38 އަހަރުގައި ރަފައެލް ނަޑާލް ޓެނިސްކުޅުން ހުއްޓާލަނީ
ދުނިޔެ ދުށް އެންމެ ކާމިޔާބު އެއް ޓެނިސް ކުޅުންތެރިޔާ ނަޑާލް: ފޮޓޯ-ނަޑާލް ފޭންސް

38 އަހަރުގައި ރަފައެލް ނަޑާލް ޓެނިސްކުޅުން ހުއްޓާލަނީ

ނަޑާލް އަކީ ފިރިހެން ސިންގަލްސްގެ ދެވަނަ އަށް އެންމެ ކާމިޔާބު ކުޅުންތެރިޔާ

7 days ago - 16:14
Oct 11, 2024 - 16:16

22 ފަހަރު ގްރޭންޑް ސްލޭމް ކާމިޔާބުކޮށްފައިވާ ސްޕެއިންގެ ޓެނިސް ކުޅުންތެރިޔާ ރަފައެލް ނަޑާލް މި ސީޒަނާއެކު ޓެނިސް ކުޅުން ހުއްޓާލާނެކަން އިޢުލާންކޮށްފިއެވެ. 38 އަހަރުގެ ނަޑާލްގެ އެންމެ ފަހު މެޗަކަށް ވާނީ ނޮވެމްބަރު މަހު ކުޅޭ ޑޭވިސްކަޕުގެ ފައިނަލް އެވެ. އެމެޗު ކުޅޭނީ މަލާގާގައެވެ.

އަނިޔާއާހުރެ ފާއިތުވި ސީޒަންގައި ނަޑާލް ކުޅެފައިވަނީ ވަރަށް މަދު މެޗެކެވެ. އެހެންކަމުން 2024 ގެ ފަހުކޮޅު ރިޓަޔާކޮށްފާނެ ކަމުގެ އިޝާރާތެއް މީގެ ކުރިންވެސް ނަޑާލް ވަނީ ދީފައެވެ.

"ހަޤީގަތުގައި ފާއިތުވެ ދިޔަ ދެ އަހަރެއްހާ ދުވަހަކީ ވަރަށް އުނދަގޫ ދުވަސްތަކެއް. އަހަންނަށް ހިއެއްނުވޭ ކުރިއަށް އޮތް ދުވަސްތަކުގައިވެސް ކުރިން ކުޅުނުހެން ކުޅެވިދާނެހެނެއް. އެހެންވެ އަހަރެން މިބައްދަލުކުރީ އަހަރެން ޓެނިސްކުޅުން ހުއްޓާލާކަން އިއުލާން ކުރަން" ބުރާސްފަތި ދުވަހު އާންމުކުރި ވީޑިއޯ މެސެޖެއްގައި ނަޑާލް ބުނެފައި ވެއެވެ.

ކުޅުން ހުއްޓާލާއިރު ނަޑާލް އަކީ ފިރިހެން ސިންގަލްސްގެ ދެވަނަ އަށް އެންމެ ކާމިޔާބު ކުޅުންތެރިޔާއެވެ. އެއްވަނައިގައި އޮތީ ގިނަދުވަސްތަކެއްވަންދެން ނަޑާލްއާ އެންމެ ވާދަވެރި ނޮވޮކް ޖޮކޮވިޗްއެވެ. ފްރެންޗް އޯޕަންގެ 116 ބޮޑު މުބާރާތުގެ ތެރެއިން 112 މުބާރާތް ނަޑާލް ވަނީ ކާމިޔާބުކޮށްފައެވެ. އޭގެ ތެރޭގައި ސިންގަލްސް 14 ފަހަރު ކާމިޔާބުކޮށްފައި ވެއެވެ. ފްރެންޗް އޯފަންގައި އެންމެ ގިނަ ގްރޭންޑް ސްލޭމްސްވެސް ކާމިޔާބުކޮށްފައިވަނީ ނަދާލްއެވެ.

"ކިންގް އޮފް ކްލޭ", ރަފޭލް ނަޑާލް ވަނީ ޔޫއެސް އޯޕަންވެސް ހަތަރު ފަހަރު ކާމިޔާބުކޮށްފައެވެ. އޮސްޓޭލިއަން އޯޕަން އާއި ވިމްބްލެޑަންވެސް ދެ ފަހަރު ނަޑާލް ކާމިޔާބުކޮށްފައެވެ. އޮލިމްޕިކްސް ޑަބަލްސް އަދި ސިންގަލްސް ވެސް ކާމިޔާބުކޮށްފައިވާ ނަޑާލް ވަނީ ސްޕެއިންއަށް ހަތަރު ފަހަރު ޑޭވިސްކަޕް ކާމިޔާބުކޮށްދިނުމަށް އެހީތެރިވެފައި ވެއެވެ. އެންމެ ފަހުން ސްޕެއިން އިން ޑޭވިސްކަޕް ކާމިޔާބުކޮށްފައި ވަނީ 2019 އެވެ.

"ބިގް ތްރީ" ގެ ގޮތުގައި މަޝްހޫރު ވެފައިވާ ވާދަވެރި ޖޮކްވިޗް އަދި ބޮޑު 20 މުބާރާތް ކާމިޔާބުކޮށްފައިވާ ރޮޖާ ފެޑެރާއާއި އެކު ނަޑާލް ވަނީ ޓެނިހުގެ ދުނިޔޭގައި ފިރިހެނުންގެ ބައި 2000 ން ފެށިގެން ޑޮމިނޭޓްކޮށްފައެވެ. 2022 ވަނަ އަހަރު ފެޑެރާ ޓެނިސް ކުޅުން ކުއްޓާލިކަން އިއުލާންކުރިއިރު ކަރުނަތައް ހިފަހައްޓަން އުނދަގޫވެ ފެޑެރާއާއެކު ނަޑާލްވެސް ރޮމުންގެންދިޔައެވެ. ނަޑާލްގެ ރިޓަޔާމެންޓް ހަބަރާއެކު ފެޑެރާ ވަނީ އިންސްޓަގްރާމްގައި ނަދާލް ކުރި ޕޯސްޓަށް ރިޕްލައި ކޮށްފައެވެ. ނަދާލްގެ ކެރިއަރާމެދު އޭނާގެ ޝުއޫރުތައް ފާޅުކުރަމުން ފެޑެރާ ބުނެފައިވަނީ މިދުވަސް ދުވަހަކުވެސް ނާންނާނެކަމަށް އޭނާ އުއްމީދުކުރާ ކަމުގައެވެ. އަދި ހަނދާނުން ނުފިލާނެ ހުރިހާ ހަނދާނަކަށް ޝުކުރު އަދާކުރާ ކަމަށާއި, ނަޑާލްގެ ކާމިޔާބީ އަކީ ދެމީހުންވެސް އެކުޅިވަރެއްދެކެ ލޯބިވި ޓެނިހުގައި ފަޚުރެއްކަމުގައިވެސް ފެޑެރާ ވަނީ ބުނެފައެވެ.

"ނަޑާލް ވަނީ އެތައް މިލިއަން ކުދިންނެއް ޓެނިސްކުޅުމަށް ޝައުވެރި ކުރުވާފަ. އަހަންނަށް ހީވަނީ އެއީ މީހަކު ހާސިލްކުރަން އެންމެ ބޭނުންވާނެ ކާމިޔާބީހެން. ނަދާލްގެ ހުނަރާއި, އެކަމަށް ކުރާ މަސައްކަތް އަދި ކާމިޔާބުކުރުމުގެ ރޫޚު އެތައް ފިލާވަޅުތަކެއް އަހަރުތަކެއް ވަންދެން ކިޔާދޭނެ. ތި ލެގަސީ މުޅިއުމުރަށް ދެމިގެންދާނެ. ޓެނިހުގެ ދުނިޔޭގެ 'އައިކަން' އަށް ވާންކުރި ދަތުރުގައި އުފުލަން ޖެހުނު ތަކްލީފް އެނގޭނީ ނަޑާލްއަށް. ދެމީހުން ވާދަވެރިންގެ ގޮތުގައި އަހަރެންގެ އެންމެމަތީ ފެންވަރު ދައްކާލަން އަހަންނަށް ޖެއްސުވި އިމްތިޙާނުތަކަށް އަހަރެން ޝުކުރު އަދާކުރަން" ނަޑާލްގެ ރިޓަޔަމަންޓްގެ ހަބަރާއެކު އޭނާއަށް ތައުރީފްކޮށް ޖޮކްވިޗް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow