ޖުމްހޫރީ ދުވަހުގެ ޖަލްސާގައި 113 ބޭފުޅަކަށް އިނާމު އަރުވަނީ
މި އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައި، ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމާއި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު 113 ބޭފުޅަކަށް އެރުވުމަށް ހަމަޖެހިއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގައުމާ މުހާތަބު ކުރައްވާ މި ޖަލްސާ އޮންނާނީ މާދަމާ ރޭ 8:30 ގައި ސޯޝަލް ސެންޓަރުގެ އެތެރޭ ކޯޓު (ޒުވާނުންގެ މަރުކަޒުގެ މާލަމު) ގަ އެވެ.
މި ޖަލްސާގައި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު 56 ބޭފުޅަކަށް އެރުވުމަށް ވަނީ ހަމަޖެހިފަ އެވެ. ގައުމީ އިނާމާ ބެހޭ ކޮމިޓީން ކަނޑައެޅި މި ބޭފުޅުންނަށް ދެއްވާނީ ޝަރަފުގެ ބެޖަކާއި އައްޑަނައެއްގެ އިތުރުން ހަނދާނީ ލިޔުމެކެވެ. ދައުލަތަށް 35 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރެއްވި 66 ބޭފުޅަކަށް މިއަހަރުގެ މިނިވަން ދުވަހުގެ ޖަލްސާގައި ވެސް މި އިނާމު ވަނީ އަރުވާފައެވެ.
މީގެ އިތުރުން، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު މިއަހަރު 57 ބޭފުޅަކަށް ލިބިވަޑައިގަންނަވާނެ އެވެ.
އެއީ:
- ޕީއެޗްޑީ ހާސިލުކުރެއްވި ބޭފުޅުން: ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ފާހަގަކޮށްލެވޭ ކާމިޔާބީއަކާ އެކު ހާސިލުކުރެއްވި 6 ބޭފުޅުން.
- އެންމެ މަތީ ވަނަ ހޯއްދެވި ބޭފުޅުން: ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7، 8 ނުވަތަ 9 ގެ ސަނަދަކުން އެންމެ މަތީ ވަނަ ހޯއްދެވި 50 ބޭފުޅުން.
- ބައިނަލްއަގުވާމީ ކާމިޔާބީ: ބައިނަލްއަގުވާމީ މައުރަޒަކުން، މުބާރާތަކުން ނުވަތަ އެފަދަ މިންކުރުމަކުން އެންމެ މަތީ ވަނަ ނުވަތަ ޝަރަފު ހޯދި އެއް ފަރާތް.
ހާއްސަ އިނާމާ ބެހޭ ކޮމިޓީން ބޭފުޅުން ހޮއްވެވި މި އިނާމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ ހާއްސަ މެޑެއްޔަކާއި ހަނދާނީ ލިޔުމެކެވެ.
ރިއެކްޝަންސް





