
ނަކްބާ އަށް 77 އަހަރު, އިޒްރާއިލްއިން މިއަދުވެސް ޣައްޒާގެ 74 މީހުން ޝަހީދުކޮށްލައިފި
ނުހައްގުން ޣައްޒާގެ ރައްޔިތުން އެމީހުންގެ ގެދޮރުން ނެރެލާ މަގުމަތިކޮށް, ފުރާނަ ސަލާމަތްކުރަން ބޭނުންނަމަ ވަޒަން ދޫކޮށްދާން އިޒްރާއިލްއިން މަޖުބޫރުކުރުވިތާ މިއަދަށް 77 އަހަރުވީއެވެ. މިއަދު އެކަނިވެސް އިޒްރާއިލްއިންވަނީ 74 މީހުން ޝަހީދުކޮށްލާފައެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.
'ނަކްބާ' އަކީ 1948 ގައި އިޒްރާއިލް އޭ ކިއުނު ދައުލަތް އުފައްދަންވެގެން ފަލަޞްޠީނުގެ 750,000 މީހުން ގަަދަކަމުން އެމީހުންގެ ގެދޮރުން ނެރެލި ތާރީޚީ ހާދިސާއެވެ. އޭރު ޣައްޒާގެ 530 އަވަށާއި, ސިޓީ އެއްކޮށް ހުސްކޮށް އިޒްރާއިލްގެ ބާރުގެ ދަށަށް ގެނެސް އެތަންތަނުގައި ޔަހޫދީންގެ ވަޒަންވެރިކަން ފެށިއެވެ. ގެދޮރު ދޫކޮށްދާން އިންކާރުކުރި ފަަަލަޞްޠީނުގެ ރައްޔިތުންވަނީ އެއްވެސް ރަޙުމެއްނެތި ޝަހީދުކޮށްލާފައެވެ.
އިޒްރާއިލ އުފެއްދުމަށްޓަކައި ޣައްޒާގެ ބިމުގެ 78 އިންސައްތަ އެމީހުން ފޭރިގަތެވެ. ބާކީ 22 އިންސައްތައިގެ ތެރޭގައި ހިމެނޭ ހުޅަނގު އައްސޭރިއާއި ޣައްޒާގެ ތެރެއިން ހުޅަނގު އައްސޭރީގެ ބިންތައްވެސް 1967 ގެ ހަނގުރާމައިގެ އެމީހުންވަނީ ޔަހޫދީ ސިފައިންގެ އަޅުވެތިކަމުގެ ދަށަށް ގެނެސްފައެވެ.
19 މަސް ވީ ޤަތުލްއާންމުގައި ރޭވެސް އިޒްރާއިލްއިން ޣައްޒާގެ އެކި ސަރަހައްދުތަކުން 57 މީހުން ޝަހީދުކޮށްލާފައިވާ ކަމަށް ޣަައްޒާގެ ސިއްހީ އިދާރާގެ މަސްދަރުތަކާ ހަވާލާދީ އަލްޖަޒީރާގައި ރިޕޯޓްކޮށްފައިވެއެވެ. އޮކްޓޯބަރު 2023 ން. ފެށިގެން އިޒްރާއިލްއިން ހިންގަމުން ގެންދާ އުދުވާނުގައި މިހާތަނަށް ޣައްޒާއިން 53,000 ށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާކަމަށް ރަސްމީ މަސްދަރުތަކުން ބުނެއެވެ.
މެދުރެތޭ ޙާން ޔޫނިސްގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް ރޭގެ އެކި ވަގުތުތަކުގައި ވަނީ އެއްފަހަރާ މިސައިލް ހަމަލާތައް އޮށްސާލާފައި ކަމުގައި އެސަރަހައްދުން ރިޕޯޓްކުރި އަލްޖަޒީރާގެ ނޫސްވެރިޔާ ތާރެގް އަބޫ އަޒޫމް ބުނެފައި ވެއެވެ. ހަމަލާތަކާއެކު އެސަރަހައްދުގައި ހުންނަ ނަސެރް ހޮސްޕިޓަލަށް ޒަހަމްވެފައިވާ މީހުންގެ ހަށިތައް ހުއްޓުމެއްނެތި ގެނެސް ހޮސްޕިޓަލް ސަރަހައްދުވެސް ފުރިފައިވާކަމަށް ތާރެގް ވަނީ ރިޕޯޓްކޮށްފައެވެ.
"މިތާ ހަނގުރާމެވެރިންނެއް ނޫޅެ. 19 މަސް މިވަނީ. މިތާގައި މިއުޅޭނީ އަހަރެެމެންކަހަލަ އުމުރުން ދުވަސްވީ މީހުންނާއި ބަލިމީހުން. މައުސޫމް ކުޑަކުދިންތައް މަރަނީ" ޣައްޒާގެއާންމުންނަށް އަމާޒުކޮށް އިޒްރާއިލްއިން ކުރަމުންދާ ހަނގުރާމައާ ގުޅޭގޮތުން އަލްޖަޒީރާ އާ ވާހަކަދައްކަމުން ޣައްޒާގެ ރައްޔިތެއްކަމަށްވާ ހަސަން މޮގްބެލް ބުނެފައި ވެއެވެ.
މިއަދުގެ ހަމަލާތަކުގައި ޝަހީދުކޮށްލި މީހުންގެ ތެރޭގައި ފަލަޞްޠީނުގެ ނޫސްވެރިޔާ ޙަސަން ސަމޯރް ވެސް ހިމެނެއެެވެ. އޭނާ އާއި އާއިލާގެ ގިނަ މެމްބަރުންތަކެއް ޝަހީދުކޮށްލާފައިވަނީ އިރުމަތީ ޙާން ޔޫނިސްގެ އަަވަށެއް ކަމުގައިވާ ބަނީ ސުހެއިލާގައި ހުންނަ އެމީހުން ދިރިއުޅޭ ގެއަށް ދިން ހަމަލާތަކުގައެވެ.
މި ހަފުތާގެ ކުރީކޮޅު އިޒްރާއިލްއިން ވަނީ ޣައްޒާގެ މަޝްހޫރު ނޫސްވެރިއެއް ކަމަށްވާ ޙަސަން އަސްލިޙް ވެސް ޑްރޯން ހަމަލާއެއްގައި ޝަހީދުކޮށްލާފައެވެ. އަސްލިޙް ޝަހިދުކޮށްލާފައިވަނީ އޭގެކުރިން ދިން ހަމަލާއެއްގައި ޒަހަމްވެގެން އަލް ނަސެރް ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް އެ ހޮސްޕިޓަލްގެ އިމަޖެންސީ ވިންގަށް އަމާޒުކޮށް ދިން ޑްރޯން ހަމަލާއެއްގައެވެ.
ރިއެކްޝަންސް






