އިންޑިއާގެ ކުރީގެ ބޮޑުވަޒީރު ޑރ. މަންމޯހަން ސިންގް އަވަހާރަވެއްޖެ
ިންޑިއާގެ 14 ވަނަ ބޮޑުވަޒީރު ޑޮކްޓަރ މަންމޯހަން ސިންގް އުމުރުން 92 އަހަރުގައި އަވަހާރަ ވެއްޖެއެވެ.
އިޤްތިޞާދީ މާހިރެއްކަމަށްވާ ޑރ. މަންމޯހަން ސިންގް ވަނީ 2004 ން 2014 ވަނަ އަހަރާ ހަމައަށް އިންޑިއާގެ ބޮޑުވަޒީރުކަން ކުރައްވާފައެވެ. ބޮޑުވަޒީރު ކަމުގެ ކުރިންވެސް ޑރ. ސިންގް ވަނީ އެކިއެކި މަޤާމްތަކުގައި ގިނަ ދުވަސްތަކެއްވަންދެން ދަޢުލަތަށް ޚިދުމަތްކުރައްވާފައެވެ. އޭގެ ތެރޭގައި އިންޑިއާގެ ސެންޓްރަލް ބޭންކްގެ ގަވަރުނަރުކަން ވެސް ކުރައްވާފައި ވެއެވެ.
ސިންގް އަވަހާރަވީ ބުރާސްފަތި ދުވަހު ގޭގައި ހުންނަވަނިކޮށް ކުއްލިގޮތަކަށް ސިއްހީ ޙާލަތު ގޯސްވުމާއި ގުޅިގެން ނިއު ދިއްލީގެ އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސް (އެއިމްސް)ގައި އެޑްމިޓް ކުރެވި ފަރުވާދެމުން ދަނިކޮށެވެ. އަވަހާރަ ވެފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ 9:15ގައެވެ.
ޑރ. މަން މޯހަން ސިންގް އަވަހާރަ ވުމާގުޅޭގޮތުން ހޮސްޕިޓަލްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސިންގް ހޮސްޕިޓަލަށް ގެނެވުނީ ގޭގައި ހުންނަވަނިކޮށް ހޭފުޅު ނެތިގެން ކަމުގައެވެ. ނަމަވެސް އޭގެ ކުރިންވެސް އުމުރުން ދުވަސްވުމާ ގުޅޭ ކަންކަމުގައި އެ ހޮސްޕިޓަލްއިން އެކިފަހަރު މަތިން ސިންގް އަށް ފަރުވާ ދެވިފައިވާނެކަމަށްވެސް ހޮސްޕިޓަލްގެ ބަޔާނުގައި ބުނެފައި ވެއެވެ.
ސިންގް އަވަހާރަ ވުމާއި ގުޅިގެން އިންޑިއާގެ މިހާރުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ ހިތާމަ ފާޅުކުރައްވާ އެކްސްގައި ޕޯސްޓެއް ކޮށްފައެވެ. މޯދީގެ ޕޯސްޓްގައި ސިންގް އަކީ ސާދާ މިޖާޒެއްޖެ ބޭފުޅެއްކަމަށް ސިފަކުރައްވާ އޭނާއަކީ އިޙްތިރާމް ހޯއްދެވި އިޤްތިޞާދީ މާހިރެއް ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި އިންޑިއާގެ މާލީ ވަޒީރުކަމުގެ އިތުރުންވެސް އެކި އެކި މަޤާމުތަކުގައި މުޅި އިންޑިއާގެ އިޤްތިޞާދި ސިޔާސަތު ބައްޓަން ކުރުމުގައި ސިންގްގެ ދައުރަށް ތައުރީފް ކުރައްވާ މޯދީ ވަނީ ސިންގްގެ ބޮޑުވަޒީރު ކަމުގައި އިންޑިއާގެ ރައްޔިތުންގެ ހާލަތު ރަނގަޅުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެއްވިކަމަށް ވިދާޅުވެފައެވެ.
ޑރ. މަންމޯހަން ސިންގް އަކީ އިންޑިއާގައި މިހާރުވެރިކަން ކުރާ ޕާޓީއާ އިދިކޮޅު ކޮންގްރެސް ޕާޓީގެ ބޭފުޅެކެވެ. ނަމަވެސް ސިންގްގެ ޒައާމަތުގައި ބައްޓަން ކުރެއްވި އިޣްތިޞާދީ ސިޔާސަތުތައް މިހާރުވެސް އިންޑިއާގެ އިޣްތިޞާދު ކުރިއެރުމުގައި މުޙިއްމު ދައުރެއް އަދާކުރެއެވެ.
ރިއެކްޝަންސް