
ރާއްޖޭގެ ދަރަނީގެ ހާލަތަށް ޒިންމާވާންޖެހޭނީ ކުރީގެ ރައީސް ޔާމީން: ފައްޔާޒު
ދަރަނީގެ ހާލަތު މިހާބޮޑުވީ ޖީއެމްއާރު އެއްބަސްވުން ބާތިލްކޮށް ނެގި ލޯނުތައްކަމަށް ފައްޔާޒު ވަނީ ބުނެފައި
ދިިވެހިރާއްޖޭގެ ދަރަނީގެ ހާލަތަށް ޒިންމާވާންޖެހޭނީ ކުރީގެ ރައީސް, އަބްދުالله ޔާމީން އަބްދުލް ޤައްޔޫމް ކަމަށާއި, ދަރަނި މިހާބޮޑުވެގެންދިޔައީ ޖީއެމްއާރަށް އެއަރޕޯޓް ހިންގުމަށް ދިން އެއްބަސްވުން ބާތިކޮށް ނެގިލޯނުތަކުގެ ސަބަބުންކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
ފައްޔާޒު ވިދާޅުވީ ދައުލަތުން ހަރަދެއް ކުރަންނުޖެހޭގޮތަށް ޖީއެމްއާރު ހިންގުމަށް އެއަރޕޯޓް ބަޔަކާ ހަވާލުކޮށްފައި އޮށްވައި, އެ އެއްބަސްވުން ޔާމީނުގެ ސަރުކާރުން ބާތީލްކުރީ ދައުލަތަށް އިންތިހާއަށް ގެއްލުންވާ ގޮތަށްކަމަށެވެ. އަދި އެއީ ސިޔާސީ ބޭނުމެއްގައި ނިންމި ދެކޮޅު ނުޖެހޭ ކަމެއްކަމަށްވެސް ފައްޔާޒުވަނީ ވިދާލުވެފައެވެ.
"މިއަދު ރާއްޖެ މިދެކޭ ދަރަނީގެ ބޮޑުއިންސައްތައެއް ހިއްސާކުރަނީ އެއަރޕޯޓްގެ ނަމުގައި ނެގި ދަރަނިތައް. މިއީ މިހާތަނަށް ވެރިއަކު ނިންމި އެންމެ ދޯހަޅި ނިންމުން. އެކަމުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ އެހެން ޒަރޫރަތުތައް ފުއްދުމަށް އޮތް ފުރުޞަތުތައް ބަންދުވެއްޖެ" ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ކުރެއްވި ޕޯސްޓެއް ރީޓްވީޓްކުރައްވައި ފައްޔާޒު ލިއުއްވާފައި ވެއެވެ.
ފައްޔާޒުވަނީ ޔާމީންގެ އެ ނިންމުމުގެ ސަބަބުން ދައުލަތަށް 60 ބިލިއަން ޑޮލަރުގެ ގެއްލުންވެފައިވާކަމަށް ވިދާޅުވެފައެވެ. އަދި އެއީ 'ފްރަންޓޮނޮމިކްސް'ގެ އިޤްތިޞާދީ ވިސްނުންކަމަށާއި, ޤައުމަށް ވީ ބޮޑު އިޤްތިޞާދީ ގެއްލުމުގެ ޒިންމާ މާމޮޅު އިކޮނޮމިސްޓެއްކަމަށް ދައްކަވައިގެން އުޅުއްވި ބޭފުޅާ ނަންނަގަވަންޖެހޭނަކަމަށްވެސް ފައްޔާޒުވަނީ ވިދާޅުވެފައެވެ.
ފައްޔާޒު ވަނީ މިސަރުކާރުން އެއަރޕޯޓް މުޅިން ނުނިންމާ މިމަހު އެއަރޕޯޓްގެ އައު ޓަރމިނަލް ރަސްމީކޮށް ހުޅުވުމަށް ބޮޑު ހަރަދެއް ކުރާކަމަށް ވިދާޅުވެ އެކަމަށްވެސް ފާޑުވިދާޅުވެފައެވެ. އަދި އެއަރޕޯޓް ހުޅުވުމުގެ ރަސްމިއްޔާތަށް ކުރާ ބޭކާރު އަގުބޮޑު ހަރަދުތަކުގެ ބަދަލުގައި އެއަރޕޯޓް ހަޤީގަތުގައިވެސް އެއްކޮށް ނިންމާލުން މާ މުހިއްމު ނޫންތޯ ފައްޔާޒު ވަނީ އައްސަވާފައެވެ.
އެއަރޕޯޓްގެ އައު ޓރމިނަލްގެ މަސައްކަތަށް މިހާތަނަށް 812 މިލިއަން ޑޮލަރު (12.5 ބިލިއަން ޑޮލަރު) ގެ ދަރަނި ސަރުކާރުން ވަނީ ނަގާފައެވެ. މިއީ 2016 ވަނަ އަހަރު ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ފެއްޓެވި ޕްރޮޖެކްޓެކެވެ.
ރިއެކްޝަންސް






