ނިއުރޭޑިއަންޓްގެ ޗެއަރމަން ކަމަށް މުބީން
ރާއްޖޭގެ އެންމެ ކާމިޔާބު ކްލަބް ނިއުރޭޑިއަންޓްގެ ޗެއަރމަންކަމާ ރީޖަނަލް އެއަޕޯރޓްސްގެ މެނޭޖިންގ ޑައިރެކްޓަރ އަހުމަދު މުބީން ހަވާލުވާން ތައްޔާރުވެއްޖެ އެވެ.
ނިއުރޭޑިއަންޓްގެ ހާޑްކޯ ސަޕޯޓަރެއްގެ ގޮތުގައި އަބަދުވެސް ހުރި މުބީން ޗެއަރމަންކަމާ ހަވަލުވުމުގެ ފުރުޞަތު ދޭން, ކުރީގެ ޗެއަރމަން އަހުމަދު ވާސިފް ވަނީ އިސްތިއުފާ ދެއްވާފައެވެ. ޗެއަރމަން ކަމުން އިސްތިއުފާ ދެއްވުމަށްފަހު ވާސިފް މިހާރު ހުންނެވީ ވައިސް ޗެއަރމަންގެ މަގާމްގައެވެ. ވާސިފް ވިދާޅުވީ ނިއުރޭޑިއަންޓް ހަވާލުކުރާނީ އެކަން ކުރެވޭނެ ބަޔަކާ ކަމަށެވެ. ނިއުރޭޑިއަންޓް ގަދަކޮށް އެނބުރި އަންނާނެ ކަމަށް ވާސިފް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލިހުގެ ބިލެއްދޫ ދާއިރާގެ ކުރީގެ މެމްބަރު މުބީން ވިދާޅުވީ ނިއުރޭޑިއަންޓް އިހު އޮތް މަގާމަށް ގެންގޮސްދީ ސަޕޯޓަރުން ހެއްވާލާނެ ކަމަށެވެ.
" މާތްالله ގެ ވާގިފުޅާއެކު މިފަށާ ދަތުރުގައި ދިވެހިރާއްޖޭގެ އެންމެ ސަޕޯޓަރުން ގިނަ ނިއުރޭޑިއަންޓް އަލުން އަނބުރާ އިހުއޮތް މަގާމަށް ގެނެސް ނިއުގެ ސަޕޯޓަރުން ހެއްވާލަދޭނަން" ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަބްދުالله ނާސިރުއާއެކު ނިއުރޭޑިއަންޓްގެ ޖަރޒީގައި ނަންގަވާފައިވާ ފޮޓޯއެއް ހިއްސާކުރައްވާ މުބީން ވިދާޅުވިއެވެ.
ނިއުރޭޑިއަންޓްގެ ކުރީގެ މެނޭޖަރ މިހާރު ރައްޔިތުންގެ މަޖިލިހުގެ ހެންވެއިރު ހުޅަނދު ދާއިރާގެ މެމްބަރު އަލީ އިބްރާހީމް (ކައްޕި) ވެސް ނިއުރޭޑިއަންޓް އަލުން ކޮޅަން ޖަހާ ޓީމްގައި ހިމެނޭ ކަމަށް މައުލޫމާތު ލިބެއެވެ. ނޮިއުރޭޑިއަންޓްގެ އިންތިޚާބު ވަރަށް އަވަހަށް ބާއްވަން ދަނީ މަސައްކަތް ކުރަމުންނެވެ.
ސަސްޕެންޝަނަށްފަހު އެނބުރި އަލުން ފުރަތަމަ ޑިވިޝަނަށް އައުމަށް ކުރި ދަތުރުގައި މިދިޔަ ދެ އަހަރު ވެސް ނިއުރޭޑިއަންޓަށް ކުރިމަތިވީ ނާކާމިޔާބެވެ. މިދިޔަ އަހަރު ވާސިފްގެ ޗެއަރމަންކަމުގައި ރަނގަޅު ސްކޮޑެއް އެކުލަވާލިއެވެ. ނަމަވެސް ސެމީފައިނަލްގައި ބަލިވީއެވެ.
އަލުން ފުރަތަމަ ޑިވިޝަންގެ ޖާގަ ހޯދަން ނިއުރޭޑިއަންޓް ފަށަން ޖެހޭ ހިސާބެއްވެސް ސާފެއް ނޫނެވެ. މިދިޔަ އަހަރުގެ ދެވަނަ ޑިވިޝަނަށްފަހު ފުރަތަމަ ޑިވިޝަންގެ މުބާރާތެއް އަދި ނުބޭއްވެއެވެ. މިއަހަރު ފުޓްބޯޅަ ސީޒަން ފެށޭނެކަމެއްވެސް ޔަގީނެއް ނޫނެވެ.
އެފްއޭއެމް މިހާރު އޮތީ ނޯމަލައިޒޭޝަން ކޮމިޓީއަކާ ހަވާލުކޮށްފައެވެ. ސީޒަން ފެށޭނެކަމެއް, ފެށޭނެ ދުވަހެއް ބުނަން އެކޮމިޓިއަކަށްވެސް ނޭންގެއެވެ.
ރިއެކްޝަންސް