
ޣައްޒާގެ ރެފިއުޖީ ކޭމްޕްތަކުގައި ގަދަ ފިނީގައި ގަނޑުވެގެން ތުއްތު ކުދިން މަރުވަނީ
ދެކުނު ޣައްޒާގެ މަވާސީ ރެފިއުޖީ ކޭޕްގައި ގަދަފިނީގައި ތުއްތު ހަތަރު ކުއްޖަކު ފާއިތުވި ދެތިން ދުވަހުގެ ތެރޭގައި ގަނޑުވެގެން މަރުވެފައިވާކަމަށް ރިޕޯޓްތައް ބުނެފިއެވެ.ފިނިމޫސުމުގައި ޣައްޒާގެ ފިނިހޫނުމިން އިންތިހާއަށް މައްޗަށްގޮސްފައިވާއިރު އިޒްރާއިލްއިން ބަންދުކޮށްފައިވާ ސަރަޙައްދުތަކުގެ ހާލަތު ގޯހެވެ. ކާނާއާއި, ފިނިން ސަލާމަތްވުމަށް ބޭނުންވާ ރަޖައާއި ފިނިހެދުން ނުލިބި ހާލުދެރަ ޓެންޓުތަކުގައި 'ހައިޕޮތަމިއާ' (ނުރައްކާތެރި މިންވަރަކަށް ހަށިގަނޑުގެ ހޫނުމިން ދަށްވުން) ގެ ޙާލަތުގައި ގިނަ ތުއްތުކުދިން އެބަތިއްބެވެ.
ޚާން ޔޫނުސްގެ އަލް ނަސެރް ހޮސްޕިޓަލްގެ ކުޑަކުދިންގެ ވޯޑުގެ ޑިރެކްޓަރ އަޙްމަދު އަލް-ފައްރާ ބުދަ ދުވަހު ވަނީ އެ ހޮސްޕިޓަލްގައި އެންމެ ތިން ހަފުތާގެ ސިލާ މަޙްމޫދު އަލް ފަޞީޙް ގަނޑުވެގެން މަރުވެފައިވާ ކަށް ކަށަވަރުކޮށްދީފައެވެ. މީގެ އިތުރުން ތިންދުވަސް އަދި އެއް މަހުގެ އިތުރު ދެ ތުއްތު ކުދިން ފާއިތުވެ ދިޔަ 48 ގަޑިއިރުގެ ތެރޭގައި ހައިޕޮތަމިއާގެ ސަބަބުން އެހޮސްޕިޓަލްއަސް ގެނެސްފައިވާ ކަމުގައިވެސް އަލް-ފައްރާ އަލްޖަޒީރާ އަށް މަޢުލޫމާތު ދީފައިވެއެވެ. އެދެކުދިންވެސް ނިޔާވެފައިވާކަމުގައި ފައްރާ ވަނީ ބުނެފައެވެ.
ގަދަ ފިނީގައި ގަނޑުވެގެން ނިޔާވި ތުއްތު ސިލާ މަޙްމޫދު އަލް ފަސީޙްގެ ބައްޕަ އަލްޖަޒީރާ އަށް މަޢުލޫމާތު ދިން ގޮތުގައި އޭނާގެ އާއިލާއިން ވީދި ހަސްފަސްވެފައިވާ ޓެންޓުގައި ގަދަ ވަޔާއި ފިނީގައި ނިދަނީވެސް ބިންމަތީގައެވެ. އާއިލާއިން ތިބީ ކިރިޔާ ބޯހިޔާކޮށްލެވޭ ފަދަ ހާލަތެއްގައެވެ.
"އެ ދަރިފުޅު ވިހެއީ ފުރިހަމަ ސިއްޙަތެއްގައި. ހަމަ ގުރުރަތީ ވިހެއުމަކުން ވިހެއީވެސް. އެކަމަކު ޓެންޓުތަކުގައި ހާލަތާއެކު ގަދަ ފިންޏަށް އެދަރިފުޅުގެ ތުއްތު ހަށިގަނޑަށް ކެތްނުވީ. ގަނޑުވެގެން އެ ދަރިފުޅުގެ ހަށިގަނޑުގެ ގުނަވަންތައް މަސައްކަތް ކުރުން ހުއްޓި މަރުވީ" ސިލާގެ މަރާ ބެހޭގޮތުން އަލްޖަޒީރާއަށް އަލް-ފަސީހް ބުންޏެވެ.
އޭނާ އިތުރަށްބުނީ އޭނާގެ އާއިލާ މިވަގުތު ދިރިއުޅެމުންދަނީ ދެކުނު ޚާންޔޫނުސް ގެ އަލް މަވާސީގައި މެޑިޓެރޭނިއަން ކަނޑުގެ އައްސޭރިއަށް ވާ ގޮތަށް ހުރި ސަރަޙައްދެއްގައި ކަމުން މި ގަދަ ފިނީގައި ވަޔާއެކު ވީދިފައިވާ ޓެންޓް ތަކުގައި އެމީހުންގެ ދިރިއުޅުމުގެ ޙާލަތު ވަނީ އިންތިހާއަށް ނުރައްކާތެރި ފައްތަރެއްގައި ކަމުގައެވެ. ޓެންޓަށް ސީދާ ވައި ވަންނަ ގޮތަށް ހުރިއިރު ސިލާގެ ހާލު އެންމެ ބޮޑުވި އަންގާރަ ދުވަހުރޭ އެސަރަޙައްދުގައި ފިނިހޫނުމިން ހުރީ 9 ޑިގްރީ ސެލްސިއަސް (48 ޑޮގްރީސް ފެރެންހެއިޓް) ގައެވެ.
އަލް މަވާސީ އަކީ "ރައްކާތެރި ސަރަޙައްދެއް" ކަމަށް ކަނޑައަޅާފައިވާ ހިސާބެއް ނަމަވެސް ފާއިތުވި 14 މަސްދުވަގެ ތެރޭގައި އިޒްރާއިލްއިން ވަނީ އެތައްފަހަރަކު އެސަރަޙައްދަށް ބޮންއަޅާ ހަމަލާ ދީފައެވެ.
"އަހަރެމެން ނިދަނީ ވެލިގަނޑު މަތީގަ. އަހަރެމެންގެ އަތަކު ރަޖައެއްނެތް. އަހަރެމެންގެ ހާލަތު ކިޔާދިނަސް ނޭނގޭނެ. އެކަލާނގެ އެކަނި އަހަރެމެންގެ ހާލަތު ދެނެވޮޑިގެންވަނީ. މިއީ ދަތި އުނދަގޫ ޙާލަތެއް. އަލް ފަސީޙް ބުންޏެވެ. އެސޯސިއޭޓް ޕްރެސް އަށް ފަސީޙް މައުލޫމަތު ދިން ގޮތުގައި އެރޭ އޭނާގެ ދަރިފުޅު ތިން ފަހަރު މަތިން ހޭލައިގެން ވަރަށް ރުޔެވެ. އަދި ފަތިހު އެމީހުންނަށް ހޭލެވުނު އިރު އެކުއްޖާ އޮތީފިލާގަނޑެއްހެން ހަރުވެފައެވެ. އަލް ނަސެރް ހޮސްޕިޓަލްއަށް ދަރިފުޅު ގެންދެވުނު އިރުވެސް މާލަސްވެފައިވާ ކަމުގައި އޭނާ ބުންޏެވެ.
ޣައްޒާގެ ސިއްޙީ ވުޒާރާގެ ޑިރެކްޓާރ ޖެނެރަލް ޑޮކްޓަރ މުނިރް އަލް-ބާޝް ވިދާޅުވި ގޮތުގައި ސިލާ މަރުވެފައިވަނީ "އިންތިހާއަށް ފިނިގަދަވެގެން" ކަމަށް ވާއިރު އިޒްރާއިލް އަސްކަރިއްޔާއިން "ރައްކާތެރި ސަރަޙައްދެއް" ކަމަށް ކަނޑައަޅާފައިވާ ތަނެއް އިންސާނުން އުޅޭން އެކަށީގެންވާން ވާނެއެވެ.
އިޒްރާއިލްއިން ޣައްޒާއަށް ހުއްޓުމެއްނެތި ހަމާލާދޭތާ ގާތްގަނޑަކަށް 15 މަސްދުވަސްވާން ކައިރިވެފައިވާއިރު ހަމަލާތަކުގައި މިހާތަނަށް 45,000 މީހުން ވަނީ މަރުވެފައެވެ. މުޅި ޣައްޒާގެ އާބާދީގެ 2.4 މިލިއަން މީހުން ވިއްސި ވިހާލިވެފައި ވާއިރު ކުދި ކުދި ޓެންޓްތަކުގައި އެތައްހާސް ބަޔަކު ވަނީ ތޮއްޖެހިފައެވެ. ޓެންޓް ތަކުގައ ހާލަތު އިންތިހާއަށް ދަށްއިރު ފިނިމޫސުމާ އައިސްފައިވާ ޣައްޒާގެ ޓެންޓްތަކުގައި ފިނިން ސަލާމަތް ވެވޭނެ ގޮތެއްނެތެވެ. އައްސޭރި ފަށުގައި އެތައްހާސް ޓެންޓެއް ހުރިއިރު ގަދަ ވައިގައި ޓެންޓުތަކުގެ ހާލަތު އިތުރަށް ވަނީ ގޯސްވެފައެވެ. އެހީ ދޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކުރުމުގައި ގޮންޖެހުންތަކާއެކު ކާނާ އާއި ފިނިން ރައްކާތެރި ވާނެ ސާމާނު ފޯރުކޮށްދެވޭތޯ ބެލިނަމަވެސް މުޅި އާބާދީއަށް އެހީވެވޭ މިންވަރާ ގާތަށްވެސް އެހީގެ ސާމާނު ޣައްޒާއަށް އެތެރެކުރެވޭނެ ގޮތެއްނެތެވެ. ރަފަޙް ބޯޑަރުގައި އެތައްހާސް ޓްރަކެއް އެހީގެ ތަކެއްތާއެކު ކިއޫގައި ތިބިނަމަވެސް ޣައްޒާއަށް އެހީގެ ތަކެތި ވެއްދެނީ އިޒްރާއިލްއިން އެކަމަށް ހުއްދަ ލިބޭ މަދު މިންވަރަކަށެވެ.
ރިއެކްޝަންސް






