
މަޑުލު މުޙައްމަދު ވަޙީދު އަވަހާރަވެއްޖެ
ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވި
ދިވެހިބަހާއި އަދަބިއްޔާތަށް އަގުނުކުރެވޭނެ ގިނަ ޚިދުމަތްތައް ކޮށްދެއްވާފައިވާ މަޑުލު މުޙައްމަދު ވަޙީދު އަވަހާރަވެއްޖެއެވެ. އެމަނިކުފާނު އަވަހާރަވީ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެއްވަމުން ގެންދަވަނިކޮށެވެ.
މަޑުލު މުޙައްމަދު އަވަހާރަވީއިރު ހުންނެވީ ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ މުޝީރު ކަމުގެ މަގާމްގައެވެ. އާލާސްކަންފުޅާ ހަމައަށްވެސް ހުންނެވީ ޚިދުމަތުގައެވެ. މަޑުލު މުޙައްމަދު ވަހީދަށް ވަނީ ލިޔުންތެރިކަމަށް ޚިދުމަތްކުރުމުގެ ރޮނގުން 1985ވަނަ އަހަރު އާންމު ޚިދުމަތަށް ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައިވެއެވެ. ކުރުވާހަކަ ލިޔުމުގެ ރޮނގުން 1997ވަނަ އަހަރު އާންމު ޚިދުމަތަށް ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންނެވިއެވެ. ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ދިވެހި ބަހުގެ ލިޔުންތެރިކަން ކުރި އެރުވުމުގެ ރޮނގުން 2019ވަނަ އަހަރު އެމަނިކުފާނަށް ވަނޯ ޝަރަފުވެރިކަމުގެ އިނާމު އަރުވާފައެވެ. ދިވެހި ނޫސްވެރިކަމުގެ އަލިމަސް ގަލަންވެސް ލިބިވަޑައިގެންފައި ވެއެވެ.
މަޑުލު މުޙައްމަދު ވަހީދު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ ތައުޒީވާ ވިދާޅުވެފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވީ މަޑުލު މުޙައްމަދު ވަޙީދު އަވަހާރަވި ޚަބަރު އަޑުއެއްސެވީ ފުން ހިތާމައާއި އެކު ކަމަށެވެ.
މަރުޙޫމް މަޑުލު މުޙައްމަދު ވަޙީދަކީ، ދިވެހިބަހުގެ އަދީބެކެއްކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެއީ ދިވެހިރާއްޖޭގެ ފަހުގެ ތާރީޚު ދުށް ކުޅަދާނަ ލިޔުންތެރިއެއް އަދި ތަރުޖަމާކުރުންތެރިއެއް ކަމަށެވެ.
" އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ޚިދުމަތުގައި ދެމި ހުންނެވި ފަރުވާތެރި ޚިދުމަތްތެރިއެކެވެ. ގިނަ ދަރިވަރުންތަކަކަށް ކިޔަވައިދެއްވާފައި ވެއެވެ. ބައި ގަރުނަށް ވުރެ ދިގު މުއްދަތަކު ޤައުމަށް އެ ކޮށްދެއްވި އަގުހުރި ޚިދުމަތުގެ ޒިކުރާ ފަނޑުވުމެއް ނެތި ދެމިހުންނާނެއެވެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އެމަނިކުފާނުގެ ތައުޒިޔާގެ މެސެޖް ނިންމަވާލެއްވީ މަރުޙޫމް މަޑުލު މުޙައްމަދު ވަޙީދުގެ ފުރާނަފުޅަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވުން އެދި الله ހަޟްރަތުގައި ދުއާ ދަންނަވަމުންނެވެ. އަދި ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުއާ ދަންނަވަމުންނެވެ.
ރިއެކްޝަންސް






