
ދުނިޔޭގެ އެންމެބޮޑު ޓައިގަރ ޝަރކްގެ އާބާދީ އާއެކު ފުވައްމުލައް ނެޓްފްލިކްސްގައި ފީނަނީ
ނެޓްފްލިކްސްގެ ޝޯވް "އޯލް ދި ޝާކްސް" ގެ ފުރަތަމަ އެޕިސޯޑް ހާއްސަކޮށްފައިވަނީ ފުވައްމުލައް ސިޓީއަށް
ފުވައްމުލަކު އުތުރު ފަރާތުުގެރުއްގަނޑުގެ ހިތްގައިމު މަންޒަރު ތަކުން 'އައި އޮފް ދި ޓައިގަރ ޝަރކް' ގެ ވާހަކަ ފަށަނީވެސް އެދަފަ ދެވަނައެއްނެތް ފުވައްމުލަކު ތޫނޑަށް ބީއްސާލާ އަޖައިބުކުރުވަނިވި ރާޅުތާކާއެކުއެވެ. މިއީ ނެޓްފްލިކްސް އިން އިއްޔެ ދައްކަންފެށި 'އޯލް ދި ޝަރކްސް' ސީރިސްގެ ވާހަކައެވެ. ފުރަތަމަ އެޕިސޯޑެވެ.
ފުރަތަމަ އިވެނީވެސް "މިއީ ރީތިކަމުގެ އިންތިހާ ފުވައްމުލައް" މިޖުމްލައެވެ. ރާޅުތަކުގެ ތެރޭގައި ހަައެއްކަ ސާފަރުން ބޯޑުމަތީގައި ތިބޭ މަންޒަރާއެކު ދެން ދައްކާލީ މަތިން މުޅި ސިޓީ ފެންނަ ގުދުރަތީގޮތުންވެސް އަޖައިބުކުރުވަނިވި ތަސްވީރެކެވެ. ހަތަރު ޓީމެއްގެ ތަޖުރިބާކާރުން މިޔަރުގެ ފޮޓޯނެގުމުގެ ދުނިޔޭގެ ފެންވަރުގެ މުބާރާތެއްގައި ފުވައްމުލައް ސިޓީ ދައްކާލަނީ ޓައިގަރ ޝަރކް ގެ ދުނިޔޭގެ އެންމެ ބޮޑު އާބާދީގެ ގޮތުގައެވެ.
ހަ ހަފުތާގެ ތެރޭގައި މުބާރާތުގެ ބައިވެރިން ފީނުމަށް ހަމަޖެހިފައިވާ ކަނޑުތަކުގެ ތެރެއިން ފުވައްމުލައްސިޓީ ދައްކާލީ ބައިވެރިންގެ ފުރަތަމަ މަންޒިލްގެ ގޮތުގައެވެ. ދެން ހުރި އެޕިސޯޑްތައް ކުރިއަށްދާނީ އިކުއެޑޯގެ ޖަޒީރާ ރަށެއްކަމަށްވާ ގެލަޕަގޮސް, ކެރީބިއަންގެ ބަހަމާސް , ސައުތު އެފްރިކާ, ޖަޕާން އަދި އޮސްޓްރޭލިއާގެ މަޝްހޫރު ގްރޭޓް ބެރިއަރ ރީފްގައެވެ.
މުބާރާތުގެ މިޝަން އަކީ މިޔަރުގެ އެންމެ ގިނަ ފޮޓޯ އަދި އެންމެ މަދު ބާވަތުގެ މިޔަރުތަކުގެ ފޮޓޯވެސް ނެގުމެވެ. ނަގާ ކޮންމެ ފޮޓޯއަކަށް ޕޮއިންޓް ލިބޭ ގޮތަށް ބައްޓަން ކުރެވިފައިވާ މި މި މުބާރާތުގައި އެންމެ ގިނަ ޕޮއިންޓް ލިބޭނީ އެންމެ މަދުން ފެންނަ ބާވަތުގެ މިޔަރުގެ ފޮޓޯ ނަގައިގެންނެވެ. މޮޅުވާ ޓީމަކަށް 50,000 އެމެރިކާ ޑޮލަރުގެ އިނާމެއް ލިބެއެވެ. ނަމަވެސް އެފައިސާ ހޭދަކުރަންޖެހޭނީ އެޓީމަކުން ކަނޑައަޅާ ކަނޑުތަކުގެ ދިރުންތަކާ ބެހޭ ޗެރިޓީއަކަށެވެ.
މެރިން ބަޔޮލޮޖިސްޓުންނާއި, އިކޮލޮޖިސްޓުންނާއި ޑައިވް މާސްޓަރުން އަދި ރިސާޗަރުންނާއެކު ފުވައްމުލަކުގައި ޝޫޓްކުރި ފުރަތަމަ އެޕިސޯޑް ފެށުމުގެ ކުރިންވެސް ބައިވެރިންނަށް އެސަރަހައްދުގެ ކަނޑުގެ އޮއިވަރުގެ ބާރުކަން ވަނީ އެނގިފައެވެ. ބައެއް މަންޒަރުތައް ނަގާފައިހުރީ ކަނޑުގަދަ ދުވަސްތަކެއްގައި ކަމުން އެސަރަހައްދުގެ ކަނޑުއަޑީގެ އޮއިވަރާއި ފުންކަމުގައި ބައިވެރިންނަށް ގޮންޖެހުންތައް ކުރިމަތިވިކަން އެފަރާތްތަކުން ވަނީ ހިއްސާކޮށްފައެވެ.
ބައިވެރިންނަށް ފީނަން ލިބުނީ 8 ގަޑިއިރެވެ. ކޮންމެ ދެމީހަކީ ޓީމެކެވެ. ޖުމްލަ 8 ބައިވެރިންނެވެ. ދަތުރުފެށީ ފުވައްމުލައް ސިޓީގެ ބަނދަރުންނެވެ.
މުޅި ދުނިޔޭގައިވެސް ޓައިގަރ ޝާރކްގެ އާބާދީ އެންމެބޮޑު ތަނުގެ ގޮތުގައި މަޝްހޫރު ފުވައްމުލައް ހިމެނޭ ސަރަހައްދުން ފެންނަ ކޮންމެ ޓައިގަރ ޝަރކެއްގެ ފޮޓޯއާއެކު ތިން ޕޮއިންޓް ލިބެއެވެ. 200 ޓައިގަރ ޝަރކްގެ އާބާދީއެއް އޮންނަ އެސަރަހައްދުން އެންމެ ގިނައިން ބައިވެރިންނާ ބައްދަަލުކުރީވެސް ޓައިގަރ ޝަރކްއެވެ. ކޮންމެވެސް ވަރަކަށް ވައިޓް ޓިޕް އަދި ބްލެކް ޓިޕް ޝަރކްވެސް ފެނުނެވެ.
'މިއީ މުޅިން އެހެން ލެވެލްއެއް" ފަރިކެޑޭ ސަރަހައްދަށް ފޭބި ބައިވެރިއަކު ކަނޑުއަޑީގެ އެސަރަހައްދުގެ އޮއިވަރާގުޅޭ ގޮތުން ވާހަކަ ދައްކަމުން ބުންޏެވެ. ފުން ސަރަހައްދަކަށް އެމީހުން ފޭބީ ގިނައިން ޕޮއިންޓް ލިބޭ ތްރެޝަރ ޝާރކްއަކާ ލައްވާލާތޯއެވެ.
އެކި ހިސާބުތަކުން ފުވައްމުލަކުގެ ހިތްގައިމު މަންޒަރުތައް ދައްކާލާ 46 މިނިޓްގެ މި އެޕިސޯޑްގައި ފުވައްމުލަކުގެ ހަތަރު ޑައިވް ސައިޓެއް ފެނެއެވެ. 36 ޕޮއިންޓާއެކު ފުރަތަމަ ދުވަސް ނިމުނުއިރު ކުރީގައި އޮތީ ޓީމް ޝާކް ޑޮކްސް އެވެ. މުޅި އެޕިސޯޑް ނިންމާލިއިރު ފުވައްމުލައް ހިމެނޭ ސަރަހައްދުން ޖުމްލަ ހަ ބާވަތެއްގެ މިޔަރު ވަނީ ފެނިފައެވެ. އެޕިސޯޑްގެ އެއްވަނަ ލިބުނީ ވެސް ޓީމް ޝާކް ޑޮކްސްއަށެވެ.
ޓައިގަރ ޝާރކްތަކާއެކު ބިރުކަނޑާލާފައި ބައިވެރިން ފީނަމުންދާއިރު އެކި ބާވަތުގެ މަޑިއާއި ގުދުރަތީ ކަނޑުއަޑީގެ ރީތިކަން ފެންނަ އެތައް މަންޒަރެއް މި އެޕިސޯޑްގައި ފެނެއެވެ. ދުރުން ފެންނަ ފުވައްމުލަކުގެ މަލަމައްޗާއި, މަތިން ނަގާފައިވާ ފުވައްމުލަކު ހިތްގައިމު ގޮނޑުދޮށަށް އިރުއޮއްސޭ މަންޒަރުގެ ދަޅަތައް އެޅިފައިވާ ހިތްގައިމު މަންޒަރުތައްްވެސް މެއެވެ.
ރިއެކްޝަންސް






