ކުރީ ސަރުކާރަށްވުރެ ގިނައިން މި ސަރުކާރުން ބޭންކުތަކަށް ޑޮލަރު ދޫކޮށްފި: މިނިސްޓަރު ސައީދު

ކުރީ ސަރުކާރަށްވުރެ ގިނައިން މި ސަރުކާރުން ބޭންކުތަކަށް ޑޮލަރު ދޫކޮށްފި: މިނިސްޓަރު ސައީދު

52 minutes ago - 16:52
Advertisement
Advertisement

ކުރީގެ އެމްޑީޕީ ސަރުކާރާ އަޅާބަލާއިރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ބޭންކުތައް މެދުވެރިކޮށް ދޫކުރި ޑޮލަރުގެ ނިސްބަތް އެތައް ގުނައަކަށް އިތުރުވެފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ހާމަކުރައްވައިފިއެވެ.


ވަޒީރު ސައީދު ވިދާޅުވީ، ރަސްމީ ރޭޓު ކަމަށްވާ 15.42 ރުފިޔާގެ ރޭޓުން ބޭންކުތައް މެދުވެރިކޮށް ޑޮލަރު ދޫކުރެވުނު މިންވަރަށް ބަލާއިރު، މި ސަރުކާރު އުޅެނީ މާ ކުރީގައި ކަމަށެވެ. މިއީ އިދިކޮޅު އެމްޑީޕީން ދައްކަމުންދާ ވާހަކަތަކާއި ހަޤީޤީ މަންޒަރާ ދިމާނުވާކަން ހާމަކޮށްދޭ ހެއްކެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.


މިގޮތުން ވިޔަފާރިތަކަށް ދޫކުރާ ޓީޓީތަކާއި، ބޭސްފަރުވާއަށް ބޭނުންވާ ޑޮލަރާއި، ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ފޮނުވާ ފައިސާގެ އިތުރުން ޙައްޖާއި ޢުމްރާ އަދި ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކަށް ދޫކުރި ޑޮލަރުގެ އަދަދު ވެސް މި ސަރުކާރުގައި މާ ގިނަކަމަށް ސައީދު ވިދާޅުވިއެވެ.


އަދި މި ނަތީޖާ ޙާޞިލްކުރެވިފައިވަނީ އެމްޑީޕީ ސަރުކާރު ނިމުނުއިރު ދޫކޮށްފައިދިޔަ ބިޔަ ބޮޑު ދަރަނީގެ ތެރެއިން 1.2 ބިލިއަން ޑޮލަރު މި ސަރުކާރުން ދައްކައި، ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކުރަމުންދާ ދަނޑިވަޅެއްގައި ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. "ރައީސް ޑރ. މުޢިއްޒު ގެންދަވަނީ އެމްޑީޕީން މި ޤައުމު ވައްޓާލި އިޤްތިޞާދީ ފުން އަނދަވަޅުން ޤައުމު ސަލާމަތް ކުރައްވަމުން،" ސައީދު ވިދާޅުވިއެވެ.


ސައީދު މިފަދައިން ވިދާޅުވެފައި މިވަނީ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އިންތިހާއަށް މަތިވެ، ޑޮލަރެއްގެ އަގު 22.65 ރުފިޔާއަށްވުރެ މައްޗަށް އުފުލިފައިވާ ދަނޑިވަޅެއްގައެވެ. ބާޒާރުގައި ޑޮލަރުގެ ދަތިކަން ބޮޑުވުމުގެ ސަބަބުން އާންމުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، މި މައްސަލައިގައި ޖަވާބުދާރީކުރުވުމަށް އެމްއެމްއޭގެ ގަވަރުނަރު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުކޮށްދިނުމަށް އެދި އެމްޑީޕީން ވަނީ މަޖިލީހަށް ސިޓީއެއް ވެސް ފޮނުވާފައެވެ.


މިނިސްޓަރު ސައީދު އިތުރަށް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތަކަށާއި އިޤްތިޞާދީ ހަރަކާތްތަކަށް ބޭނުންވާ ޑޮލަރު ހަމަޖައްސައިދީ، ޤައުމުގެ މާލީ ޙާލަތު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުން ކަމަށެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement