އާޖެންޓީނާ ޕެރަގުއާއީ އަތްދަށުވެ, ބްރެޒިލްއަށް ވެނެޒުއޭލާ ކައިރިން މޮޅެއް ނުވެވުނު
ވޯލްޑް ކަޕް ކޮލިފައިންގ ގައި ބުރާސްފަތި ދުވަހުޕެގަރުއާއީ އިން ފަހަތުން އަރާ އާޖެންޓީނާ ބަލިކޮށްފިއެވެ. އަދި ވެލެނުއޭލާ އަތުން ބްރެޒިލް އަށް މޮޅު ނުވެވި އެއްވަރު ވެއްޖެ އެވެ.
މެޗުގެ ވަރަށް ކުރީކޮޅު އާޖެންޓީނާ އަށް ލީޑު ނަގައިދިނީ 11 ވަނަ މިނިޓްގައި ލައުރާޓޯ މާޓީނޭޒް އެވެ. ނަމަވެސް އޭގެ އަށް މިނިޓް ފަހުން ޕެރަގުއާއީން ގޯލެއް ކާމިޔާބުކޮށް ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. މެޗުގެ 19 ވަނަ މިނިޓްގައި ގުސްތާވޯ ވެލަޒްކެޒް ނަގައިދިން ހުރަސް ގޯލްގެތެރެއަށް ފޮނުވާލީ އެޑުއާރޯ ސަނަބްރިއާ އެވެ. އޭނާގެ މޮޅު އޯވަރހެޑް ކިކް މަތަކުރުމުގައި ގޯލް ކީޕަރު އެމީލިއާނޯ މާޓިނޭޒްއަށް ކުރެވުނު އެއްކަމެއްވެސް ނެތެވެ. ދެވަނަ ހާފު ފެށިގެން ކުޑައިރުކޮޅެއްގެ ތެރޭގައި އާޖެންޓީނާއިން ކުރި ފައުލަކާ ގުޅިގެން ލިބުނު ހިލޭޖެހުމެއްގައި ފެރައުއާއިން އެމީހުންގެ ދެވަނަ ގޯލް ކާމިޔާބުކޮށް އާޖެންޓީނާގެ މައްޗަށް ކުރިހޯދިއެވެ. ޑިއެގޯ ގޯމެޒް ފޮނުވާލި ބޯޅަ ބޮލުންޖަހާ ފެރަގުއާއީގެ ދެވަނަ ގޯލް 47 ވަނަ މިނިޓްގައި ކާމިޔާބުކުރީ ޑިފެންޑަރު އޮމާރް އަލްޑެރެޓޭ އެވެ.
މި ނަތީޖާއާއެކު އެންމެ ފަހުގެ ވޯލްޑްކަޕް ޗެމްޕިއަން, އާޖެންޓީނާ އޮތީ 11 މެޗުން 22 ޕޮއިންޓާއެކު އެންމެ ކުރީގައެވެ. ޕްރަގުއާއީ އޮތީ 16 ޕޮއިންޓާއެކު ހަ ވަނަގައިއެވެ.
ހުކުރު ދުވަހު ބްރެޒިލް އާއި ވެނެޒުއޭލާ ވާދަކުރި މެޗު 1-1 ން ވީ އެއްވަރެވެ. ޕެނަލްޓީ ޖަހައިގެން ބްރެޒިލްއަށް މޮޅުވާން ލިބުނު ފުރުޞަތު ވަނީ ވިނީޝިއުސް ޖޭއާރު އަތުން ގެއްލިފައެވެ. މެޗުގައި ފުރަތަމަ ގޯލް ކާމިޔާބުކުރީވެސް ބްރެޒިލް އިންނެވެ. ފުރަތަމަ ހާފު ނިމެންދަނިކޮށް 43 ވަނަ މިނިޓްގައި ބްރެޒިލްއަށް ލީޑު ނަގައިދިނީ ރަފީނިއާއެވެ. ވިނީޝިއުސްގެ ޕެނަލްޓީ ނާކާމިޔާބުވީ 62 ވަނަ މިނިޓްގައެވެ.
ދެވަނަ ހާފު ފަށައިގެން ފުރަތަމަ މިނިޓްގައި ވެނެޒުއޭލާއިން ގޯލެއް ޖަހާ ނަތީޖާ ހަމަހަމަ ކުރިއެވެ. ޓެލަސްކޯ ސެގޯވިއާ މި ގޯލް ކާމިޔާބުކުރީ ޖެފަރސަން ސަވާރިނޯ ތަނަވަސްކޮށްދިން ފުރުޞަތެއްގައެވެ. މެޗުގެ 89 ވަނަ މިނިޓްގައި ވެނެޒުއޭލާގެ އަލެގްޒެންޑްރާ ގޮންޒަލޭޒް އަތް ދެއްކި ރަތްކާޑާއެކު ވެނެޒުއޭލާއިން މެޗު ނިންމާލީ 10 ކުޅުންތެރިންނާއެކުއެވެ. ގޮންޒަލޭޒް އަށް އަތް ރަތްކާޑު ދެއްކީ ވިނީޝިއުސް އަދި ގެބްރިއެލް މާޓިނެއްލީއަށް އެއްފަހަރާ ހަމަލާ ދިނުމުގެ ސަބަބުންނެވެ.
މި ނަތީޖާއާއެކު ފަސް ފަހަރު ވޯލްޑްކަޕް ހޯދާފައިވާ ބްރެޒިލް އޮތީ 17 ޕޮއިންޓާއެކު ތިން ވަނައިގައެވެ. ހަތްވަނައިގައި 12 ޕޮއިންޓާއެކު ވެނެޒުއޭލާ އޮތްއިރު 4-0 ން ބޮލީވިއާ ބަލިކޮށް އެކުއެޑޯ ފަސްވަނައިގައި އޮތީ 16 ޕޮއިންޓާއެކުއެވެ.
ރިއެކްޝަންސް