ޤައުމުން ބޭރަށް ހިޖުރަކުރި ސީރިއާ ރައްޔިތުން އަނބުރާ އައުމަށް އިންތިޤާލީ ބޮޑުވަޒީރު ބަޝީރު ގޮވާލައިފި
އިޒްރާއިލްއިންވަނީ ސީރިއާގެ އިޙްތިޞާސްގައި ހިމެނޭ ގޯލަން ހައިޓްސްގެ ބަފަރ ޒޯންއަށް ވެރިވެގެންފައި
ސީރިއާގެ ދިގު އަހުލީ ހަނގުރާމައިގައި ޤައުމު ދޫކޮށް އެހެން ޤައުމުތަކަށް ހިޖުރަކުރި ސިރިއާގެ ރައްޔިތުން އަނބުރާ ޤައުމަށް އައުމަށް އިންތިޤާލީ ބޮޑުވަޒީރު މުޙައްމަދު އަލް-ބަޝީރު ގޮވާލައްވައިފިއެވެ. ބަޝީރު ވިދާޅުވީ އޭނާގެ ފުރަތަމަ އަމާޒަކީ ޤައުމުން ބޭރަށް ހިޖުރަކުރި އެތައް މިލިއަން މީހުން އަނބުރާ ސީރިއާ އަށް ގެނައުމެވެ.
މުޙައްމަދު އަލް ބަޝީރު އަކީ ތަޙްރީރް އަލް ޝާމްގެ ލީޑަރު ޖުލާނީގެ ވަރަށް އަރިސް ބޭފުޅެކެވެ. ބަޝީރު އިންތިގާލީ ބޮޑުވަޒީރުކަމުގައި ހުންނަވާނީ 2025 މާރިޗު 1 ގެ ނިޔަލަށެވެ.
އަންދާޒާ ކުރެވޭ ގޮތުގައި 2011 ން ފެށިގެން 6.7 މިލިއަނަށްވުރެ ގިނަ މީހުން އަސަދުގެ އަނިޔާވެރިކަމާހުރެ ސީރިއާ ދޫކޮށް އެކި ޤައުމުތަކަށް ވަނީ ހިޖުރަކޮށްފައެވެ. އޭގެ ތެރެއިން ގިނަ މީހުން ދިރިއުޅެނީ ދެކުނު ލުބުނާނުގައި ހިޒްބުالله ގެ އެންމެ ބާރުގަދަ ސަރަޙައްދު ތަކުގައެވެ.
ބަޝީރު ވިދާޅުވީ ސީރިއާގެ ރައްޔިތުންނަށް ހަމަޖެހުން ބޭނުންވާ ކަމަށާއި, އެހެންކަމުން ސީރިއާގެ ދައުލަތުގެ މުއައްސަސާތަކަށް އިހްތިރާމް ކުރުމުގެ ގޮތުން އޭނާ މަސައްކަތް ކުރަމުންދަނީ ބައްޝާރުލް އަސަދުގެ ސަރުކާރުގެ އޮފިޝަލުންނާ އެކުގައި ކަމުގައެވެ.
އިންތިޤާލީ ސަރުކާރުގެ ކަންކަން ބަޝީރުގެ ބެލުމުގެ ދަށުން ކުރިއަށްދާއިރު އަސަދުގެ ސަރުކާރު ވައްޓާލި ހަނގުރާމަވެރިންގެ ޖަމާއަތުން މިހާރުވަނީ ސީރިއާގެ އިރު-އުތުރު ސިޓީއެއް ކަމަށްވާ ދިއެރް އެޒް-ޒޯރް އެމީހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. އެއީކުރިން ކުރުދީ ފޯސްތަކުގެ ބާރުގެ ދަށުގައި އޮތް ސަރަޙައްދެކެވެ. ވެރިކަމުގައި ކުރިން ހުރި އަސަދު ވަނީ ރަޝިއާއިން ސިޔާސީ ހިމާޔަތް ހޯދާފައެވެ. އަސަދު އާއި އޭނާގެ އާއިލާއަށް އެގައުމުން ފުރިހަމަ ސިޔާސީ ހިމާޔަތް ދީފައިވާކަމަށް ކްރެއިމްލިން އިންވަނީ ކަށަވަރުކޮށްދީފައެވެ.
ޙަޔާތު ތަޙްރީރް އަލް-ޝާމްގެ ގެ ލީޑަރު އަޙްމަދު އަލް ސަހާރާ ނުވަޔަ އަބޫ މުޙައްމަދު އަލް ޖުލާނީ ވަނީ ސީރިއާ އަލުން އާރާސްތުކޮށްދެއްވާނެ ކަމަށް ވަޢުދުވެފައެވެ. އޭނާ ބުނެފައިވަނީ 14 އަހރުގެ ހަނގުރާމަ އާއެކު ސީރިއާގެ ރައްޔިތުން ތިބީ އިންތިހާއަށް ވަރުބަލިވެފައި ކަމަށާއި އާއި އެމީހުންނަށް ހަމަޖެހުން ބޭނުންވާ ކަމަށެވެ.
ނަމަވެސް ސީރިއާގެ ސަރުކާރު ވައްޓާލި ފަހުން ފާއިތުވެ ދިޔަ 48 ގަޑި އިރެއްހާއިރު ތެރޭގައި އެކަނިވެސް އިޒްރާއިލްގެ އަސްކަރިއްޔާއިން ވަނީ ސިރިއާއަށް 480 ހަމަލާ ދީފައެވެ. ސީރިއާގެ 15 ކަނޑުގެ އުޅަނދެއް ހަލާކުކޮށްލާ އެންޓައި-އެއަރކްރާފްޓް ބެޓޭރީތަކާއި އެކި ސިޓީތަކުގެ ހަތިޔާރު އުފައްދާ ސައިޓްތަކަށް ހަމަލާތައް އަމާޒުކޮށްފައި ވެއެވެ. އިޒްރާއިލްއިން ވަނީ ސީރިއާގެ އިޙްތިޞާސްގައި އޮންނަ ގޯލަން ހައިޓްސްގެ ސަރަޙައްދުތައް ހިމެނޭ ބަފަރ ޒޯނަށް ވަދެފައެވެ. އިޒްރާއިލްއިން 1967 ވަނަ އަހަރުގެ މެދުއިރުމަތީގެ ހަނގުރާމައިގައިވެސް އެތަނަށް ވަނީ ވެރިވެގަނެފައެވެ. ގޯލަން ހައިޓްސްގެ ބަފަރ ޒޯން އަށް އިޒްރާއިލްއިން ވެރިވެގަތުން އދ ން ވަނީ ކުށްވެރިކޮށްފައެވެ. އދ ން ބުނެފައިވަނީ އިޒްރާއިލްގެ މިއަމަލަކީ 1974 ގައި އިޒްރާއިލް އާއި ސީރިއާ އާ ދެމެދު ސޮއިކުރި އެއްބަސްވުމާ ޚިލާފްކަމެއްކަމަށެވެ.
ރިއެކްޝަންސް