ފުލަމް އަތުން ޗެލްސީ ބަލި, ހާލަންޑްގެ ޕެނަލްޓީ ނާކާމިޔާބުވެ ސިޓީއަށް ޕޮއިންޓެއް
އިނގިރޭސި ޕްރިމިއަރ ލީގުގައި ބުރާސްފަތި ދުވަހު ފުލަމްއާއި ޗެލްސީ ބައްދަލުކުރި މެޗު 2-1 ން ފުލަމް ކާމިޔާބުކޮށްފިއެވެ. ފުލަމްއިން ޗެލްސީގެ މައްޗަށް ކުރިހޯދީ ޗެލަސީއިން ގޯލެއް ކާމިޔާބުކޮށްފައި ވަނިކޮށް ފަހަތުން އަރައެވެ. މެންޗެސްޓަރ ސިޓީއަށް އެވަޓަން އަތުން މޮޅުވާން ލިބުނު ފުރުޞަތު އާލިންގ ހާލަންޑް އަތުންވަނީ ބޭކާރުވެފައެވެ.
ސްޓެމްފޯޑް ބްރިޖްގައި ޗެލްސީ އާއި ފުލަމް ބައްދަލުކުރި މެޗުގައި ޗެލްސީއަށް ލީޑު ނަގައިދިނީ ކޯލް ޕާމާއެވެ. 16 ވަނަ މިނިޓްގައި ލެވީ ކޯލްވިލް ދިން ބޯޅަ އާއެކު ދެ ޑިފެންޑަރުން ކައިރިން ނައްޓާލާ ޕާމާ ވަނީ ގޯލުގެ ތިރީކަނަށް ރީތި ބޯޅައެއް ފޮނުވާލާފައެވެ.
އިތުބާރާ އެކު ކުޅެމުން ދިޔަ ޗެލްސީ އަށް ލީޑު ފުޅާކޮށްދިނުމަށް ޕާމާއަށް ރަނގަޅު ފުރުޞަތެއް ފަހުން ލިބުންނަމަވެސް ފުލަމްގެ ގޯލް ކީޕަރު ބާންޑް ލެނޯ ވަނީ ބޯޅަ ދިފާއުކޮށްފައެވެ.
2011 ގެ ފަހުން ސްޓެމްފޯޑް ބްރިޖްގައި ގޯލެއް ކާމިޔާބު ކުރެވިފައި ނުވާ ފުލަމްއިން ޗެލްސީގެ ގޯލް ފޫއަޅުވާލީ މެޗުގެ 82 ވަނަ މިނިޓްގައެވެ. ޓިމޮތީ ކަސްޓާނޭ ތަނަވަސްކޮށްދިން ފުރުޞަތު ފުލަމްގެ މެދުތެރެއަށް ކުޅެމުން އަންނަ ހެރީ ވިލަސަންގެ ބޮލުން ފޮނުވާލި ބޯޅަ ގޯލާ އަމާޒު ވުމާއެކުއެކު ފުލަމްއިން އިތުރު ގޯލެއް ކާމިޔާބު ކުރެވޭތޯ އާހިތްވަރެއް ލިއެވެ.
ފުލަމްގެ ކޮޅަށް ނަތީޖާ އަނބުރާލީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ, އިތުރު ވަގުތުގެ ފަސްވަނަ މިނިޓްގައެވެ. ސަސާ ލުކިޗް ދިންޕާހެއް ރޮޑްރީގޯ މުނިޒް ގޯލަކަށް ބަދަލުކޮށްލުމާއި އެކު 45 އަހަރު ފަހުން ފުލަމްއިން ވަނީ ސްޓެމްފޯޑް ބްރިޖްގައި އެމީހުންގެ ފުރަތަމަ މޮޅު ހޯދާފައެވެ.
ތާރީޚީ މޮޅާކާއެކު ފުލަމްއިން މެޗު ނިންމާލި އިރު 18 މެޗުން ފުލަމް އަށް ލިބިފައި ވަނީ 28 ޕޮއިންޓެވެ. ލީގު ތާވަލްގައި ފުލަމް މިހާރު އޮތީ މެންޗެސްޓަރ ސިޓީގެ ފަހަތުން 8 ވަނައިގައެވެ. 18 މެޗުން 35 ޕޮއިންޓާއެކު ދެވަނައިގައި ޗެލްސީ އޮތްއިރު, ބުރާސްފަތި ދުވަހު 1-0 ން ޓޮޓްނަމް ބަލިކުރި ނޮޓިންގހަމް ފޮރެސްޓުން ވަނީ އެންމެ ޕޮއިންޓެއްގެ ފަރަގާއެކު ޗެލްސީގެ ފަހަތުން ތިންވަނައިގައި ވިއްދާފައެވެ.
މެންޗެސްޓަރ ސިޓީ އާއި އެވަޓަން ބައްދަލު ކުރި މެޗު 1- 1 ން އެއްވަރުވިއިރު, މެޗުގައި ލީޑު ނެގީ ސިޓީންނެވެ. 14 ވަނަ މިނިޓްގައި ސިޓީގެ ހަމައެކަނި ގޯލް ޖެރެމީ ޑޮކޫ ތަނަވަސްކޮށްދިން ފުރުޞަތުގައި ކާމިޔާބުކުރީ ބެނާޑޯ ސިލްވަރ އެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން އެވަޓަންގެ ލިމާން އެންޑަޔައޭ ވަނީ 36 ވަނަ މިނިޓްގައި އެވަޓަން އަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.
ސިޓީއަށް ތިން ޕޮއިންޓް ހޯދާ, ވެއްޓިފައިވާ ދަށް ހާލަތުން އަރައިގަތުމަށް ލިބުނު ޕެނަލްޓީ އާލިން ހާލަންޑް އަތުން ނާކާމިޔާބުވީއެވެ. ކޯޗު ޕެޕް ގާޑިއޯލާ މީގެ އެއް ދުވަސް ކުރިން ވަނީ ހާލަންޑް އަށް ގޯލްޖެހުމަށް ޓީމުން ބޮޑަށް ފުރުޞަތު ފަހިކުރުމާގުޅޭގޮތުން ވާހަކަ ދައްކާފައެވެ.
އެންމެ ފަހުގެ ޗެމްޕިއަން ސިޓީން އެކްލަބްގެ ތާރީޚްގައިވެސް ދުށް އެންމެ ނާކާމިޔާބު ދުވަސްތައް ގުނަމުންދާއިރު މި ސީޒަންގައި ސިޓީ އެންމެ ފަހުން ކުޅުނު 13 މެޗުގެ ތެރެއިން މޮޅުވެފައި ވަނީ އެންމެ މެޗަކުންނެވެ.
މި ނަތީޖާ އާއެކު ސިޓީ މިވަގުތު އޮތީ 28 ޕޮއިންޓާއެކު ތާވަލްގެ 7 ވަނަ މަގާމްގައެވެ. އެއަދަދަށް 8 އަދި 9 ވަނައިގައި އޮތް ފުލަމް އަދި އެސްޓާން ވިލާއިން ޕޮއިންޓް ހޯދާފައި ވާއިރު ހާލަތު ބަދަލު ނުވާނަމަ ތާވަލްގެ އަށް ވަނައަށް ނުވަތަ އޭގެ ފަހަތަށްވެސް ސިޓީ ސޮއްސާލުމަކީ ދާދި ކައިރީގައި އޮތް ކަމެކެވެ. އެއްވަނައިގައި އޮތް ލިވަރޕޫލާ އަރާ ހަމަކުރަން ސިޓީއަށް އެންމެ މަދުވެގެންވެސް 14 ޕޮއިންޓް ބޭނުންވެއެވެ. ތާވަލްގެ 15 ވަނައިގައި އެވަޓަން އޮތީ 17 މެޗުން 17 ޕޮއިންޓާއެކުއެވެ.
ބުރާސްފަތި ދުވަހު ކުޅުނު އިތުރު މެޗުތަކަށް ބަލާއިރު ބާންމައުތު އާއި ކްރިސްޓަލް ޕެލަސް ވާދަކުރި މެޗު ނިމުނީ އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބު ނުކުރެވިއެވެ. 3-0 ން އެސްޓަންވިލާ އަތުން ނިއުކާސަލް ޔުނައިޓަށް މޮޅުވިއިރު, ވެސްޓްހެމް ޔުނައިޓަޑްއިން ސައުތަމްޕްޓަންގެ މައްޗަށް ކުރިހޯދީ 1-0 ންނެވެ. ވުލްވްސްއިން މެންޗެސްޓަރ ޔުނައިޓަޑް ބަލިކުރީ 2-0 ގެ ނަތީޖާ އަކުންނެވެ.
ރިއެކްޝަންސް