ބަދަލު ދިނުމުގެ މައްސަލައިގަ ކުރީގެ ރައީސް ޞާލިހުގެ މައްޗަށް ދައުވާކޮށްދޭން މަޖިލިހުގެ މާލިއްޔަތު ކޮމިޓީން އެދެނީ
ފައްޔާޒުގެ މައްސަލަވެސް ތަހުގީގުކޮށް ދައުވާކޮށްދޭން އެދެން ފާސްކުރި
މިދިޔަ ސަރުކާރުން ބަދަލުގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ދޫކުރި މައްސަލައިގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ މައްޗަށް ދައުވާކޮށްދޭން އެދެން ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީން ނިންމައިފިއެވެ.
މާލިއްޔަތު ކޮމިޓީން ނިންމީ ކުރީގެ ރައީސް ޞާލިހުގެ އިތުރުން އޭރުގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް އާއި އޭރުގެ ރައީސް އޮފީހުގެ މިނިސްޓަރ އަލީ ހާޝިމްގެ މައްޗަށްވެސް ދައުވާ ކޮށްދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގައި އެދުމަށެވެ. ކޮމިޓީން އެދެނީ ތަހުގީގުކޮށް, އެތިން ބޭފުޅުންގެ މައްޗަށް ދައުވާކޮށްދިނުމަށެވެ.
މިދިޔަ ސަރުކާރުން ބަދަލުގެ ގޮތުގައި ފައިސާ ދޫކުރީ ސެޓްލްމަންޓް ކޮމިޓީއެއް އެކުލަވާލާ އެކޮމިޓީ މެދުވެރިކޮށެވެ. ތަހުގީގުކޮށް, ދައުވާކުރަން އެދެން ކޮމިޓީއަށް ހުށަހެޅުއްވި ފުނަދީ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު ވިދާޅުވީ ސެޓްލްމަންޓް ކޮމިޓީ މެދުވެރިކޮށް ބަދަލުގެ ގޮތުގައި 36 ރަށަކާއި ފަޅު ދީފައިވާ ކަމަށެވެ. ދެ ބިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދެއް ބަދަލުގައި ގޮތުގައި ދީފައިވާކަން ފެންނަން އެބައޮތްކަމަށް ފޭސްބުކްގައި އޭނާ ލިޔުއްވާފައި ވެއެވެ. އޭނާ ވިދާޅުވީ އެއީ 2018 ވަނަ އަހަރުގެ ނޮވެމްބަރު 17 ން 16 ނޮވެމްބަރު 2023 ގެ ނިޔަލަށް ބަދަލުގެ ގޮތުގައި ދީފައިވާ ކަމަށް ފެންނަން ހުރިވަރު ކަމަށެވެ.
" މިއީ ރަނގަޅުގޮތުގައި ބޭނުންކުރެވުނު ނަމަ, އެތައް ބިލިއަނެއްގެ ފައިދާ ރާއްޖެއަށް, ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ހޯދައިދެވޭނެ ކަންކަން" މަމްދޫހު ވިދާޅުވިއެވެ.
ކުރީގެ ރައީސް ޞާލިހުގެ މައްސަލަ ތަހުގީގުކޮށް, ދައުވާކޮށްދޭން އެދެނީ ސެޓްލްމަންޓް ކޮމިޓީގެ އެންމެ އިސްބޭފުޅަކީ އެމަނިކުފާނު ކަމަށް ވާތީއެވެ. އަދި އެކޮމިޓީން ބަދަލު ދިނުމުގައި އިސްކޮށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އާއި ރައީސް އޮފީހުގެ މިނިސްޓަރ އަލީ ހާޝިމް މަސައްކަތްކުރައްވާފައިވާތީ ކަމަށް ބުނެފައި ވެއެވެ.
އެތިން ބޭފުޅުންގެ އިތުރުން ކޮމިޓީގެ އެހެން ބޭފުޅުންގެ މައްސަލައެއްވެސް އޮތްތޯ ބަލާ ދައުވާކޮށްދޭން އެދެން ކޮމިޓީން ނިންމިއެވެ. މިކަމާ ގުޅިގެން ކޮމިޓީގައި އިންނަވާ އެމްޑީޕީގެ މެމްބަރު ވިދާޅުވީ މިއީ ސިޔާސީ ބޭނުމެއްގައި ކުރާ ކަމެއް ކަމަށެވެ.
މައްސަލަ ތަހުގޫގުކޮށް, ތައުވާކޮށްދޭން އެދެން މާލިއްޔަތު ކޮމިޓީން ފާސްކުރީ ޕީއެންސީގެ ހަ މެމްބަރުންގެ ވޯޓުންނެވެ.
ރިއެކްޝަންސް