އަނެއްކާވެސް ސުއަރޭޒްގެ ފަރާތުން ހުތުރު އަމަލެއް. މިފަހަރު މޫނަށްޖެހީ ކުޅު!
މަޔާމީއަށް ކުޅޭ އުރުގުއާއީގެ ލުއިޒް ސުއަރޭޒް ސިއޭޓްލްގެ ސްޓާފަކާ ހަމަނުޖެހުން ހިންގަނީ. ފޮޓޯ:ފްރާންސް24

އަނެއްކާވެސް ސުއަރޭޒްގެ ފަރާތުން ހުތުރު އަމަލެއް. މިފަހަރު މޫނަށްޖެހީ ކުޅު!

6 hours ago - 12:05
Sep 1, 2025 - 12:17

ލީގު ކަޕް ފައިނަލްގައި 3-0 ން ސިއޭޓްލް ސައުންޑާސް އަތުން އިންޓަރ މަޔާމީ އެފްސީ ބަލިވި މެޗަށްފަހު ހިނގި ހަމަނުޖެހުންތަކުގައި ސިއޭޓްލްގެ ސްޓާފެއްގެ މޫނަށް މަޔާމީގެ ލުއިސް ސުއަރޭޒް ކުޅުޖަހައިފިއެވެެ.

ލުމެން ފީލްޑްގައި މިއަދު ކުޅުނު މި މެޗަށްފަހު ދެޓީމުގެ ކުޅުންތެރިންގެ މެދުގައި ވަނީ ދަނޑުމަތީގައި ހިނގި ހަމަނުޖެހުންތަކުގައި އެކަކު އަނެކަކުގެ ގަޔަށް އަތްލައި ކޮށްޕާ, ވައްޓާހަދާފައި ވެއެވެ.

ހަމަނުޖެހުމަށްފަހު ދެޓީމް ދެފަރާތަށް ދިޔަ ވަގުތު ސުއަރޭޒް ސައުންޑާސްގެ ސްޓާފެއްގެ މޫނަށް ކުޅުޖަހާ މަންޒަރު ހިމެނޭ ވީޑިއޯ މިހާރުވަނީ މީސްމީޑިއާގައި ވަރަށްބޮޑަށް ދައުރުވެފައެވެ. ވީޑިއޯގައި ފެންނަ ގޮތުން ސްޓާފާ ދިމާއަށް ވަރަށް ރުޅިއައިސްފައި ހުރެ އޭނާއާ ދިމާއަށް ގުދުވެ ސުއަރޭޒް އޭނާގެ މޫނަށް ކުޅުޖަހައެވެ. 

ފަހުން މަޔާމީގެ ކީޕަރު އޮސްކާ އުސްޓާރީ ވަނީ އެދެމީހުންގެ ދޭތެރެއަށްވަދެ ދެމީހުން ދުރުކޮށް ފޮނުވާލާފައެވެ.

Advertisement
Advertisement

"އެމީހުން އެހާ ފަރަގުބޮޑުކޮށް ބަލިވީމަ މާބޮޑަށް ފްރަސްޓްރޭޓް ވެގެން ދަނޑުމަތީގައި ފެނިގެން ނުވާނެކަހަލަ މަންޒަރެއް އެ ފެނުނީ. ނަސީބު ދެރަކަމުން މިމައްސަލައާއެކު އަހަރެމެންގެ ޓީމުން ހޯދި މޮޅު ކާމިޔާބީގެ ކުލަ ފަނޑުވެ އެހެން ކަމަކަށް އެ ނަޒަރު ހުއްޓުނީ. އެކަމަކު އަސްލު ވާހަކަ އަކީ ސިއޭޓްލް އިން މި ހޯދި ކާމިޔާބީ. އެވާހަކަ ދައްކަންޖެހޭނީ" އެ ހާދިސާއަށް ފަހު ސިއޭޓްލްގެ ކޯޗު މީޑިއާއަށް މައުލޫމާތު ދެމުން ބުނެފައި ވެއެވެ.

ސުއަރޭޒް އަކީ މިގެ ކުރިން ބްރެޒިލްގައި 2014 ގައި ބޭއްވި ވޯލްޑްކަޕްގައިވެސް އިޓަލީއާއި އުރުގުއާއީ ބައްދަލުކުރި ގްރޫޕް ސްޓޭޖްގެ މެޗެއްގައި އިޓަލީގެ ޑިފެންޑަރު ޖޯގިއޯ ކިއެލީނީގެ ގައިގައި ދަތްއެޅި ކުޅުންތެރިއެވެ. އެއީ ފުޓްބޯޅައިގައި ނުރަނގަޅު އެހެންނަމަވެސް ވަރަށް ބޮޑަށް މަޝްހޫރިވި ހާދިސާއެކެވެ. 

ލީގު ކަޕްގެ ތަރުޖަމާނާ ހަވާލާދީ އީއެސްޕީއެންގައި ވާގޮތުން މި މައްސަލަ ލީގު ކަޕްގެ އިންތިޒާމުކޮމިޓީން ބަލާ އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެއެވެ. ނަމަވެސް މިކަމަށް ހޭދަވާނީ ކިހާ މުއްދަތެއް ކަމެއް ބުނެފައެއް ނުވެއެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow