
ޣައްޒާގެ ފުރަތަމަ އަދި ހަމައެކަނި އަންހެން މަސްވެރިޔާގެ ނަމުން ނަންދީފައިވާ 'މެޑްލީން' ގެ އިންތިޒާރުގައި އޭނާ ޣައްޒާގައި....!
މެޑްލީން ވަނީ އިންސާނީ އެހި ހިފައިގެން ކަނޑުމަގުން ބޯޓް އަންނަ ހަބަރާއެކު މަޑްލީން ކުލާބު ހުރީ އުފަލުން ފުރިފައި
ފްރީޑަމް ފްލޮޓީލާގެ ބޯޓް 'މެޑްލީން' އިންސާނީ އެހީޢާއެކު ކުރިއަށް އޮތް 48 ގަޑިއިރެއްހާ އިރުތެރޭގައި ޣައްޒާއަށް ފޯރާނެކަމަށް ބެލެވޭއިރު މެޑްލީން ކުލާބް ޣައްޒާގައި އޭނާގެ ނަމުން ނަންދީފައިވާ 'މެޑްލީން' ގެ އިންތިޒާރުގައި އެބަހުއްޓެވެ.
އުމުރުން 30 އަހަރުގެ މެޑްލީން އަކީ ޣައްޒާގެ ފުރަތަމަ އަދި ހަމައެކަނި އަންހެން މަސްވެރިޔާއެވެެ. ބައްޕައާއެކު މަސްވެރިކަމުގެ ތެރެއަށް އޭނާވަނީ އުމުރުން އެންމެ ހަ އަހަރުގައެވެ. އަދި އުމުރިން އެންމެ 12އަހަރުން ފެށިގެން އަމިއްލައަށް މަހަށް ފުރަންވެސް ފެށިއެވެ.
"އަހަރެން ފަލިޖަހާފަ އެކަނި މަސްވެރިކަމަށް ގޮސްފައި އަންނައިރު އަހަރެންގެ ބައްޕަ ގޮނޑުދޮށުގައި އަހަރެންގެ އިންތިޒާރުގައި ހުންނާނެ. އެކަމަކު ބައްޕަ ބަލިވީ ފަހުން އެކަނި މަހަށް ދާންފެށީ އާއިލާއަށް އެހީތެރިވުމަށް" އަލްޖަޒީރާއަށް މެޑްލީން ބުނެފައި ވެއެވެ.
އަލްޖަޒީރާއިން ބުނި ގޮތުގައި އެނޫހުން މީގެ ތިން އަހަރު ކުރިންވެސް މެޑްލީން އާ ބައްދަލުވިއެވެ. އޭރު އޭނާގެ ދެ ދަރިން ތިބެއެވެ. އަދި ތިންވަނަ ދަރިފުޅަށް އޭނާ އިނީ ބަލިވެއެވެ. އޭނާގެ ފިރިމީހާ ކާދެރް ބަކްރް އަކީވެސް މަސްވެރިއެކެވެ.
އިޒްރާއިލްއިން ޣައްޒާގައި ޤަތުލްއާންމު ހިންގަމުންދާއިރުވެސް ބިރެއްނެތި އޭނާ މަހަށް ނިކުމެ, ބޭނޭ މަސްކޮޅު ޣާއްޒާގެ މާރުކޭޓުތަކުގައި ވިއްކައިގެން އާއިލާއަށް އެހީތެރިވަމުން ދިޔައެވެ.
ނަމަވެސް އިޒްރާއިލްގެ ހަމަލާތަކުގައި އެމީހުންގެ ޑިންގީ އާއި މަސްވެރިކަމުގެ ސާމާނު ރައްކާކުރާ ގުދަންވެސް ހަލާކުކޮށްލާފައި ވާތީވެ މިހާރު އެދަމަފިރިންނަށްވެސް މަހަށް ދެވޭ ގޮތެއް ނެތެެވެ.
2023 ނޮވެމްބަރުގައި އިޒްރާއިލްގެ ހަމަލާތަކުގައި މެޑްލީންގެ ބައްޕަވެސް ވަނީ ޝަހީދުކޮށްލާފައެވެ.
ދުވަސްފުރެން ކައިރިވެފައިވާ ބަނޑާއެކު މެޑްލީންގެ އާއިލާވެސް އެތައްފަހަރެއްގެ މަތިން ވަނީ ވިއްސި ވިހާލިވެފައެވެ. ޙާން ޔޫނިސް އިން ރަފަހްއަށް އަދި ރަފަހް އިން ދިއެރް-އެލް ބަލަޙް އަށް ދިއުމަށްފަހު ދެން ނުސީރަތު ރެފިއުޖީ ކޭމްޕަށެވެ.
މިހާރު އެމީހުން ތިބީ ޣައްޒާ ސިޓީގައި އެމީހުންގެ ގޭގައި ސުންނާފަތިކޮށްލާފައިވާ އެމީހުންގެ ގޭގައި ހިޔާވަހިކަމެއް ހަދާލައިގެންނެވެ.
މެޑްލީންވަނީ އޭނާގެ ނަމުން ނަންދީފައިވާ ބޯޓް އިންސާނީ އެހީއާއެކު ޣައްޒާއަށް ދަތުރުފެށިކަން އެނގުމުން އެކަމާ ގުޅޭގޮތުން އޭނާގެ ޝުއޫރު އަލް ޖަޒީރާއާ ހިއްސާކޮށްފައެވެ. އޭނާއަށް އެކަން އެނގުނީ އޭނާގެ އައިރިޝް ރަޙްމަތްތެރިއެއްގެ ފަރާތުންނެވެ. އެދުވަހުން ފެށިގެންވެސް އޭނާ އެހުންނަނީ މެޑްލީންގެ އިންތިޒާރުގައެވެ. ސުންނާފަތިވެފައިވާ ޣައްޒާގައެވެ.
"އަހަންނަކަށް ނޭނގެ ބުނެދޭކަަށްވެސް މި ކުރެވޭ އުފާވެރި އިޙްސާސެއް. އަހަންނަށް ވަރަށް ބޮޑު ޛިންމާއެއް ގޮތަށް އަދި އެހާމެ ބޮޑު ފަހުރެއް ގޮތަށް އެކަން ސިފަވަނީ. އޭގައި ދަތުރުކުރާ އެކްޓިވިސްޓުން އެމީހުންގެ އަރާމު ދިރުއުޅުން ދޫކޮށް, ޣައްޒާގެ ރައްޔިތުންނަށްޓަކައި ފުރާނަ އަތްމައްޗަށް ލައިގެން އެކުރާ ދަތުރަށް އަހަރެން ވަރަށް ބޮޑަށް ޝުކުރުވެރިވަން. އެއީ އިންސާނީ ޚިދުމަތުގެ އެންމެ މަތީ ދަރަޖަ އަދި އިންތިހާ ނުރައްކަލުގެ ކުރިމަތީގައި ފުރާނަ ޤުރުބާންކުރުން" މެޑްލީންއިން ދަތުރުކުރަމުންދާ 12 ބައިވެރިންނާ ބެހޭގޮތުން ޣައްޒާގެ މެޑްލީން ބުންޏެވެ.
15 އަަހަރުގައި ފުރިހަަމަ މަސްވެރިއެއްގެ ގޮތުގައި ބައްޕަގެ ޑިންގީގައި މަސްވެރިކަމުގެ މަސައްކަތަށް ނިކުއިން މެޑްލީން އަކީ ޣައްޒާގެ އެހެން މަސްވެރިންނަށްވެސް އެނގޭ ކުޅަދާނަ މަސްވެރިއެކެވެ. އަދި ބައިނަލްއަޤުވާމީ އެކްޓިވިސްޓުންވެސް ދަންނަ ފަރާތެކެވެ.
ގެއަށް މަސް ގެނައުމުގެ އިތުރުން މެޑްލީން އަކީ މަހުން އެކި ބާވަތުގެ މީރު ކާތަކެތިވެސް ތައްޔާރުކުރާ ފަރާތެކެވެ. އޭނާއަށް އަބަދުވެސް މަހުގެ ބާވަތްތަކުން ތައްޔާރުކުރާ ކާތަކެއްޗަށް އޯޑަރުވެސް ލިބެއެވެ.
ނަމަވެސް އިޒްރާއިލް އިން އެމީހުން ދިރިއުޅުން ހަލާކުކޮށް އޭނާގެ ޝަހްސިއްޔަތުވެސް ގެއްލުވާލާފައިވާކަމަަށް މެޑްލީން ބުންޏެވެ. މިހާރު މަސްކޮޅެއް ކާލަން އަމުދުންވެސް ނުލިބޭކަމަށް މެޑްލީން ވަނީ ބުނެފައެވެ.
ރިއެކްޝަންސް






