ޓްރަމްޕްގެ ޣައްޒާ 'އަމިއްލަކޮށް' ނަޞްލު ނައްތާލުމުގެ ޕްލޭނަށް ދުނިޔޭގެ ނުރުހުން
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާންކުރި ޣައްޒާ 'އަމިއްލަކުރުމުގެ' ސިހުންގެނުވި ޕްލޭނަށް ދުނިޔޭ ނުރުހުން ވެއްޖެއެވެ. ފަލަޞްޠީނުގެ އަހުލުވެރިން ގަދަކަމުން އެބިމުންނެރެ އެމެރިކާގެ މިލްކެއްގެ ގޮތުގައި ޣައްޒާ އާރަސްތުކުރުމުގެ ޕްލޭނެއް ޓްރަމްޕް އިއުލާން ކުރީ އިޒްރާއިލްގެ ބޮޑުވަޒީރުބެންޖަމިން ނަތަންޔާހޫ އާއެކު ބޭއްވި ނޫސް ކޮންފަރެންސް ގައެވެ.
ވައިޓްހައުސްގައި އަންގާރަ ދުވަހު ޓްރަމްޕް އިއުލާން ކުރި ޕްލޭންގައި ބުނެފައިވަނީ ޣައްޒާއިން މީހުން ހުސްކުރުމަށްފަހު އަލުން އާރާސްތުކޮށް, ވަޒީފާތައް އުފައްދާ, އިޤްތިޞާދީ ފުދުންތެރިކަމާއެކު ދިގުމުއްދަތަކަށް އެމެރިކާގެ ތަނެއްގެ ގޮތުގައި ޣައްޒާ ވެގެން ދާތަން މި ޕްލޭން ތަންފީޒުވާއިރު ކަމުގައެވެ. ޓްރަމްޕްގެ މިވާހަކަތަކަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަނީ ތޫނު ރައްދުތައް ދީފައެވެ.
ޣައްޒާ ކޮންޓްރޯލްކުރާ ހަމާސްގެ އިސް އޮފިސަރު, ސާމީ އަބޫ ޒުޙްރީ ބުނެފައިވަނީ ޓްރަމްޕްގެ ވާހަކަތަކަކީ ފާޅުކަންބޮޑު ގޮތެއްގައި ޣައްޒާގެ ނަޞްލު ނައްތާލުމަށް ޓްރަމްޕް ވީ ވައުދެއް ކަމަށް ބުނެފައެވެ.
"ޣައްޒާ ކޮންޓްރޯލްކުރަން ޓްރަމްޕް އިޢުލާންކުރި ޕްލޭނަކީ މުޅި މެދުއިރުމަތީގެ ސުލްޙައަށް އޮތް ނުރައްކަލެއް. ޣައްޒާގެ ރައްޔިތުން އެފަދަ ކަމަކަށް ޖާގައެއް ނުދޭނެ" އޭނާ ބުނެފައިވަނީ އެމެރިކާގެ ޕްލޭނަކީ ހައްދުފަހަނައެޅި އިޒްރާއިލްގެ ޒަޔަނަނިސްޓް ޖަމާއަތުން ޣައްޒާގެ އަހުލުވެރިން ބިމުން ފޮހެލަން އިއުލާންކުރި ކުރުމެއް ކަމުގައެވެ.
ފަލަޞްޠީނު ލިބަރޭޝަން އޯގަނައިޒޭޝަން (ޕީއެލްއޯ) އިންވެސް ވަނީ ޓްރަމްޕްގެ ޕްލޭން ކުށްވެރިކޮށްފައެވެ. އަދި ބައިނަލް އަޤުވާމީ ގާނޫނުގެ ދަށުން ދެ ދައުލަތުގެ ސުލްޙަ ޤަބޫލުކުރާ ކަމަށާއި, ފަލަޞްޠީނުގެ ރައްޔިތުން އެމީހުންގެ ވަޒަނުން ބޭރުކޮށްލުމަށް އެއްވެސް ހާލެއްގައި މަރުހަބާ ނުކިޔާނެ ކަމަށް ވަނީ ބުނެފައެވެ.
ޓްރަމްޕްގެ ވާހަތަކަށް އޭނާގެ ރާގުގައި ރައްދުދެއްވީ އދ ގައި ހުންނަވާ ފަލަޞްޠީނުގެ ސަފީރު ރިޔާދް މަންސޫރު އެވެ. އޭނާ ވިދާޅުވީ އިޒްރާއިލްއޭ ކިޔުނު ތަނުގައި ކުރިން ހުރި ފަލަޞްޠީނު ރައްޔިތުންގެ ގެދޮރު އަނބުރާ ހޯދަންޖެހޭ ކަމަށާއި ފަލަޞްޠީނުގެ ރައްޔިތުން "މާ ރީތި' ތަނަކަށް ފޮނުވާނެކަމަށް ބުނި މީހުން އިޒްރާއިލްގައި ހުރި ފަލަޞްޠީނު ރައްޔިތުންގެ އަމިއްލަ ގެދޮރަށް ފޮނުވަން މާ ރަނގަޅު ކަމުގައެވެ.
"ޢައްޒާ އާރާސްތު ކުރާނީ ފަލަޞްޠީނުގެ ރައްޔިތުން. އެއީ އެމީހުން ނިސްބަތްވާ ތަނަކީ" ރިޔާދް ވިދާޅުވިއެވެ.
ސައުދި އަރަބިއާއިން މީގެ ކުރިން އަދި މިހާރުވެސް ބުނަމުން އަންނަނީ ފަލަޞްޠީނުގެ ދަޢުލަތް ޤާއިމް ނުކުރަނީސް އިޒްރާއިލްއާ އިހު އޮތް ގުޅުން އިއާދަ ނުކުރާނެ ކަމުގައެވެ. އަދި ފަލަޞްޠީނުގެ ރައްޔިތުން އެމީހުންގެ ވަޒަނުން ބޭރުކުރުމަށް ގެންގުޅޭ އެއްވެސް ސިޔާސަތަކަށްވެސް ތާއިދު ނުކުރާނެ ކަމުގައެވެ.
އެމެރިކާ ސެނެޓަރު ކްރިސް މާފީ އެކްސްގައި ކޮސްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ޓްރަމްޕް އެހުރީ މޮޔަވެފައި ކަމަށާއި އެމެރިކާއިން ޣައްޒާއަށް އަރައިފިނަމަ އެމެރިކާ ސިފައިންގެ އެތައްބަޔަކު އެތައް އަހަރުތަކެއްވަންދެން ކަތިލެވޭނެ ކަމުގައެވެ. ޓްރަމްޕްގެ ޕްލޭން އޭނާ ސިފަކުރީ "ސިކް އަދި ބޭޑް ޖޯކެއް"ގެ ގޮތުގައެވެ.
އެހެން ސެނެޓަރެއް ކަމަށްވާ ކްރިސް ވެން ހޯލެން ވެސް ވަނީ ޓްރަމްޕްގެ ޕްލޭނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. "ދެ މިލިއަން ޣައްޒާގެ ރައްޔިތުން އެމީހުންގެ ބިމުން ގަދަކަމުން ބާލާ, އެހެން ނަމަކުން ބުނާނަމަ ނަސްލު އެއްކޮށް ނައްތާލައިގެން އެ އިއުލާން ކުރަނީ އީރާނާއި މެދުއިރުމަތީގެ އެހެން ގައުމުތަކާ އަސްކަރީ ހަނގުރާމައެއް. ކޮންގްރެސް އިން މި ބޯގޯސް އަދި ނުރައްކާތެރި ސްކީމާ ދެކޮޅަށް ތެދުވަންޖެހޭ" އޭނާ ވިދާޅުވިއެވެ.
ކެއިރް- އެމެރިކާގެ މުސްލިމް އެޑްވޮކަސީ ގްރޫޕުން ބުނީ ޣައްޒާގެ ރައްޔިތުން ގަދަކަމުން ޣައްޒާއިން ބޭލުމަކީ އިންސާނިއްޔަތާ ޚިލާފް ޖަރީމާއެއް ކަމަށާއި މުޅި މެދުއިރުމަތީގެ ހަމަޖެހުން ގެއްލިގެންދާނެ ކަމެއް ކަމަށެވެ. އަދި އެއީ ބައިނަލް އަޤުވާމީ ޤާނޫނޫގެ ސަންދޯކުގައި ޖަހާނެ ފަހު މޮހޮރު ކަމުގައެވެ.
އެމެރިކާއާއި އެންމެ ދެކޮޅުވެރި ރަޝިއާ އިންވެސް ވަނީ ޓްރަމްޕްގެ ޕްލޭނަށް ރައްދު ދީފައެވެ. އަދި އެ އިއުލާންކުރި ޕްލޭނާ ރަޝިއާއިން ކަނޑައެޅިގެން ދެކޮޅުހަދާކަމަށް ފޮރިން މިނިސްޓަރުގެ ބަޔާނުގައި ބުނެފައި ވެއެވެ.
އިތުރު ޤައުމުތައް ކަމަށްވާ ޗައިނާ, ތުރުކިއޭ, އޮސްޓްރޭލިއާ އާއި އިންސާނީ ޙައްގުތަކަށް ވަކާލާތުކުރާ އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުންވެސް ވަނީ ޓްރަމްގެ ޕްލޭން ޤަބޫލު ނުކުރާނެ ކަމަށާއި, މެދުއިރުމަތީގެ މަޞްރަހަށް ލޮޅުން އަރާނެ ފަދަ, އަދި ފަލަޞްޠީނުގެ ރައްޔިތުންގެ ކިބައިން އެމިހުންގެ ވަޒަނުގެ ޙައްގު ނިގުޅައިގަންނަން އެއްވެސް ކަމަކަށް ޖާގަ ދޭ އެއްވެސް ނިންމުމަކަށް މަރުހަބާ ނުކިޔާނެ ކަމަށް ބުނެފައެވެ.
އިޒްރާއިލްއާ އެކު މި ނިންމި ނިންމުމާ ގުޅިގެން އެގަޢުމުން އިޒްރާއިލްއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ރިވިއުކުރާނެ ކަމަށާއި, ފަލަޞްޠީނުގެ ޙާލަތު ރަނގަޅޫ ނުވާނަމަ ވިޔަފާރީގެ ގުޅުންތައް ކަނޑާލާ އެމްބަސެޑަރުން އަނބުރާ ގެންނާނެކަމަށް ތުރުކީގެ ހާރިޖީ ވަޒީރު ހަކަން ފިދަންވެސް ވަނީ ވިދާޅުވެފައެވެ.
"ޣައްޒާ އަކީ އެމިހުންގެ ވަޒަން. އެމެރިކާގެ ބޮންތަކުން އިޒްރާއިލްއިން ޣައްޒާގެ އާންމުންގެ އެތައްބަޔަކު މަރައިފި. އެއީ އެމެރިކާ ސަރުކާރުގެ އެހީގައި ޣައްޒާއަށް ގެނައި މުސީބާތެއް" އެމްނެސްޓީގެ އެގްޒެކެޓިވް ޑިރެކްޓަރ ޕޯލް އޯ' ބްރިއެން ވިދާޅުވިއެވެ.
ރިއެކްޝަންސް