ޕީއެންސީ އާއި އަދާލަތު ޕާޓީ ގުޅިގެން މަސައްކަތްކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި
ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އާއި އަދާލަތު ޕާޓީ ގުޅިގެން ސިޔާސީ ގޮތުން މަސައްކަތްކުރުމަށްޓަކައި މިއަދު ރަސްމީކޮށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ޕީއެންސީގެ ފަރާތުން ސޮއިކުރެއްވީ އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އެވެ. އަދި އަދާލަތު ޕާޓީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ޕާޓީގެ ރައީސް ޝައިޚް މުޙައްމަދު ޝިފާނެވެ.
މި އެއްބަސްވުމަކީ ޤައުމުގެ ހަމަޖެހުމާއި، އިސްލާމީ ވަޙްދަތު ދެމެހެއްޓުމަށާއި، ރައްޔިތުންނަށް ފައިދާހުރި ކަންކަން ހާސިލުކުރުމަށްޓަކައި ދެ ޕާޓީ ގުޅިގެން މަސައްކަތް ކުރުމުގެ މަޤްޞަދުގައި ވެވުނު އެއްބަސްވުމެކެވެ. މީގެއިތުރުން ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމުގައާއި، ސިޔާސީ އިސް ކަންކަމުގައި ދެ ޕާޓީގެ މެދުގައި މަޝްވަރާކޮށް އެއްބާރުލުން ދިނުމަށްވެސް މި އެއްބަސްވުމުގެ ދަށުން ވަނީ ނިންމާފައެވެ.
މި ރަސްމިއްޔާތުގައި ދެ ޕާޓީގެ އިސްވެރިންނާއި، އިސް ސަފުގައި މަސައްކަތްކުރައްވާ ބައެއް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. މި އެއްބަސްވުމާއެކު ދެ ޕާޓީގެ ގުޅުން އިތުރަށް ބަދަހިވެ، ކުރިއަށް އޮތް ތަނުގައި ޤައުމީ މުހިންމު ކަންކަމުގައި ގުޅިގެން މަސައްކަތް ކުރެވިގެންދާނެ ކަމަށް ދެ ޕާޓީން ވެސް ފާހަގަކުރެއެވެ.
ރިއެކްޝަންސް

