
މެންޗެސްޓަރ ޔުނައިޓަޑް ބަލިކޮށް ނިއުކާސަލް އިން ޗެމްޕިއަންސް ލީގުގެ އުއްމީދު އާކޮށްފި
އިނގިރޭސި ޕްރިމިއަރ ލީގުގައި އާދިއްތަ ދުވަހު 4-1 ން މެންޗެސްޓަރ ޔުނައިޓަޑ ބަލިކޮށް ނިއުކާސަލް ޔުނައިޓަޑުން އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުގެ އުއްމީދު އާކޮށްފިއެވެ.
ނިއުކާސަލްއިން އަލުން ތާވަލްގެ ގަދަ ހަތަރަކަށް އެރިއިރު ތާވަލްގެ ހަތަރުވަނަ އެ ކްލަބަށް ލިބެނީ ފަހަތުގައި އޮތް ދެޓީމަށްވުރެ އެއްމެޗު މަދުން ކުޅެ 56 ޕޮއިންޓާއެކުއެވެ. 32 މެޗު ން 55 ޕޮއިންޓާއެކު ފަސްވަނައިގައި މެންޗެސްޓަރ ސިޓީ އޮތްއިރު ހަވަނައިގައި ޗެލްސީ އޮތީ 32 މެޗުން 55 ޕޮއިންޓް ހޯދައިގެންނެވެ. ތިންވަނައިގައި ނޮޓިންގަހަމް ފޮރެސްޓް އޮތީ 57 ޕޮއިންޓާއެކުއެވެ.
ޖޭމްސް ޕާކުގައި ކުޅުނު މެޗުގައި ނިއުކާސަލްއަށް ލީޑު ނަގައިދިނީ ސަންޑްރޯ ޓޮނާލީ އެވެ. 24 ވަނަ މިނިޓްގައި ލީޑު ނެގުމަށް އެހީތެރިވީ އަލެކްސަންޑަރ އިސާކްއެވެ. ނަމަވެސް ޔުނައިޓަޑްއިން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ގޯލެއް ކާމިޔާބުކޮށް ނަތީޖާ އެއްވަރުކޮށްފައެވެ. 37 ވަނަ މިނިޓްގައި ޔުނައިޓަޑްގެ ހަމައެކަނި ގޯލް ޑިއޯގޯ ޑެލޮޓް ތަނަވަސްކޮށްދިން ފުރުޞަތުގައި ކާމިޔާބުކުރީ އަލެހަންޑްރޯ ގަނާޗޯއެވެ.
ޔުނައިޓަޑްގެ ފުރަތަމަ ކީޕަރު އަންދްރޭ އޮނާނާ ނުލާ ކުޅުނު މި މެޗުގައި ނިއުކާސަލްއިން ދެވަނަ ފަހަރަށް ލީޑު ނެގީ ފަހު ހާފު ފެށިގެން ހަތަރު ވަނަ މިނިޓްގައި ހާވީ ބާންސް އެވެ. 64 ވަނަ މިނިޓްގައި ލީޑު ފުޅާކޮށްދިނީވެސް އޭނާ ކާމިޔާބުކޮށްދިން ގޯލުންނެވެ. 77 ވަނަ މިނިޓްގައި ނިއުކާސަލްގެ ހަތަރުވަނަ ގޯލް ކާމިޔާބުކޮށްދިނީ ބްރޫނޯ ގުއިމަރޭސް އެވެ.
މެންޗެސްޓަރ ޔުނައިޓަޑް އޮތީ ތާވަލްގެ 14 ވަނައިގައި 38 ޕޮއިންޓާއެކުއެވެ.
ރިއެކްޝަންސް






