ދެކުނު ލުބުނާން ދެވަނަ ޣައްޒާއަށް.......!!!
ދެކުނު ލުބުނާނުގެ އިމާރާތެއް ބިމާހަމަވެފަ: ފޮޓޯ- އޭއެފްޕީ

ދެކުނު ލުބުނާން ދެވަނަ ޣައްޒާއަށް.......!!!

7 days ago - 20:59
Oct 12, 2024 - 10:29

(ބެއިރޫތް, ލުބުނާން) "ލުބުނާން, އަހަރެމެންނަށް އެނގޭ އެތަނެއް ނޯންނާނެކަން" މިއީ ޖުލައިމަހު ކުރީކޮޅު އިޒްރާއިލްގެ ނޫހަކަށް މައުލޫމާތު ދެމުން އެ ގައުމުގެ އެޑިއުކޭޝަން މިނިސްޓަރު ޔޮއާވް ކިޝް ބުނެފައިވާ ވާހަކައެކެވެ. މީގެ އަހަރެއް ކުރިން އިޒްރާއިލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހަމާސް ނައްތާލުމަށްކަމަށް ބުނެ ޣައްޒާގައި ފެށި ހަނގުރާމާއަށް އިޒްރާއިލްގެ ކެބިނެޓް މިނިސްޓަރުން ވަނީ ތާއީދުކޮށްފައެވެ. 

ހަމަލާތަކުގައި މިހާތަނަށް 42,000 މީހުން ޣައްޒާއިން މަރާލާފައިވާ ކަމަށް ރަސްމީ ހިސާބުތައް ދައްކައެވެ. އަދި ޣައްޒާގެ މުޅި އާބާދީ, 3.2 މިލިއަން މީހުންގެ ގެދޮރު ގެއްލި ވިއްސިވިހާލި ވެފައިވާއިރު ޣައްޒާގެ އިންފްރާސްޓްރަކްޗަރ ވަނީ އެއްކޮށްހެން ހަލާކުވެފައެވެ. ކާބޯތަކެތި ލިބުމާއި ޣައްޒާއަށް ކާބޯތަކެތި އެތެރެކުރުން މާޗުމަހުން ފެށިގެން ގާތްގަނޑަކަށް ހުއްޓިފައިވާއިރު ބަޑުހައިހޫނުކަމުގައި ޣައްޒާގެ އެތައްހާސް ބަޔަކު ދިރިއުޅެމުންދަނީ ޓެންޓުތަކާއި ވަގުތީ ހިޔާތަކުގައެވެ.

ޣައްޒާގައި ކުރަމުންދާ ހަނގުރާމައަށް އަހަރެއްވާން ކުޑަދުވަސްކޮޅަކަށް ވެފައިވަނިކޮށް އިޒްރާއިލްއިން ވަނީ ލުބުނާނާށްވެސް ވައިގެ މަގުން ހަމަލާދޭން ފަށާފައެވެ. ސެޕްޓެމްބަރު މަހު 23 ގައި ލުބުނާނަށް ދޭންފެށި ހަމަލާތަކާއެކު އެއްގަމު މަގުން އިޒްރާއިލްއިން ލުބުނާނަށް އަރައިގަތުމަށް ކުރި މަސައްކަތް ހިޒްބުالله އިންވަނީ ނާކާމިޔާބުކޮށްލާފައެވެ. ނަމަވެސް އިޒްރާއިލްއިން މިހާރު ދަނީ ދެވަނަ ފަހަރަށް އެއްގަމު މަގުން ލުބުނާނަށް އަރައިގަތުމަށް ތައްޔާރު ވަމުންނެވެ. މިއާއެކު ލުބުނާނާ ދެކޮޅަށް އިޒްރާއިލްއިން ގެންގުޅެނީ ޣައްޒާ ހަނގުރާމައިގައިވެސް ގެންގުޅުނު އުކުޅުތައްކަމުގައި ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ.

"އަހަރެމެންނަކަށް ޣައްޒާގެ ނާޒުކު ހާލަތާ (ދެކުނު ލުބުނާނާ) އަޅައެއް ނުކިޔޭނެ. އެއީ ޣައްޒާއިން މިކަން ތަޙައްމަލްކުރާތާ އެތައް އަހަރެއްވެއްޖެ. އެއީ ޤަތުލްއާންމެއް. އެކަމަކު އިޒްރާއިލް އިން ދެކުނު ލުބުނާގައިވެސް ބޭނުންކުރަމުން އެދަނީ އެއް އުކުޅުތަކެއް. ހަމަ ޣައްޒާގައި ވެސް ކަން ކުރާގޮތަށް އެ އަމަލުކުރަނީ. ލުބުނާނުގެ ހާލަތު އަދި އެހިސާބަށް ނުދިޔަނަމަވެސް މިސްރާބު ހުރީ އެކަހަލަ ގޮތަކަށް" ހިޒްބުالله އާ ގުޅޭ ތަޖުރިބާކާރު, ދެކުނު ލުބުނާނުގެ އަމާލް ސާދް އަލް ޖަޒީރާއަށް ބުންޏެވެ.

ސެޕްޓެމްބަރު 23 ވަނަ ދުވަހު އިޒްރާއިލްގެ ޑިފެންސް ޗީފް, ޑެނިއަލް ހަގާރީ ވަނީ ދެކުނު ލުބުނާނުގެ އަވަށްތަކުގެ މީހުންނަށް އެސަރަހައްދު ދޫކޮށްދިއުމަށް އަންގާފައެވެ. އެ އިންޒާރުގައި ވަކިވަކި އަވަށްތަކުގެ ނަން ފާހަގަނުކޮށް އޭނާ ބުނެފައިވަނީ އެ އަވަށްތަކުގެ އިމާރާތްތަކުގައި ހިޒްބުالله އަސްކަރީ ބޭނުމަށް ބޭނުންކުރާ ތަންތަން ހުރިކަމަށެވެ. ނަމަވެސް އެތަނުން މީހުން ނިކުންނަށް އެންގި އިރު ސަލާމަތްތެރިކަން އޮތީ ކޮން އަވަށްތަކެއްގައި ކަންވެސް ނޭނގޭކަމުގައި ލުބުނާނުގެ ހިއުމަން ރައިޓްސް ވޮޗްގެ ރިސާޗަރ ރަމްޒީ ކައިސް ބުނެފައި ވެއެވެ.

"އެ އިންޒާރު އައިގޮތުން އެއީ މުޅި ދެކުނު ލުބުނާނުގެ ރައްޔިތުންނަށް ލިބުނު އިންޒާރެއް ކަމަށް ބެލެވޭ. މާނައަކީ އެ އަވަށްތަކުން ނިކުމެވެންނެތް އެންމެން އެތިބީ ބިރުވެރިކަމެއްގައޭ, މިއީ އިޒްރާއިލްއިން ޣައްޒާގައިވެސް އަމަލުކުރިގޮތް. މުޅި ޣައްޒާގައިވެސް އިޒްރާއިލް އަސްކަރިއްޔާއިން ބޭނުން ވަގުތަކު ސަރަޙައްދު ދޫކޮށްދިއުމުގެ އަމުރުތައް ހިތުހުރި ގޮތަކަށް ނެރެމުން ދިޔައީ. ޣައްޒާގެ ކޮންމެ ސަރަޙައްދެއް މަރުގެ އަނދަވަޅަކަށް އެމީހުން ހަދާލި. އެސަރަހައްދުތަކުން ނުދެވިތިބި މީހުން ގަޔަށް ބަޑިޖަހާ މަރާވެސްލި. އެކަމަކު ސަރަހައްދު ދޫކޮށް ނުގޮސް ހުރި ކޮންމެ މީހަކީ ހަނގުރާމަވެރިއެއްކަމަށް ނިންމައިގެން ނުވާނެ" ކައިސް ބުނެފައިވެއެވެ. 

ދެކުނު ލުބުނާނުން އަލްޖަޒީރާއާ ވާހަކަދެއްކި ހަތަރު މީހަކު ބުނެފައިވާ ގޮތުގައި ބެއިރޫތްގެ ދެކުނުން 44 ކިލޯމީޓަރު ދުރުގައި ހުރި އަވަށްތައް މިހާރު އެއްކޮށްވަނީ ހުސްވެފައެވެ. އިޒްރާއިލްއިން ލުބުނާނަށް ހަމާލާދޭންފެށިފަހުން މިހާތަނަށް 2000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު, މިލިއަނެއްހާ މިހުންވަނީ އެމީހުންގެ އަމިއްލަ ގެދޮރު ދޫކޮށް ރައްކާތެރިކަން ލިބޭތޯ އެހެން ހިސާބުތަކަށް ގޮސްފައެވެ. ހަމަލާތަކުގައި 100 އަށްވުރެ ގިނަ ކުޑަކުދިންވެސް ވަނީ މަރާލާފައެވެ. އޭގެތެރޭގައި ސިއްޙީ މަސައްކަތްތެރިންނާއި މީހުން ސަލާމަތްކުރާ މީހުންވެސް ހިމެނެއެވެ.

ދެކުނު ލުބުނާނުގެ ކުޑަކުޑަ އަވަށެއްކަމަށްވާ ނަބާތިޔާއިން އަލް ޖަޒީރާއާ ވާހަކަދެއްކި އަޙްމަދު ބުނެފައިވަނީ އެސަރަޙައްދު ކިތަންމެ ނުރައްކާނަމަވެސް އޭނާއަށް އެތަން ދޫކޮށް ދެވެންނެތް ކަމުގައެވެ. އެއި އަލްޒައިމާ ބަލީގައި އުޅޭ އޭނާގެ މާމަ ބަލަހައްޓަން ޖެހޭތީ ކަމުގައި އޭނާ ބުންޏެވެ. އެގެއާ ވަރަށް ކައިރިއަށްވެސް އިޒްރާއިލްގެ ހަމަލާއެއް އެރި ކަމަށާއި, އެތަނުގައި ދިރިހުންނާނެ ކަމުގެ އޮތީ 50-50 ޗާންސެއް ކަމަށްވެސް އޭނާ ބުންޏެވެ.

"(އިޒްރާއިލް) އިން އަޅައެއްނުލާ އާންމުރައްޔިތުންނާ މެދު. އެމީހުން ކޮންމެމީހަކާ މެދުވެސް ދެކެނީ ހަނގުރާމަވެރިއެއް ގޮތަށް. މި އަވަށުންވެސް އެތަށް ގެއަކަށް ބޮންއަޅާ ބިމާ ހަމަކޮށްފި. އަހަންނަށް އެގޭގޭގަ އުޅުނު މީހުން އެނގޭ. އެއީ ކޮން ބައެއްގެ ގެތައްކަންވެސް އެނގޭ. އެމީހުންނަކީ ހަނގުރާމަވެރިންނެއް ނޫން. އެތަންތާ ހަތިޔާރެއް ނުހުންނާނޭ" އަޙްމަދު އާ ޙަވާލާދީ އަލްޖަޒީރާގައި ރިޕޯޓްކޮށްފައިވެއެވެ.

އދ ގެ ސެޓެލައިޓް ސެންޓަރުގެ ފޮޓޯތަކުން ފެންނަގޮތުގައި އިޒްރާއިލްއިން ޣައްޒާގެ އިންފްރާސްޓްރަކްޗަރ ގެ 66 އިންސައްތަ ވަނީ އެއްކޮށް ހަލާކުކޮށްލާފައެވެ. ހަމަލާތަކުގައި ތަންތަން ހަލާކުވެފައި ހުރިގޮތުން އިޒްރާއިލްއިން މީހުން ދިރިއުޅޭ ގެތަކަށާއި, ސިއްޙި ޚިދުމަތްދޭ ތަންތަނަށް އަދި ހޮސްޕިޓަލްތަކަށް ދީފައިވާ ހަމަލާތަކަކީ ގަޞްތުގައި ދީފައިވާ ހަމަލާތަކެއްކަން އެނގެއެވެ. ލުބުނާނުގެ އާންމުންނާއި ހާލަތު ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުގައި އިޒްރާއިލްއިން ލުބުނާނުގައި ދޭ ހަމަލާތަކުގައި މުޅިންވެސް ހުރީ އެއްގޮތްކަމެވެ.

ބައެއް އާންމުންނާ ޙަވާލާދީ އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ލުބުނާނުގައިވެސް ބައެއް ސަރަޙައްދުތަކަށް ހަމަލާ ދިނުމުގެ ކުރިން އެއްވެސް އިންޒާރެއްވެސް ދީފައެއް ނުވެއެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަގޮތުގައި ބޯޑަރު ސަރަޙައްދުގައި އޮންނަ ޔޮރޯން އަވަށް ވަނީ އެއްކޮށް ބިމާ ހަމަވެފައެވެ. ޔޮރޯންއަކީ ޝިއާ އާބާދީ އެއްމެ ބޮޑު އެއް އަވަށެވެ.

"މިތަނުން މިހާރު މިފެންނަ މަންޒަރުން ބުނެވިދާނެ ޣައްޒާގެ ރައްޔިތުން ތަޙައްމަލުކުރަމުންދާ ކޮންމެ ހިތިކަމެއް އަދި މިތަނަށްވެސް ކުރިމަތި ވާނެއޭ" ކައިސް ބުނެފައި ވެއެވެ.

އިޒްރާއިލްއިން ދެކުނު ލުބުނާނުގެ އެކި ސަރަހައްދުތަކަށް ބޮން އަޅަމުންދާއިރު, ޣައްޒާގެ ރައްޔިތުންނޭ އެއްފަދައިން ލުބުނާނުންވެސް އަމިއް ލަވަޒަން ދޫކޮށްދިޔަ މީހުންނަށް އަލުން އަނބުރާ އާދެވޭނެ ދުވަހެއް ނޭނގެއެވެ. އިޒްރާއިލްއިން އުތުރު ޣައްޒާގެ އެންމެންހެން ފަހާ ބޭރުކޮށްލާފައިވާއިރު, އެމީހުން ވަނީ ރައްކާތެރިކަމުގެ އެއްމެ ވެލިފުކެއްވެސް ނެތް ޣައްޒާގެ ދެކުނާއި މެދުތެރޭގެ ހިސާބުތަކުގައި ވިއްސިވިހާލި ވެފައެވެ. އަދި އެމީހުންނަށް އަނބުރާ އުތުރު ޣައްޒާއަށް ދުވަހަކުވެސް ދެވޭނެކަމެއް ނޭނގެއެވެ.

"އެމީހުން އަހަރެންގެ ގެއަށްވެސް ބޮންއަޅާފާނެ ހަމަ އެމީހުން ހިތަށް އެރީމަ. އަހަންނަށް ނޭނގެ އެނބުރި އަހަރެންގެ ގެއަށް ދެވޭނެކަމެއްވެސް. އަދި ގެ ފެނުނީމަ އަހަންނަށް ފާހަގަކުރަން އެނގޭނެހެނެއްވެސް" ނަބާތިއާގައި އޭނާ އުޅެ ބޮޑުވި ގެ ދޫކޮށް އުތުރު ލުބުނާނަށް ގޮސްފައިވާ 23 އަހަރުގެ ޑިލާޓީ އަލް ޖަޒީރާއަށް ބުނަފައި ވެއެވެ. އޭނާ އިތުރަށް ބުނެފައިވަނީ 1982 ން 2000 އާ ހަމައަށް އިޒްރާއިލްއިން ލުބުނާނުގެ ދެކުނުގެ އަވަށްތައް ހިޞާރުކޯށްފައި އޮތްހެން ދެންވެސް އެމީހުން އަމަލުކޮށްފާނެ ކަމަށް ބެލެވޭ ކަމުގައެވެ.

އޮކްޓޯބަރު 8 ވަނަ ދުވަހު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯއެއްގައި އިޒްރާއިލްގެ ސިފައިން ލުބުނާގެ ބިމުގައި އިޒްރާއިލްގެ ދިދަ ނަގާފައިވާ މަންޒަރު ފެނެއެވެ.

އިޒްރާއިލްއިން ނަބާތިއާ ކިތަންމެ ބޮޑަކަށް ހަލާކުކޮށްލިއަސް އޭނާ އެނބުރި އޭނާގެ އަވަށަށް ދާން ބޭނުންވާ ކަމުގައި ޑިލާޓީ ބުންޏެވެ. "އަހަރެމެން އެތަން (ނަބާތިއާ) އަލުން އާބާދުކުރާނަން. ކުރިއަށްވުރެ ރީތިކޮށް. އަހަރެންގެ ކޮއްކޮމެއް އަދި ނަބާތިއާގެ ސްކޫލަށްދާނެ. އަހަރެން ހުރިހާ ކަމެއް ދަސްކުރީ އެތަނުން. ކިހިނެއް އަހަރެން އެތަނާ ދުރުގަ ހުންނާނީ! އަހަންނަށް އެނގޭ ފަލަޞްޠީނުގެ މީހުންގެ ޙާލަތު. އެކަމަކު އަހަންނަށް ހީވަނީ އަހަރެމެން އެންމެނަށް އަދި (ހަނގުރާމައިގަ) ކާމިޔާބު ވާނެހެން. ވަގުތު ނެގިއަސް އަހަރެންގެ ހިތް ބުނަނީ އެހެން" ޑިލާޓީ ބުނެފައި ވެއެވެ.    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow