު އިއްބެ ވިދާޅުވިއެވެ.

ރަސްމާލޭގައި މެރީނާއެއް ތަރައްގީކޮށް ހިންގުމަށް ސަރުކާރުން ވަނީ ޔޫއޭއީގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ އީގަލް ހިލްސްއާއެކު 20 ބިލިއަން ޑޮލަރުގެ ބޮޑު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އީގަލް ހިލްސްއަކީ ދުނިޔޭގެ 18 އަށް ވުރެ ގިނަ ގައުމުގައި އިންވެސްޓްކޮށްފައިވާ އަދި 45 ހޮޓަލުގެ ޕޯޓްފޯލިއޯއެއް އޮންނަ، އެންމެ މަތީ ފެންވަރުގެ މިކްސްޑް-ޔޫސް މަޝްރޫއުތައް ހިންގާ ދުނިޔޭގެ ފެންވަރުގެ ކުންފުންޏެކެވެ.

ރާއްޖޭގެ މުޅި ޖީޑީޕީ ގާތްގަނޑަކަށް 8 ބިލިއަން ޑޮލަރުގައި ހުރިއިރު، މި މަޝްރޫއުގެ އިންވެސްޓްމެންޓަކީ ރާއްޖޭގެ ޖީޑީޕީއަށްވުރެ ދެ ގުނަ ބޮޑު އަދަދެކެވެ. ރަސްމާލޭން ހިއްކާ 500 ހެކްޓަރުގެ ތެރޭގައި މި މަޝްރޫއު ކުރިއަށް ގެންދިޔަ ނަމަވެސް، ރައްޔިތުންނަށް ދިނުމަށް ކަނޑައަޅާފައިވާ ގޯއްޗާއި ފްލެޓުގެ އަދަދަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ކަށަވަރުކޮށްދީފައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow