ފާޑުކިޔުން ބޮޑުވި މީޑިއާ ކޮމިޝަންގެ ބިލު އަނބުރާ ގެންގޮސްފި
ތުޅާދޫ ދާއިރާގެ މެންބަރު ވިދާޅުވީ ބިލު އަނބުރާ ގެންދަން ނިންމެވީ ސަރުކާރަށް ނިސްބަތްވާ މެންބަރުންގެ އެއްބާރުލުން ބިލަށް ނުލިބޭނެކަން އެނގިވަޑައިގަތުމުން ކަމަށް.
ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްޙަންނާނު އަބޫބަކުރު ހުށަހެޅުއްވި މީޑިއާ ކޮމިޝަންގެ ބިލު އަނބުރާ ގެންގޮސްފިއެވެ.
އެ ބިލު ގެންދިޔައީ ބިލު މަޖިލީހަށް ހުށަހެޅި މެންބަރު ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ތުޅާދޫ ދާއިރާގެ މެންބަރު އެބިލު އަނބުރާ ގެންގޮސްފައި މިވަނީ މީޑިއާތަކުގެ ބޮޑެތި ކަންބޮޑުވުންތަކެއް އެބިލާ ގުޅޭ ގޮތުން އޮތް ކަމަށް މީޑިއާތަކުން ބުނެފައިވާ ދަނޑިވަޅެއްގައެވެ.
މި ބިލާ ގުޅޭ ގޮތުން ނޫސްވެރިއަކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާ ސުވާލުކުރުމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެބިލަށް ސަރުކާރުން ތާއީދު ނުކުރައްވާކަން ހާމަ ކުރައްވައި އެބިލު ބޭރު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
މި ބިލު ހުށަހެޅުއްވި ތުޅާދޫ ދާއިރާގެ މެންބަރު ވިދާޅުވީ ބިލު އަނބުރާ ގެންދަން ނިންމެވީ ސަރުކާރަށް ނިސްބަތްވާ މެންބަރުންގެ އެއްބާރުލުން ބިލަށް ނުލިބޭނެކަން އެނގިވަޑައިގަތުމުން ކަމަށެވެ.
މިހާރު އޮތް މީޑިއާ ކައުންސިލް އަދި ބްރޯޑްކާސްޓިން ކޮމިޝަން އުވާލައި، އައު މީޑިއާ އެންޑް ބްރޯޑްކާސްޓިންގް ކޮމިޝަނެއް ހެދުމަށް ރައްޔިތުންގެ މަޖިލީހަށް މެންބަރު ޙަންނާން ހުށައެޅުއްވި ބިލުގެ ފުރަތަމަ ކިޔުން އިއްވީ މިމަހުގެ 13 ވަނަ ދުވަހު ބޭއްވި ޖަލްސާގައެވެ.
ބިލުގައިވާގޮތުން އަލަށް އުފެދިގެންދާ މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގައި 7 މެންބަރުން ތިއްބަވާނެއެވެ. އޭގެތެރެއިން 4 މެންބަރުން މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާއިރު 3 މެންބަރުން އިންތިޚާބު ކުރާނީ މީޑިއާތަކުންނެވެ. އަދި މިއާއެކު މީޑިއާތަކާއި ވަކިވަކި ނޫސްވެރިން ޖޫރިމަނާ ކުރެވޭ ގޮތަށް ބިލުގައި ހިމަނާފައިވެއެވެ.
މިއާއެކު މި ބިލަށް ބޮޑެތި ފާޑުކިއުންތަކެއް ވަނީ އަމާޒުވެފައެވެ. އެގޮތުން ނޫސްވެރިން ތަމްސީލް ޖަމްޢިއްޔާތަކުންވަނީ މިބިލަކީ މީޑިއާތައް ކޮންޓްރޯލް ކުރުމަށް ހުށަހަޅާފައިވާ ބިލެއްކަމަށް ބުނެ ފާޑުކިޔާފައެވެ.
އަދި ސަރުކާރުންވެސް ވަނީ މި ބިލަކީ ސަރުކާރުން ޤަބޫލުކުރާ ސިޔާސަތުތަކާ ޚިލާފަށް ހުށައަޅާފައިވާ ބިލެއްކަމަށް ވިދާޅުވެފައެވެ. އެގޮތުން ސަރުކާރަށް 1 އަހަރުފުރުމުގެ މުނާސަބަތުގައި ބޭއްވި ޚާއްސަ ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެ ބިލަކީ އެމަނިކުފާނު ބަލަގަންނަ ސިޔާސަތުތަކެއް ހިމެނޭ ބިލެއް ނޫންކަމަށް ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅާއި ގުޅިގެން ނޫސްވެރިންގެ ހައްޤުގައި މަސައްކަތްކުރާ ކޮމިޓީ ފޯރ ޕްރޮޓެކްޓިން ޖަރނަލިސްޓްސް، ސީޕީޖޭއިންވަނީ މަރުހަބާ ދަންނަވާފައެވެ. ސީޕީޖޭއިން ސޯޝަލް މީޑީއާގައި އާއްމުކުރި ޕޯސްޓެއްގައިވަނީ މި ބިލަކީ ނޫސްވެރިކަމަށް ހުރަސް އެޅޭނެ ބިލެއްކަން ފާހަގަކޮށްފައެވެ. މީގެއިތުރުން ނޫސްވެރިންނާއި މީޑިއާތަކުގެ މަޝްވަރާގެ މަތިން ނޫސްވެރިކަމުގެ މިނިވަންކަން ޔަޤީންކޮށްދޭނެ ބިލެއް އެކުލަވާލުމަށްވެސް އެ ޖަމްޢިއިއްޔާގެ ޕޯސްޓުގައި ބުނެފައިވެއެވެ.
ރިއެކްޝަންސް