
ބޭބެ, ޖޫޑް ޑޯޓްމަންޑަށް ސޮއިކުރިތާ ފަސް އަހަރުފަހުން ޖޯބްވެސް ޑޯޓްމަންޑަށް
ސަަންޑަލޭންޑަށް ކުޅޭ އިނގިރޭސި މިޑްފީލްޑަރު ޖޯބް ބެލިންގްހަމް ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑްއަށް ސޮއިކޮށްފިކަމަށް ކްލަބުން ހާމަކޮށްފިއެވެ. މީގެ ފަސް އަހަރު ކުރިން ޖޯބްގެ ބޭބެ, ޖޫޑް ބެލިންގްހަމްވެސް ވަނީ ބޮރޫޝިއާ ޑޯޓްމަންޑަށް ސޮއިކޮށްފައެވެ.
ފުރާވަރު އުމުރުގައި އުމުރުން 19 އަަހަރުގައި ޖަރުމަނަށް ބަދަލުވެ ޖޯބް ތައްޔާރުވަމުން އަންނަނީ ބޭބެގެ ފިޔަވަޅު ދަށުން އޭނާގެ ކުޅިވަރުގެ ކުރިމަގު ބައްޓަންކުރާށެވެ.
ޖޯބް މި ސީޒަން ނިންމާލީ 43 މެޗުން ހަތަރު ގޯލާއި ތިން އެސިސްޓާއެކުއެވެ. އަހަރުގެ މޮޅު ޒުވާންކުޅުންތެރިޔާގެ މަޤާމްވެސް އޭނާ ވަނީ ހޯދާފައެވެ.
ވެމްބްލީގައި ޕްލޭއޯފް ފައިނަލްގައި 2-1 ން ޝެފީލްޑް ޔުނައިޓަޑް ބަލިކޮށް ޖޯބް ވަނީ ސަންޑަލޭންޑް ޕްރިމިއަރ ލީގަށް ޕްރޮމޯޓްކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ.
ޖޯބް ސަންޑަލޭންޑާ ގުޅުނީ އޭނާގެ ޅަފުރާގެ ކްލަބް ބާމިންގްހަމްއިން 2023 ވަނަ އަހަރުއެވެ.
ޖަރުމަނު ލީގުގެ ހަތަރު ވަނައިގައި ސީޒަން ނިންމާލީ ޑޯޓްމަންޑް އަންނަ ސިޒަނުގެ ޗެމްޕިއަންސް ލީގަށް ވަނީ ޕްރޮމޯޓްވެފައެވެ. ލީގުގައި އެންމެ ފަހުން ކުޅުނު އަށް މެޗުގެ ތެރެއިން ހަތްމެޗު ޑޯޓްމަންޑް ވަނީ ކާމިިޔާބުކޮށްފައެވެ.
މި ހޫނު މޫސުމުގައި އެމެރިކާގެ ފްލޮރިޑާގައި އޮންނަ ފީފާ ކްލަބް ވޯލްޑްކަަޕްގައި ޖޯބް ޑޯޓްމަންޑަށް ކުޅޭނެއެވެ. ބުރާސްފަތި ދުވަހު ފެށުމަށްއޮތް ޔޫރަފިއަން ޗެމްޕިއަންޝިޕްގެ 23 އަހަރުން ދަށުގެ އިނގިރޭސި ޓީމްގައި ޖޫޑް ހިމެނިފައިވީނަމަވެސް މިބަދަލާއެކު ޖޯބް ދެން އެމުބާރާތުން ނުފެންނާނެއެވެ.
ރިއެކްޝަންސް






