އިޒްރާއިލްގެ ހަމަލާތަކުން ސަލާމަތް ހޯދަން ކުރާ ދަތުރުގައި އާންމުންގެ ޙާލަތުގެ ނާޖާއިޒު ފައިދާ ނަގަނީ!
ސަލާމަތް ހޯދަން ކުރާ ދަތުރުގައި ދަނީ ނާޖާއިޒް ފައިދާ ނަގަމުން: ފޮޓޯ-އޭއެފްޕީ

އިޒްރާއިލްގެ ހަމަލާތަކުން ސަލާމަތް ހޯދަން ކުރާ ދަތުރުގައި އާންމުންގެ ޙާލަތުގެ ނާޖާއިޒު ފައިދާ ނަގަނީ!

ހަމަލާ ތަކުގައި 700 މީހުން ވަނީ މަރުވެފަ

19 days ago - 13:53
Sep 29, 2024 - 13:54

(ބެއިރޫތް, ލުބުނާން) ފާއިތުވި ހަފުތާގައި އިޒްރާއިލްއިން ދެކުނު ލުބުނާނުގެ އާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް ދޭންފެށި ހަމަލާތައް ވަނީ ވަރުގަދަކޮށްފައެވެ. މިއާއެކު ސަރަޙައްދު ދޫކޮށް ރައްކާތެރިކަން ހޯދަން ދަތުރުކުރާ އާންމުންނަށް ވަނީ އިތުރު ތަކުލީފުތަކެއް އުފުލަންޖެހިފައެވެ.

އުއްމު ޙަސަން އަލްޖަޒީރާއާ ވާހަކަދައްކަމުން ބުނެފައިވަނީ އިޒްރާއިލްއިން އެމީހުން ދިރިއުޅޭ ސަރަޙައްދަށް ހަމަލާދޭން ފެށިއިރުވެސް އޭނާ ހުރީ އޭނާގެ އަމިއްލަ ގޭގައި ހަމަލާތަކުގައި މަރުވެދާން ތައްޔާރަށް ކަމަށެވެ.

"އެމީހުން (ހިޒްބުالله އެންގީ ނަބަތިޔާ ގައި އަހަރެމެން ދިރިއުޅުނު ގެއިން ކުދިންނާ ފިރިމީހާއެކު ނިކުމެ ސަރަޙައްދު ދޫކޮށްދާން. އަހަރެން ޤަބޫލުކުރަނީ އެއީ އިޒްރާއިލްގެ ހަމަލާތަކުން އާންމުން ރައްކާތެރިކުރުމަށް އެމީހުން އެންގި އެންގުމެއް ކަމަށް. އެކަމަކު (ޒަޔަނިސްޓުން ދެކެ) އަހަރެމެން ބިރެއްނުގަނޭ. އަހަރެން ހުރީ މަރުވާން ތައްޔާރަށް. ނަމަވެސް އެ އެންގުމަށް ގެއިން ނިކުންއިރުވެސް އަހަރެމެންގެ ބޯމަތީ ހަނގުރާމަމަތީ ބޯޓުތައް އުދުހޭ. މުޅި ދެކުނުގެ ޖައްވުގައި އެބޯޓުތައް ދިޔައީ ކޮޅުކޮޅަށް ދުއްވަމުން" ލުބުނާނުގެ ވެރިރަށް ބެއިރޫތުގެ އެލިމެންޓްރީ ސްކޫލެއްގައި ހިމާޔަތް ހޯދާ މީހުންނަށް ޤާއިމްކޮށްފައިވާ ވަގުތީ ހިޔަލުގައި ކަޅުކުލައިގެ އަބާޔާއަކުން ހަށިގަނޑު ފޮރުވާލައިގެންހުރެ އަލްޖަޒީރާއާ ވާހަކަ ދައްކަމުން އޭނާ ބުނެފައި ވެއެވެ. އިޒްރާއިލްއަށް އޭނާ ކިޔަނީ ޒަޔަނިސްޓް ސްޓޭޓް އެވެ.

ފަހަރަކަށްވުރެ ފަހަރެއް އިޒްރާއިލްގެ ހަމަލާތައް ވަރުގަދަ ވަމުންދާއިރު ލުބުނާނުގެ އާންމުން އަދި ހިޒްބުالله އިން ވެސް ޤަބޫލުކުރަނީ އިޒްރާއިލްއިން ވަނީ އެމީހުންނާ ދެކޮޅަށް ރަސްމީކޮށް ހަނގުރާމާ ފަށާފައި ކަމުގައެވެ.

ހޯމަ ދުވަހުން ފެށިގެން އިޒްރާއިލްއިން ދެކުނު ލުބުނާނަށް ވައިގެ މަގުން ހަމަލާތައް ދެމުންދާއިރު އިޒްރާއިލްގެ އަސްކަރިއްޔާ ތިބީ އެއްގަމު މަގުން ލުބުނާނަށް އަރައިގަތުމަށް ތައްޔާރަށެވެ. ހަމަލާތަކުގައި މިހާތަނަށް 700 މީހުން މަރުވެފައިވާއިރު އޭގެ ތެރޭގައި ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިންވެސް ހިމެނެއެވެ. މިއާއެކު ދެކުނު ލުބުނާނުގެ ޢާންމުންނަށްވެސް ޣައްޒާގެ އާންމުން އަހަރެއްވަންދެން އުފުލަމުން އައި ވޭނާއި ކެކެޅުން, އަދި ބިރާއި ހިތްދަތިކަން މިވަނީ ތަޙައްމަލް ކުރަންޖެހިފައެވެ.

އިޒްރާއިލްއިން ލުބުނާނަށް ދޭ ހަމަލާތައް ހުއްޓާލުމަށް އެމެރިކާ އަދި ފްރާންސްގެ އިސްނެގުމުގެ ދަށުން 21 ގައުމަކުން ގުޅިގެން ގޮވާލާފައިވާ ގޮވާލުމަށް އިޒްރާއިލް އިން ރައްދުދީ ހަމަލާތައް ހުއްޓާލުމަށް ވަނީ ފާޅުގައި ދެކޮޅު ހަދާފައެވެ. އިޒްރާއިލް އިން ބުނެފައިވަނީ އެމީހުންގެ ހަމަލާތަކުގެ މަޤްޞަދު ޙާޞިލް ނުވަނީސް ހުއްޓުމެއް ނެތްކަމުގައެވެ. އެއީ އިޒްރާއިލްގެ އުތުރުގެ ސަރަޙައްދުތައް ދޫކޮށް ގޮސްފައިވާ އިޒްރާއިލްގެ އާންމުން އަނބުރާ ވަޒަނަށް ގެނައުން ކަމަށްވެސް އިޒްރާއިލް އިން ވަނީ ބުނެފައެވެ. އަދި އެކަން ޙާޞިލްކުރުމަށް ކުރަންޖެހުނު ކޮންމެކަމެއް ކުރާނެ ކަމަށްވެސް އިޒްރާއިލްއިން ވަނީ ބުނެފައެވެ.

ހިޒްބުالله އިން އަލް ޖަޒީރާއާ ވާހަކަ ދައްކަމުން ބުނެފައިވަނީ އިޒްރާއިލްއިން ހިޒްބުالله މަޅީގައި ޖައްސަން އެމީހުންގެ ހުރިހާ ރަތްރޮނގެއް ހުރަސްފި ކޮށްފިކަމަށެވެ. އިޒްރާއިލް އިން ބޭނުންވީ ހިޒްބުالله ބޮޑެތި ބަޑިތައް ނެރެ އެމީހުންނާ އަމާޒުކުރަން ކަމަށާއި އަދި އެކަން ހުއްޖަތަކަށްހަދާ އިޒްރާއިލްގެ އަސްކަރިއްޔާގެ ޤަބިލްކަން ދައްކާލުމަށް ކަމަށްވެސް އެމީހުން ބުނެފައި ވެއެވެ.

"އަހަރެމެންނަށް އިނގޭ އިޒްރާއިލްއިން އެ ޖަހަނީ މަޅިއެއްކަން. އަހަރެމެން ބޭނުމެއްނުވޭ އިޒްރާއިލް އިން ލުބުނާނު ސުންނާފަތި ކުރުމުގެ ބަދުނާމު އަހަރެމެންގެ ބޮލުގައި އަޅުވާކަށް. އިޒްރާއިލްއަށް އިންޒާރު ދިނުމުގެ ގޮތުން ވެރިރަށް ތެލް އަވީވް އަށް އަހަރެމެން ފޮނުވާލީ އެންމެ ރޮކެޓެއް" ހިޒްބުالله ގެ ފަރާތުން ވާހަކަދެއްކި މިޝޭލް ޔަންގު ބުނެފައި ވެއެވެ.

 

ނާޖާއިޒު ފައިދާ ނެގުމާއި އިޖްތިމާޢީ ނުތަނަވަސްކަން:

އިޒްރާއިލްއިން ހުއްޓުމެއްނެތި ދެމުންދާ ބޮމުގެ ހަމަލާތަކާއެކު ދެކުނު ލުބުނާނުގެ 90,000 މީހުން މިހާރުވަނީ އެމީހުންގެ ގެތައް ދޫކޮށް ގޮސްފައެވެ. އެމީހުންގެ މިސްރާބު ބޮޑަށް ހުރީ ލުބުނާނުގެ އުތުރުގެ ސަރަޙައްދަށް ކަމަށްވާއިރު އެކި އަވަށްތަކާ ސިޓީތަކުގެ ގެތަކުގައާއި ރެފިއުޖީ ކޭމްޕްތަކުގައި މީހުންވަނީ ބައިބޯވެފައެވެ. ސްކޫލްތަކުގައި 553 ވަގުތީ ހިޔާ މިހާރު ހުރީ ޤާއިމްކޮށްފައެވެ.

އުތުރުގެ ސަރަހައްދުތަކުން އެޕާޓްމަންޓްތައް ކުއްޔަށްހިފަން ގިނަބަޔަކު ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ގެތަކުގެ ވެރިންދަނީ ޙާލަތުގެ ނާޖާއިޒް ފައިދާނަގާ ކުލީގެ އަގު އިންތިހާއަށް ބޮޑުކުރަމުންނެވެ. 

އަލް ޖަޒީރާއަށް ވާހަކަދައްކަމުން އުންމު ޙަސަން ބުނެފައިވާ ގޮތުގައި ކުރިން 500$ ނޫނީ 600$ ށް ކުއްޔަށް ލިބެންހުރި އެޕާޓްމަންޓްތައް މިހާރު ދޭން ބުނަނީ 1000$ ނުވަތަ 1300$ ގެ އަގަކަށެވެ. އަދި ހަ މަހުގެ ކުލި އެއްފަހަރާ ދެއްކުމަށްވެސް ބުނާކަމުގައި އޭނާ ބުންޏެވެ.

 

މީގެ އިތުރުން, ޝިޢާ ނޫން ޖަމާއަތްތަކުން އެމީހުން ރެފިއުޖީންގެ ގޮތުގައި ޤަބޫލުކުރަން ޖެހިލުންވާކަމަށްވެސް އުއްމު ޙަސަން ބުނެފައި ވެއެވެ. އެއީ އޭގެ ތެރޭގައި ހިޒްބުالله ގެ މެމްބަރުން ހިމެނިދާނެކަމުގެ ބިރަށްޓަކައެވެ. ހިޒްބުالله އަކީ އީރާނުން ވާގިވެރިވާ ހަނގުރާމަމަތީ ޖަމާއަތަކަށްވާއިރު, ދެކުނު ލުބުނާނުގެ އާންމުންގެ ގިނަ މީހުންނަކީވެސް ޝީއީންނެވެ. އަދި ދެކުނު ލުބުނާނަކީ ހިޒްބުالله ގެ ބާރު އެންމެ ގަދަ ސަރަޙައްދެވެ. ލުބުނާނުގެ އުތުރުގައި ގިނައީ ސުންނީ މުސްލިމުންނެވެ.

ލުބުނާނުގެ ސިޓީއެއްކަމުގައި ޓްރިޕޮލީ އަށް ދެކުނު ލުބުނާނުގެ އާއިލާއެއް އައި އިރު ހިޒްބުالله ލީޑަރު ޙަސަން ނަޞްރުالله އަދި އެޖަމާޢަތުގެ އެހެން މީހުންގެ ފޮޓޯ އެމީހުންގެ ވެހިކަލްގައި ހުރުމުން އެ ސިޓީގެ މީހުންވަނީ އެފޮޓޯތައް ވީދާ އެމީހުންނާ ދިމާކޮށްލާފައެވެ. ސުންނީ މުސްލިމުން ގިނަ ޓްރިޕޮލީ އަކީ ހިޒްބުالله ނަފުރަތުކުރާ ރައްޔިތަކު ދިރިއުޅޭ ސިޓީއެކެވެ. އެއީ 2011 ވަނައަހަރު ސީރިއާގެ އަހުލީ ހަނގުރާމައިގައި ހިޒްބުالله އިން ސީރިއާގެ ރައީސް ބައްޝާރުލް އަސަދަށް އެހީތެރިވެފައިވާތީކަމުގައި އެމީހުން ބުނެއެވެ.

ލުބުނާނުގެ ސުންނީ އަދި ޝިޢާ މުސްލިމުންނާ މެދު ޒަމާނުއްސުރެ އޮންނަ ނުތަނަވަސްކަމުގެ ތެރޭގައި ދެކުނު ލުބުނާނުން އުތުރަށް ދަތުރުކުރަމުންދާ ރައްޔިތުންނަށް ވަނީ ހަނގުރާމައިގެ ބިރާއެކު ކުރީގެ ނުތަނަވަސްކަމުގެ ކަންކަމާ ކުރިމަތިލާން ޖެހިފައެވެ. ސުންނީ މުސްލިމުން އެމީހުންގެ ގެތަކުން ޝިޢާ މުސްލިމުންނަށްނަށް ބޯހިޔާވަހިކަންދޭން އެމީހުންނަށް ވަނީ ބިރުވެރިކަމަކަށްވެފައެވެ. އެއީ އެމީހުންގެ ގެތަކަށް އިޒްރާއިލްއިން ބޮން އަޅާފާނެތީއެވެ. 

އެހެންނަމަވެސް ދެނުކުނު ލުބުނާނުގެ ބެކާވެލީފަދަ ސުންނީ މުސްލިމުން ގިނަ ސަރަޙައްދުތަކަށްވެސް އިޒްރާއިލްއިން ބޮންއަޅާ އެތައްބަޔަކު މަރާލާފައި ވެއެވެ. ވެރިރަށް ބެއިރޫތްގެ ޙަމްރާގައި ކުޑަކުޑަ ފިހާރައެއް ހިންގާ 25 އަހަރުގެ އަލީ އަލްޖަޒީރާއާ ވާހަކަ ދައްކަމުން ބުނިގޮތުގައި އިޒްރާއިލްއިން ދަނީ ގުޅުންނެތް އެތައް އާންމުންނެއް މަރަމުންނެވެ.

އޭނާ އިތުރަށް ބުނީ ދެކުނު ލުބުނާނުގެ ބާލްބެކްގައި ދިރިއުޅޭ އޭނާގެ މައިންބަފައިނާ މެދު ކަންބޮޑުވާކަމަށާއި އިޒްރާއިލްއިން މާދަމާވެސް އެމީހުން މަރާލަފާނެކަމުގައެވެ. ނަމަވެސް އެމީހުންގެ ގެދޮރު ދޫކޮށް ނުދާނެ ކަމަށާއި, އެމީހުން މަރުވަންޏާ މަރުވާން ބޭނުންވާނީ އަބުރުވެރިކަމާއެކު އެމީހުންގެ އަމިއްލަ ގެދޮރުގައި ކަމުގައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow